Roadha Mihaaru
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ދިފާއުކޮށްފި

ކުވައިތު ބަލިކޮށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ދިފާއުކޮށްފި

04 ޖުލައި 2023

ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ފައިނަލްގައި ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު 1-1 އިން ނަތީޖާ އެއްވަރު ވެގެން ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ކުވެއިތުގެ މައްޗަށް ކުރި ހޯދައި އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ފައިނަލްގައި ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު 1-1 އިން ނަތީޖާ އެއްވަރު ވެގެން ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ކުވެއިތުގެ މައްޗަށް ކުރި ހޯދައި އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

އިންޑިއާގައި އޮތް މި މުބާރާތުގެ ފައިނަލަށް ވެސް އިންޑިއާ ދަތުރު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިންޑިއާ ވަނީ ލެބަނަންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިރޭގެ ކާމިޔާބާ އެކު އިންޑިއާ އިން ވަނީ ނުވަވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ކުވެއިތާއި ލެބަނަން އަކީ ވެސް ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ ދެ ގައުމެވެ. ކުވެއިތާއި ލެބަނަން އަށް ދައުވަތު ދީގެން މި މުބާރާތް ކުރިއަށް ގެންދިޔައިރު، މިއީ ސަރަހައްދުން ބޭރުގެ ގައުމުތަކަށް ދައުވަތު ދީގެން ސާފް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2009 ވަނަ އަހަރު އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށްފަ އެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި 26،380 ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް ގޯލާ އަމާޒުކޮށް ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް ފޮނުވައެއް ނުލެވެ އެވެ.

އެކަމަކު ކުވެއިތުން ވަނީ މެޗުގައި އެޓީމުން ގޯލާ އަމާޒުކޮށްލި ފުރަތަމަ ބޯޅައިން ލީޑު ނަގައިފަ އެވެ. އެޓީމު ފައިނަލަށް ގެންގޮސްދިން އަބްދުﷲ އަބްލޯޝީ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެން 14 ވަނަ މިނިޓުގައި މި ގޯލު ޖަހައިދިނީ ޝަބައިބް އަލް ހަލްދީ އެވެ.

ކުވެއިތުން ލީޑު ނެގިތާ މާ ގިނައިރެއް ނުވެ އިންޑިއާ އިން ވަނީ ކުވެއިތުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅައެއް ލަލިއަންޒުއާލާ ޗަންގްޓޭ އެއްފަހަރުން ގޯލުގެ ތިރީ ކަނާ ދިމާއަށް ފޮނުވާލި ނަމަވެސް ކީޕަރު އަބްދުއްރަހްމާން މަރުޒޫގް ދިފާއު ކުރި އެވެ. ކީޕަރު އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅައަށް ވެސް ޗަންގްޓޭ މަސައްކަތް ކުރި އިރު، މާ ރަނގަޅަށް ފޮނުވާ ނުލެވި އުޅެނިކޮށް އެ ބޯޅަ ބޭރު ކޮށްލީ ކުވެއިތުގެ ކެޕްޓަން ހާލިދު ހާޖިއާ އެވެ.

މި ހާފުގައި ކުވެއިތުގެ ޑިފެންޑަރު ހަސަން އަލަނޭޒީ އާއި އިންޑިއާގެ ޒުވާން ޑިފެންޑަރު އަންވަރު އަލީ ވެސް ވަނީ އަނިޔާ ވެގެން ބަދަލު ކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ޗަންގްޓޭ އެވެ. ހާފުގެ 38 ވަނަ މިނިޓުގައި އޭނާ މި ގޯލު ޖެހީ މަހޭޝް ސިންގް ނޯރެމް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް މެޗުގެ ރެފްރީކަން ކުރި ނޭޕާލްގެ ފީފާ ރެފްރީ، ޗެތުރީ ޕްރަޖްވޯލްގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައި ވެއެވެ. ހަމަ އެއާ އެކު ދަނޑުގައި ތިބި އިންޑިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރެފްރީއަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތަކުން ސްޓޭޑިއަމްގައި އަޑު ގުގުމާލައިފަ އެވެ.

މެޗުގައި ކުވެއިތުން އުފެއްދި ގިނަ ހަމަލާތައް ދިފާއު ކުރުމުގައި އިންޑިއާގެ ތަޖުރިބާކާރު ޑިފެންޑަރު ސަންދޭޝް ޖިންގަން ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި އޭނާ އަށް ދެ ރީނދޫ ކާޑު ދެއްކުމުގެ ސަބަބުން ސެމީ ފައިނަލް މެޗުގައި އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކުވެއިތުގެ މަހުދީ ދަސްތީ ވަނީ ނުރައްކާތެރި ހަމަލާއެއް އިންޑިއާގެ ގޯލަށް ފޮނުވާލައިފަ އެވެ. ނަމަވެސް ކީޕަރު ގުރުޕްރީތު ސިންގް ސާންޑޫ ވަނީ އެ ހަމަލާ ހުށިޔާރު ކަމާ އެކު މަތަކޮށްފަ އެވެ.

އިތުރު ވަގުތުގެ ފަހު ހާފު ފެށި ގޮތަށް ކުވެއިތަށް ލީޑު ނަގައިދިން އަލް ހަލްދީ ފޮނުވާލި ހަމަލާއެއް ކީޕަރާ ހަމައަށް ދިޔުމުގެ ކުރިން ބޯޅަ ބްލޮކް ކުރީ ޑިފެންޑަރު މެހެތާބް ސިންގް އެވެ. އަދި އިތުރު ވަގުތުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޗަންގްޓޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ.

މިރޭގެ ފައިނަލް މެޗުގައި އިންޑިއާ ޓީމަށް އިރުޝާދު ދިނީ، ސެމީ ފައިނަލް މެޗުގައި ވެސް އެޓީމަށް އިރުޝާދު ދިން އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ އެވެ. ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ވެސް އެޓީމަށް އިރުޝާދު ދިނީ އޭނާ އެވެ.

އިންޑިއާ އިން ކުވެއިތާ ދެކޮޅާށް ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާ ޓީމުގެ ހެޑް ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން އޭނާ ހުރީ ސެމީ ފައިނަލް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބެލުމަށް ފަހު ސްޓިމަކް އަށް ވަނީ ދެ މެޗުގެ ސަސްޕެންޝަނަކާ އެކު 500 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ކުޅުނު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެސް ސްޓިމަކް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.