Roadha Mihaaru

ފެނަކައިގެ އާ އެމްޑީއަކަށް ސިފައިންގޭގައި 21 އަހަރު ހޭދަކުރެއްވި ނަޖާހް

ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރަކަށް ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފި އެވެ.

ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

23 ޑިސެމްބަރ 2024

ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރަކަށް ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފި އެވެ.

ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ.

ނަޖާހު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.

ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހް މި އައްޔަން ކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 28 އިން ފެށިގެން އެ މަގާމު ފުރުއްވި މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ ފިޔަވަޅު އެޅުއްވީ ފެނަކައިގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެ އެވެ.

އޭނާގެ އިސްތިއުފާ ސިޓީގައިވާ ގޮތުން ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑު ކުރުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަށް ވެއްޓިފައިވާ ކަމަށެވެ.

ރަށްރަށުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޮވެމްބަރު 28، 2023 ގައި އައްޔަން ކުރެއްވި މުއާޒް ވަނީ ފެނަކަ އިނދަޖެހި، އެ ކުންފުންޏާއިގެ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމުގެ އިންޒާރު މި މަހުގެ ކުރީކޮޅު ވެސް ދެއްވައިފަ އެވެ.

އިސްތިއުފާގެ ސިޓީގައި މުއާޒު ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރެއްވީ ގިނަ ގޮންޖެހުންތަކާ އެކު ކަމަށެވެ. އެކަމަކު، ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެއްވި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލް ނުކުރެވޭ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެ އެވެ.