ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުންނާއި އޭސީސީން ފަށާފައިވާތީ، ހެކި ހޯދަން ފުލުހުން ގާއިމްކުރި ޕޯޓަލް އަށް މިހާތަނަށް 16 މީހަކު މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުންނާއި އޭސީސީން ފަށާފައިވާތީ، ހެކި ހޯދަން ފުލުހުން ގާއިމްކުރި ޕޯޓަލް އަށް މިހާތަނަށް 16 މީހަކު މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، މިދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި 16 މީހަކު ތަހުގީގަށް ބޭނުންވާ މައުލޫމާތު ދީފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައި ކަމަށެވެ.
ފުލުހުންގެ މި ހާއްސަ ޕޯޓަލް މެދުވެރިކޮށް ތަހުގީގަށް މައުލޫމާތު ދޭން ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްތައް ދޫކުރުމުގައި ހިންގާފައިވާ ޖަރީމާތައް ބަލަން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ.
"މައުލޫމާތާއި ހެކި ހިއްސާ ކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ އެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާ ކުރެއްވިދާނެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައި ވަނީ ޕޯޓަލް އަށް ލިބޭ މައުލޫމާތުތަކަށް ބަލައި، އެއްވެސް މީހަކާ މެދު ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ނަމަ ޖިނާއީ ތަހުގީގުގެ ތެރެއިން ބަލައި ދައުވާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.
"އެއްވެސް ބޭފުޅަކާ ދޭތެރޭގައި ނާޖާއިޒު ގޮތެއްގައި ކަމެއް ކޮށްފައި އޮތީ ނުވަތަ އުސޫލުން ބޭރުން އަމަލު ކޮށްފައި އޮތީ. އެހެންވެއްޖެ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން އެ ކަމެއް ބަލާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ޝުޖާއު ވިދާޅުވެފައި ވެ އެވެ.
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނާއި އޭސީސީ އަށް ޕީޖީ އަމުރު ކުރެއްވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
ޕީޖީގެ އަމުރެއް އައީ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ގޯތީގެ ރަޖިސްޓްރީގައި ނެތި އޭނާ އަށް ގޯއްޗެއްގެ ހުއްދަ ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެ، ގޯތިތަކުގެ މައްސަލަ ވަރަށް ބޮޑުވުމުންނެވެ. އެ ހޫނުގަނޑުގެ ތެރޭގައި ފަޒުލް މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، މިދިޔަ ހަފުތާގެ މި މަހުގެ 21 ވަނަ ދުވަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއަކުން ދަންނަވައިފަ އެވެ. ފަޒުލްއާ އެކު، އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ހިމެނޭ ގޮތުން 20 މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
އެޗްޑީސީގެ ތަހުގީގު: ފުލުހުންނާއި އޭސީސީ މަޝްވަރާއަށް
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް