Roadha Mihaaru

ރާއްޖެއިން ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް ހުއްދަ ނެތި އެކްސެސްވުމުގެ ބާރު ފުލުހުންނަށް ދޭން ފާސްކޮށްފި

ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި، އެ ގައުމެއްގެ ހުންނަ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުންނަ ޑޭޓާ ލިބިގަތުން ނުވަތަ އެ ޑޭޓާއަށް އެކްސެސްވުމުގެ ބާރު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޑޭޓާއަށް އެކްސެސްވުމުގެ ބާރު ފުލުހުންނަށް ދޭންފާސްކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

09 ޑިސެމްބަރ 2024

ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި، އެ ގައުމެއްގެ ހުންނަ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުންނަ ޑޭޓާ ލިބިގަތުން ނުވަތަ އެ ޑޭޓާއަށް އެކްސެސްވުމުގެ ބާރު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމުން 58 މެންބަރަކު ވަނީ އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.

މި އިސްލާހަކީ ކުރީގެ ސަރުކާރުން ޑްރާފްޓްކޮށް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި ބިލެކެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު ވެސް އެ ބިލާ މެދު އެއްވެސް ގޮތެއް ނިމިފައިނުވާތީ، އާ މަޖިލީހަށް އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅީ ކުރިން ވެސް ބިލް އޮތްގޮތަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މި އިސްލާހަކީ ސައިބާ ކްރައިމްތައް ހުއްޓުވުމަށް ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހެކެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުރާ ކުށަކާ ގުޅިގެން ނުވަތަ ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ އެ ނޫން ވެސް ކުށަކާ ގުޅިގެން ބޭރު ގައުމެއް ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ނުވަތަ 24/7 ނެޓްވޯކަކާ އެކު ރާއްޖޭގެ އިދާރާތަކަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި މައުލޫމާތު ހޯދުމުގެ ބާރު ވެސް އިސްލާހުގައި ދީފައިވެ އެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައި ހުރި ކޮމްޕިއުޓަރު ޑޭޓާ ހާމަކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތުގެ ރުހުން، ގާނޫނާ އެއްގޮތަށް ހޯދުމަށްފަހު ރާއްޖޭގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއް ބޭނުންކޮށްގެން އެ ޑޭޓާ ލިބިގަނެވޭނެ ކަމަށާއި ނުވަތަ އެ ޑޭޓާއަށް އެކްސެސްވެވޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައިހުރި ޑޭޓާއަށް އެކްސެސްވެވޭނީ ދެ ހާލަތެއްގަ އެވެ. އެއީ؛

- އަމިއްލަ ފަރުދުންގެ ފުރާނައަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުން

- ރާއްޖޭގައި ގެއްލުން ލިބުނު މީހުންގެ އަދަދަށް ބަލާއިރު ނުވަތަ ގެއްލުމުގެ މިންވަރަށް ބަލާއިރު އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް މެދުވެރިވުން.

ބޭރު ގައުމެއްގެ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަމާ ގުޅޭ ބޭރު ގައުމަކަށް އެ ޑޭޓާ ލިބިގަތް ނުވަތަ ޑޭޓާއަށް އެކްސެސްވި އިދާރާއިން އަންގަންވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ތަހުގީގަކަށް ނުވަތަ ޝަރީއަތަކަށް ހޯދާފައިވާ އެއްވެސް މައުލޫމާތަކީ ބޭރު ގައުމަކަށް ނޫނީ އެޖެންސީއަކަށް ބޭނުންވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ބޭރު ގައުމަކުން ނުވަތަ އެޖެންސީއަކުން ހުށަހެޅުމުން އެ މައުލޫމާތު ހިއްސާ ކުރެވިދާނެ އެވެ.

އެ މައުލޫމާތެއް ރައްކާތެރިކޮށްދީ، ރާއްޖޭގެ ކޮމްޕިޓަރެއްގައި ހުރި ޑޭޓާއަށް އެކްސެސްވެ، އެ މައުލޫމާތެއް ހޯދުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ބޭރު ގައުމަކުން ނުވަތަ އެޖެންސީއަކުން ހުށަހެޅުމުގެ އިހްތިޔާރު ވެސް އިސްލާހުގައި ވަނީ ދީފަ އެވެ. އަދި މި ހާލަތުގައި ޕްރޮސިކިއުޓާ ޖެނަރަލް އަމަލު ކުރަން ޖެހޭ ގޮތް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށްތަކާ ގުޅިގެން ހިންގާ ތަހުގީގާއި ޝަރީއަތްތަކަށް އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް 24 ގަޑިއިރު މުއާމަލާތް ކުރެވޭނެ ފަރާތެއް، ފުލުހުންގެ ހިދުމަތުގައި ގާއިމް ކުރަން ވެސް އެ އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ.

24/7 ނެޓްވޯކް އިން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން:

- ޑޭޓާ ޕްރިޒާވްކުރުން

- އިލެކްޓްރޯނިކް ހެކި ހޯދުން

- ގާނޫނީ މައުލޫމާތު ދިނުން

- ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވީތަނެއް ހޯދުން

- ފަންނީ ލަފާ ދިނުން.