Roadha Mihaaru

ބްރެޒިލް ލެޖެންޑުގެ މެޗަކާއި، ސަމިޓެއް އިންޑިއާގައި ބާއްވަނީ

އިންޑިއާ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، ބްރެޒިލް ފުޓްބޯޅަ ލެޖެންޑުން ގެނެސްގެން ހާއްސަ މެޗެއް ކުޅޭށާއި، ސަމިޓެއް ބާއްވަން ރާވައިފި އެވެ.

ބްރެޒިލް ލެޖެންޑުގެ މެޗަކާއި، ސަމިޓެއް އިންޑިއާގައި

އިންޑިއާ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، ބްރެޒިލް ފުޓްބޯޅަ ލެޖެންޑުން ގެނެސްގެން ހާއްސަ މެޗެއް ކުޅޭށާއި، ސަމިޓެއް ބާއްވަން ރާވައިފި އެވެ.

މިއީ އިންޑިއާގެ ދެކުނުގެ ޗެންނާއީ އަށް ނިސްބަތްޗާ ފުޓްބޯލް ޕްލަސް އެކަޑަމީން ރާވާ ހަރަކާތެކެވެ.

އެގޮތުން މި ހަރަކާތުގައި ފުރަތަމަ އޮންނާނީ އަންނަ އަހަރުގެ މާޗު 30 ވަނަ ދުވަހު ޗެންނާއީގެ ނެހުރޫ ސްޓޭޑިއަމުގައި، ބްރެޒިލް ލެޖެންޑުންނާއި އިންޑިއާ ލެޖެންޑުން ބައްދަލުކުރާ މެޗެކެވެ.

މި މެޗުގައި، ބްރެޒިލާ އެކު 2002 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންގެ ތެރެއިން ކަކާ އާއި ރިވާލްޑޯ އަދި ރޮނާލްޑީނިއޯ ބައިވެރިވާނެ އެވެ. އަދި އިންޑިއާ ލެޖެންޑުގެ ޓީމަށް އެ ގައުމުގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭ ހިމެނޭ ބައިޗުން ބުޓިއާ އާއި ސުނިލް ޗެތުރީ ވެސް ކުޅޭނެ ކަމަށް ބެލެވެ އެވެ.

ސަމިޓް އޮންނާނީ މާޗު 31، އަދި އޭޕްރިލް 1 ވަނަ ދުވަހު އެވެ. މި ސަމިޓުގައި ބްރެޒިލް ލެޖެންޑުން ކީނޯޓް ތަގުރީރުދީ، ޕެނަލް ޑިސްކަޝަން ބާއްވައި، ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

ފުޓްބޯލް ޕްލަސް އިން ބުނީ މި ހަރަކާތުގެ ބޭނުމަކީ އިންޑިއާގެ ފުޓްބޯޅަ ސިސްޓަމް ރަނގަޅުކޮށް ބައިނަލްއަގްވާމީ ގުޅުންތައް ގާއިމްކުރުން ކަމަށެވެ. އެ އެކަޑަމީއާ ގުޅިގެން މަސައްކަތްކުރާ ބްރެޒިލް ސްޕޯޓްސް އެކަޑަމީން ބުނީ އިންޑިއާގައި ހުނަރުވެރި ކުޅުންތެރިން ގިނަ ކަމަށާއި، މިއީ ބަދަލެއް ގެނެވޭނެ ހަރަކާތެއް ކަމަށެވެ.

އިންޑިއާގައި އެންމެ މަގުބޫލީ ކްރިކެޓް ނަމަވެސް ފަހަކަށް އައިސް ފުޓްބޯޅަ އަށް ވެސް އަންނަނީ ތަރުހީބު ލިބެމުންނެވެ. އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުން ވެސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.