Roadha Mihaaru
ޔޫވީއާ މެދު ސަމާލުވާން ޖެހޭ ކަންކަން ގިނަ: ނިއު

ޔުނައިޓެޑް ވިކްޓަރީއާ މެދު ސަމާލުވާން ޖެހޭ ކަންކަން ގިނަ: ނިއު

08 މާޗް 2017

ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިވި ނަމަވެސް އެ ޓީމުގެ ފަރާތުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ފެނުނު ކަމަށާއި އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނާނީ ވަރަށް އުނދަގޫ މެޗެއްގެ ގޮތުގައި ދެކިގެން ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިވި ނަމަވެސް އެ ޓީމުގެ ފަރާތުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ފެނުނު ކަމަށާއި އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނާނީ ވަރަށް އުނދަގޫ މެޗެއްގެ ގޮތުގައި ދެކިގެން ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި އާދައިގެ ޓީމެއްގެ ގޮތުގައި އޮތް ނިއު ވަނީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ހަތަރު ފަހަރު ކުރި ހޯދައިފަ އެވެ. މި އަހަރު ދެ ޓީމު އޮތް ފެންވަރަށް ބަލާއިރު މެޗުގެ ފޭވަރިޓަކީ ނިއު އެވެ. އެކަމަކު ޕޯޗުގަލަށް އުފަން ޓަވަރޭސް ބުނީ ދަނޑު ބޭރުގައި އެހާ ގިނަ ވާހަކަދައްކަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ދަނޑުމަތިން މަސައްކަތްކުރުން ކަމަށެވެ.

"ޔުނައިޓެޑް ވިކްޓަރީ އަކީ މިދިޔަ އަހަރުގެ ލީގުގެ ހަތަރު ވަނަ ޓީމު. އެކަމަށް އަހަރެމެން އެ ޓީމަށް އިހުތިރާމްކުރަން. މި ފަހަރު ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް އަހަންނަށް ޕޮޒިޓިވް ކަންތައްތަކެއް ފެނުނު. ވަކިވަކި ކުޅުންތެރިންނަށް ވުރެ ޓީމެއްގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ފެނުނީ. މިއީ އެއްގޮތަކަށް ވެސް ފަސޭހަވާނެ މެޗެއް ނޫން،" ޓަވަރޭސް ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެފައި އޮތުމަކީ މި ސީޒަނުގައި އެޑްވާންޓޭޖަކަށް ނުވާނެ ކަމަށާއި ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން ކުރީ މެޗުގައި ވެސް ފެނުނީ ކޮންމެ ބޯޅައަކަށް ވެސް މަސައްކަތްކުރިތަން ކަމަށެވެ. އަދި މާދަމާ މެޗު ކުޅެނީ ހަވީރު ގަޑީގައި ކަމަށްވުމުން ހޫނުގެ ސަބަބުން އެންމެ މަތީ ފެންވަރުގައި ޕާފޯމްނުކުރެވިދާނެތީ އެކަން ވެސް އޭނާ ފާހަގަކުރި އެވެ.

"އަހަރެމެން ޓީމު ވެސް ޖެހޭނެ ކުރީ މެޗަށް ވުރެ ރަނގަޅުކުރަން. އެއީ ފުޓްބޯޅައިގައި އަބަދުވެސް މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަން ޖެހޭތީ. އެކަމަކު އަހަރެން ބޮޑަށް ބޭނުންވަނީ ދަނޑުބޭރުގައި ވާހަކަތައް ދެއްކުމަށް ވުރެ ދަނޑުމަތިން ވާހަކަދައްކަން. ނަތީޖާ ވަރަށް މުހިއްމު،" ޓަވަރޭސް ބުންޏެވެ.

ޓަވަރޭސް ވަނީ ފުރަތަމަ މެޗުގައި ނިއުގެ ސަޕޯޓަރުން ދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ. އޭނާ ބުނީ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާ ހަމަޔަށް ސަޕޯޓަރުން އަޑުކަނޑާނުލައި ސަޕޯޓްދިން ކަމަށާއި އެކަން ކޮންމެ މެޗެއްގައި ތަކުރާރުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ޔުުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ނިއު އަތުން މިދިޔަ އަހަރު އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ނުހޯދުނު ކަމަށާއި މިދިޔަ އަހަރަށް ވުރެ ނިއު ވަރުގަދަވެފައިވީ ނަމަވެސް އަމާޒަކީ އެ ޓީމަށް ވަރުގަދަ ފައިޓެއް ދިނުން ކަމަށެވެ.

"ނިއު އަށް ރެސްޕެކްޓްކުރަން. އެކަމަކު އެ ޓީމަށް ރަނގަޅު ފައިޓެއް ދޭނަން. މިދިޔަ އަހަރު ނިއު އަތުން އެންމެ ޕޮއިންޓެއް އަހަރެމެންނަށް ނުލިބޭ. މި ފަހަރު ނިއު މިއޮތީ ވަރަށް ވަރުގަދަކޮށް. އެކަމަކު މަސައްކަތްކުރާނަން އެކަން ބަދަލުކުރަން،" އާތީ ބުންޏެވެ.

އޭނާ ބުނީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި 2-0 ގެ ނަތީޖާއެއް ނުކުތް އިރު ދެ ވަނަ ހާފުގައި އެ ޓީމު ކޮޅަށް ލަނޑެއް ނުވަންނަކަން ފާހަަގަކުރާ ކަމަށާއި އަދި ދެ ވަނަ ހާފުގައި ޖުމްލަކޮށް ރަނގަޅު ފައިޓެއް ދިން ކަމަށެވެ. އެ މެޗުގައި ދެއްކި ޕާފޯމަންސުން ފެނުނު ޕޮޒިޓިވް ކަންތައްތަކާ އެކު މާދަމާ ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

އާތީ ވަނީ ލީގުގެ ޝެޑިއުލުގައި ބެލެންސެއް ނެތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ބައެއް ޓީމުތައް އެއް މެޗު ކުޅުނުއިރު އަނެއް ޓީމުތައް ދެ މެޗު ކުޅުމާއި އަދި ބައެއް ޓީމުތަކުން އެއްވެސް މެޗެއް ނުކުޅޭއިރު ބައެއް ޓީމުތަކުން ދެ މެޗު ކުޅެފައިވާކަން އޭނާ ފާހަގަކުރި އެވެ. އަދި ޔުނައިޓެޑް ވިކްޓަރީ އަށް ހަވީރު ފަސް މެޗު ކުޅެން ޖެހިފައި ރޭގަނޑު ދެ މެޗު ކުޅެން ޖެހޭއިރު، އެކަމުގައި ވެސް ބެލެންސެއް ނެތުމުން އޭނާ އެކަން ފާހަގަކުރި އެވެ.

"އަށް ޓީމު މި އޮންނަނީ މިއީ ބެލެންސް އަދަދެއް. އެހެންކަމުން އެއް މެޗު ހަވީރު ކުޅެފައި އަނެއް މެޗު ރޭގަނޑު ކުޅެން ރޭވިދާނެ. އެނގިގެން ނަމަވެސް އަދި ނޭގި ނަމަވެސް، މިގޮތަށް ރޭވިފައި އޮތުމުން އޭގެ ސަބަބުން ޓީމުތަކަށް ސަތޭކަ ޕަސެންޓް އަސަރުކުރާނެ،" އާތީ ބުންޏެވެ.

އޭއެފްސީ ކަޕުގައި ވެލެންސިއާ އަދި ޝެއިހް ކަމާލް ގޯލްޑް ކަޕުގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުތަކަށް ލީގުގެ ޝެޑިއުލަަށް ގެނައި ބަދަލުތަކާ އެކު ޓީމުތަކަށް މިހާތަނަށް ކުޅެފައިވާ މެޗުގެ އަދަދުގައި ފަރަގުތަކެއް އެބަހުއްޓެވެ.