Roadha Mihaaru

ފުލުހުންނަށް ނުފޫޒު ފޯރުވާ ނަމަ ކުރީގެ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި: އިހުސާން

ހޯމްލޭންޑް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިވަގުތު ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

25 ފެބުރުއަރީ 2025

ހޯމްލޭންޑް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިވަގުތު ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ތުހުމަތުތަކެއްކޮށް އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހަޅާފައިވާ، އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މައްސަލައަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިހުސާން ވަނީ އޭނާ އަށް އެމްޑީޕީން ކޮށްފައިވާ ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވައިފަ އެވެ.

އިހުސާނަށް އެމްޑީޕީން ކޮށްފައިވާ އެއް ތުހުމަތަކީ ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުމެވެ.

"ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭނެ،" އިހުސާން

އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ، އެއީ އެއްވެސް ވަރަކަށް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށާއި ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީގެ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުން މިއަދު މިނިވަންކޮށް ތިއްބެވީ ގޯސްކޮށް ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ތުހުމަތުވާ ކަންކަމުގެ ތަހުގީގުތައް ދައުލަތުން ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރަމުން އަންނަނީ ފުލުހުންނަށް ގާނޫނުގެ ތެރެއިން ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭނެ،" އިހުސާން ވިދާޅުވި އެވެ.

ސަރުކާރުގެ ބޭފުޅުންގެ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އަޅާ ވާހަކައާ ގުޅިގެން އިހުސާން ވިދާޅުވީ، ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މައްސަލަ މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެފްއެސްއެމްގެ ވަގަށް ތެޔޮ ވިއްކި މައްސަލައާއި އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަ އާއި ކަރެކްޝަންސް އާއި އިމިގްރޭޝަންގެ މައްސަލަތައް ފަދަ މައްސަލަ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ތަހުގީގުތަަކަށް ހުރަސް އަޅާ ނަމަ އެ އިން އެއްވެސް މައްސަލައެއް ނުބަލާނެ ކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރު މިފަދަ އެއްވެސް މައްސަލައެއް ބަލާފައި ނުވާ ކަމަށެވެ.