ޕަޕުއާ ނިއުގިނީގެ ބަޔަކު އިންސާނުންގެ މަސް ކަނިކޮށް ނަގާފައި ހުރި ކަމަށް ބެލެވޭ ފޮޓޯތަކެއް އާންމުވެއްޖެ އެވެ.
ޕަޕުއާ ނިއުގިނީގެ ބަޔަކު އިންސާނުންގެ މަސް ކަނިކޮށް ނަގާފައި ހުރި ކަމަށް ބެލެވޭ ފޮޓޯތަކެއް އާންމުވެއްޖެ އެވެ.
މި ފޮޓޯތައް އާންމުވުމާ އެކު އެއީ ޕަޕުއާ ނިއު ގިނީ ސިފަކޮށްދިނުމަށް ދެއްކޭނެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ ޕޮލިސް މިނިސްޓަރު ވަނީ އެކަން ތަހުގީގުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕަޕުއާ ނިއުގިނީގެ އެންމެ ބޮޑު ނޫހުގެ ބޭރުގަނޑުގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ އިންސާނެއްގެ ފައި ކަމަށް ބެލެވޭ ބައެއް ހިފައިގެން ބޮޑެތި ވަޅިތަކަކާ އެކު ތިބި ބައެކެވެ.
އެ މީހުން އިންސާނުންގެ މަސް ކަނިކޮށް ފޮޓޯއެއް ނެތް ނަމަވެސް އެތަނުން އެކަކު ކެމެރާއަށް ބަލަން ހުރެ، ކެއުމުގެ ގޮތުން ލޮވުމުގެ އިޝާރާތެއް ކުރެ އެވެ.
ފުލުހުންގެ މިނިސްޓަރު ޕީޓާ ސިއާމަލިލީ ވިދާޅުވީ ކެނިބަލިޒަމްގެ ބިރުވެރި އަމަލުތައް ދައްކުވައިދޭ ފޮޓޯތަކެއް ފެނުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
"މިއީ ދެބެއިންގެ ދެމުދުގައި ހިނގި އަނިޔާވެރި ކުރިމަތިލުމަކުން ނުކުތް ހިތްދަތި ނަތީޖާއެއް،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.
"މި ހަމަނުޖެހުމުގެ ތެރޭ އަވަށުގެ މީހުން ދެބެއިންގެ ފަހަތަށް އަރައި [ހަމަނުޖެހުމަށް ހިތްވަރު ދިނީ] . އާއިލާގައި ހަގަށް ތިބި މީހުން ދޮށީ ބޭބެ މަރާލީ."
އާދީއްތަ ދުވަހު ސިއާމަލިލީ ނެރުއްވި ވަކި ބަޔާނެއްގައި ވިދާޅުވެފައިވަނީ "މިފަދަ އަނިޔާވެރިކަމަކީ އަޅުގަނޑުމެންނަކީ ރައްޔިތުން ނުވަތަ ގައުމު މާނަކޮށްދޭ ކަމެއް ނޫން" ކަމަށެވެ.
ޒުވާނުންގެ ބަޔަކު ހިންގާ މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން މުޅި ގައުމަށް ސިހުން ލިބުމުގެ އިތުރުން ގައުމުގެ އަސާސްތަކަށް ވެސް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިމަސް ކެއުމުގެ ހާދިސާގެ ފޮޓޯ ކަމަށް ބުނެ ނޫހުގައި ޝާއިއުކުރި ފޮޓޯއެއް
މިނިސްޓަރު ވިދާޅުވީ މި ހާދިސާގެ ވީޑިއޯ އަދި އާންމުވިޔަސް މިއީ މީގެ މަހެއްހާ ދުވަސް ކުރިން ގޮއިލާލާ ޑިސްޓްރިކްތްގައި ހިނގާފައިވާ ހާދިސާއެއް ކަމަށެވެ.
ޕަޕުއާ ނިއު ގިނީގައި ޒަމާނުންސުރެ ހިނގަމުން އަންނަ، އާދަޔާ ހިލާފް އެކި ކަންކަމުގެ ތެރޭގައި އަނިޔާވެރި އަމަލުތައް ގިނަ ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. އަދި އެ ގައުމުގެ އެހަހެރި ބައެއް ގަބީލާތަކުގެ މީހުންގެ ތެރޭގައި، މިނިމަސް ކެއުމަކީ ކޮށް އުޅުނު ކަމެއްކަން ތާރީހީ ލިޔުންތަކުން އެނގެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ އަހަރު ވަނީ އޭނާގެ ބޮޑުބޭބެއެއް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕައުއާ ނިއު ގިނީއަށް ފައިޓަ ޖެޓެއްގައި ވެއްޓުމުން ބަޔަކު އޭނާ ކާލީ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.
"އޭނާ ދުއްވި ފައިޓަ ޖެޓް ވައްޓާލީ ނިއު ގިނީއަށް. ހަށިގަނޑެއް ނުފެނުނު. އެއީ މިނިކަން ކެއުން ވަރަށް އާންމު ދުވަސްވަރެއް. ހަމަ ހަގީގަތުގައި ވެސް އެއީ ނިއު ގިނީގެ ބައެއް ހިސާބުތަކުގައި އޮތް ކަމެއް،" ބައިޑެން ވިދާޅުވެފައިވެ އެވެ.
އެކަމަކު ޕަޕުއާ ނިއުގިނީގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭ ފަހުން ވަނީ އެއީ ބައިޑެން އަށް އޮޅިގެން ވިދާޅުވެވުނު ވާހަކައެއް ކަމަށް މާނަކޮށްފަ އެވެ. -- އޭއެފްޕީ