މީގެ އަހަރެއްހާ ދުވަސް ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އިބްރާހިމް އިޔާސް ހަވާލުވެވަޑައިގަތް އިރު އެ ކުންފުނީގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ކޮވިޑާ ގުޅިގެން ލިބުނު ގެއްލުމާ ހެދި އައިއޭއެސް އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރެވޭކަށް ނެތެވެ. ދަރަނި އޮތީ ހިންދަމައިލެވޭ ވަރަށް ވުރެ މާ މަތީގަ އެވެ. އައިއޭއެސްގައި މަސައްކަތް ކުރައްވާތާ 15 އަހަރެއްހާ ދުވަހުގެ ތަޖުރިބާ ހުރި އިޔާސް އެ ގޮންޖެހުންތަކާ އެކު ވެސް ބެއްލެވީ ކުންފުނި ނަގައި ކޮޅަށް ޖެހޭ ގޮތެއް ހޯއްދެވޭނެ ގޮތެކެވެ.
13 ޖެނުއަރީ 2025
މީގެ އަހަރެއްހާ ދުވަސް ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އިބްރާހިމް އިޔާސް ހަވާލުވެވަޑައިގަތް އިރު އެ ކުންފުނީގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ކޮވިޑާ ގުޅިގެން ލިބުނު ގެއްލުމާ ހެދި އައިއޭއެސް އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރެވޭކަށް ނެތެވެ. ދަރަނި އޮތީ ހިންދަމައިލެވޭ ވަރަށް ވުރެ މާ މަތީގަ އެވެ. އައިއޭއެސްގައި މަސައްކަތް ކުރައްވާތާ 15 އަހަރެއްހާ ދުވަހުގެ ތަޖުރިބާ ހުރި އިޔާސް އެ ގޮންޖެހުންތަކާ އެކު ވެސް ބެއްލެވީ ކުންފުނި ނަގައި ކޮޅަށް ޖެހޭ ގޮތެއް ހޯއްދެވޭނެ ގޮތެކެވެ.
ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ ދަރަނި އޮތް އައިއޭއެސްގެ އެ ހާލަތު ބަދަލުކޮށް، ކުންފުނި ރަނގަޅު މަގަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ފަށަން ޖެހުނެވެ. ބައިނަލްއަގްވާމީ ދަތުރުތައް ކުރަން ގެންގުޅުނު، އެއް ބޯޓު ދޫކޮށްލަން ޖެހުން ވީ ހާލަތު ރަނގަޅު މަގަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށެވެ. އެހެންވެ، ސަރުކާރުގެ މަޝްވަރާއާ އެކު ދުރުރާސްތާ ދަތުރުތައް ކުރެވޭނެ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ފެށި އެވެ.
އާ ޕްލޭނެއްގެ ދަށުން ފެށި މަސައްކަތުގެ ތެރެއިން މިހާރު އައިއޭއެސް ވަނީ ދުރުރާސްތާ ދަތުރުތައް ފެށުމަށް އާ ބޯޓެއް ހޯދައިފަ އެވެ. އެއީ އެ ކުންފުނީގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. އިޔާސް ވެސް ދެކެވަޑައިގަންނަވަނީ އެގޮތަށެވެ. އައިއޭއެސްއަކީ މާލީ ގޮތުން މިނިވަން ކުންފުންޏަކަށް ހެދުމަށްޓަކައި ފެށި އެ މަސައްކަތް ކުރިއަށް އޮތް ދެ ތިން އަހަރަށް ކުރިއަށް ގެންދަން އޭނާ ބޭނުންވެ އެވެ.
"ކޮވިޑުގެ ކުރިން އަޅުގަނޑުމެން ވަރަށް ގިނަ މަންޒިލްތަކަށް ދަތުރު ކުރަމުން އައި އެއާލައިނެއް މިއީ. ގާތްގަނޑަކަށް ޗައިނާގެ ހަ މަންޒިލަކަށާއި ޑާކާ އާއި އިންޑިއާ އަށް ދަތުރުތައް ކުރިން. އެކަމަކު އަޅުގަނޑު ހަވާލުވި އިރު އޮތީ [ބޭރަށް ދަތުރުކުރާ ދެ ބޯޓުގެ ތެރެއިން] އެއް ބޯޓު ދޫކޮށްލާފައި،" މިހާތަނަށް މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އިޔާސް ވިދާޅުވި އެވެ.
އިޔާސް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެތިން އަހަރު އެ އެއާލައިންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށާނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަކީ މާބޮޑު ފައިދާއެއް ނުލިބުނަސް 2019 ވަނަ އަހަރާ ހަމައަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ވަމުން އައި ކުންފުންޏެކެވެ. އެއާލައިންތަކަކީ ވަރަށް ކުޑަ މާޖިނެއްގައި އޮޕަރޭޓު ކުރާ ކުންފުނިތަކަށް ވާއިރު ކޮވިޑާ ގުޅިގެން ކުންފުނި ޖެހުނީ އަނެއްކާ ސުމަކުން ފަށާށެވެ.
އެ ކުންފުންޏަށް 2020 ވަނަ އަހަރު އެކަނި ވެސް ވަނީ 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. ޕީސީބީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން 2023 ވަނަ އަހަރު އައިއޭއެސް ގެއްލުމުގެ އަދަދަކީ 71 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު 490 މިލިއަން ރުފިޔާ ގެއްލުންވި އެވެ. މި ގެއްލުންތައް ކުޑަކުރަމުން އަންނަ އިރު 2023 ވަނަ އަހަރުގެ އާމްދަނީ ވެސް ވަނީ 2022 ވަނަ އަހަރަށް ވުރެ 300 މިލިއަން ރުފިޔާ އިތުރު ކޮށްފަ އެވެ.
2020: 500 މިލިއަން ރުފިޔާ
2021: 600 މިލިއަން ރުފިޔާ
2022: 490 މިލިއަން ރުފިޔާ
2023: 70 މިލިއަން ރުފިޔާ
އެ ކުންފުންޏަށް 2023 ވަނަ އަހަރު ޖުމްލަ 2.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު އިރު 2022 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް. އޭނާ ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ހަމައަކަށް އަޅުވާނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބޮޑު ގެއްލުމެއްގައި އައިއޭއެސް އޮއްވައި އެ އެ ކުންފުނި ހިންގުމާ އިޔާސް ހަވާލުވެވަޑައިގެންނެވިއިރު، ލިބެން ހުރި ފައިސާގެ އަދަދު ވެސް 600 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އެކަން ހައްލު ކުރުމަށް، ކުންފުނީގެ ކްރެޑިޓް ޕޮލިސީ ހަރުދަނާކޮށް، އެ ފައިސާ ކޯޓު މަރުހަލާގެ ތެރެއިން ވެސް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ކުންފުންޏަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު އެއް ބައެއް ހޭދަކުރަން ޖެހެނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އާމްދަނީގެ ގާތްގަނޑަކަށް 25 ޕަސެންޓު މުވައްޒަފުންގެ މުސާރަ އަށް ހޭދަކުރާ އިރު، އެއީ އަހަރަކަށް 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެކެވެ. މިވަގުތު ވެސް 1،300 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
އިޔާސް ވިދާޅުވިގޮތުގައި، ކުންފުނީގެ އެފަދަ ހަރަދުތައް ހަމަޖައްސައި، އަމިއްލަ އަށް ހިނގާ ކުންފުންޏަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އާމްދަނީ ތިން ބިލިއަން ރުފިޔާ އަށް އިތުރު ކުރުމެވެ. އޭނާ ވިދާޅުވީ، 2028 ވަނަ އަހަރު އަންނަ އިރު އެކަން ހާސިލު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެއާބަސް އޭ330 މަރުކާގެ ބޯޓު ރަންވޭގައި ޖައްސާފައި. އެބޯޓުން 260 މީހުން އުފުލޭނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑުމެން މި ބަލަނީ މިދިޔަ އަހަރު ވެސް [މާލީ ހިސާބުތައް] ރަނގަޅުވާނެ ކަމަށް. ކުއާޓާ 1 އަދި 2 ގައި ފައިދާގައި ނިންމާލީ. އެކަމަކު ތިންވަނަ ކުއާޓާގައި ލިބުނީ ގެއްލުން. ވިޔަފާރީގައި ގިނަ ގޮންޖެހުންތައް ކުރިމަތިވި. ސީދާ އެއްޗެއް ދަންނަވާލެވޭނީ އޮޑިޓް ނިމުނީމާ،" އޭނާ ވިދާޅުވި އެވެ.
އައިއޭއެސް މިހާރު ހަމަޔަކަށް އެޅެން ފަށާފައިވާ އިރު މި އަހަރު އެ ކުންފުންޏަށް ފައިދާއެއް ހޯދޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އިޔާސް ވިދާޅުވި އެވެ.
އެކަން ހާސިލު ކުރަން ނިންމާފައިވަނީ އާ މަންޒިލްތަކަށް ދަތުރުތައް ފަށައިގެންނެވެ.
މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓުން ދަތުރުކުރާ ގިނަ ބައެއްގެ އެއް ޝަކުވާއަކީ އެ އެއާލައިންގެ ބޯޓުތައް ދުވަސްވެ، ބާވެފައިވާ ވާހަކަ އެވެ. ހިދުމަތްތަކުގެ ފެންވަރު ދަށް ވާހަކަ އެވެ. އެކަމަކު، މިދިޔަ ދެ އަހަރުގެ ތެރޭގައި މޯލްޑިވިއަންގެ ޑޮމެސްޓިކް ބޯޓުތައް އާ ކުރުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. މިވަގުތު މޯލްޑިވިއަންގައި ބޭނުންކުރާ ޑޭޝް-8 ގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރަށް އަންނަނީ ބަދަލު ކުރަމުންނެވެ.
އެކަން ހާސިލުކުރަން 2023 ވަނަ އަހަރު ކުރީކޮޅު "ބްރޭންޑް ނިއު" ތިން މަތިންދާބޯޓު ގެނެސްފައިވެ އެވެ. މިދިޔަ އަހަރު އެއް ބޯޓު ގެނެސްފައިވާ އިރު މި އަހަރުގެ މާޗް މަހު އާ ބޯޓެއް ގެންނާނެ އެވެ.
މޯލްޑިވިއަން އިން ރާއްޖެ ގެނައި ދެ އޭޓީއާރް ބޯޓު ރަންވޭއަށް ތިރި ކުރަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރެވޭނެ އެވެ. ބޯޓުތައް އާ ކުރުމަށް މިހާތަނަށް 70 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޭދަކުރި އިރު 8 ބޯޓު ގެންނަން ގާތްގަނޑަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އައިއޭއެސް އިން ލަފާކުރެ އެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތައް ކަމަށްވާ އިރު އެ ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އަންނަ މާޗް މަހުގައި ގެންނަ އޭޓީއާރްގެ އިތުރު ބޯޓާ އެކު، ޕްރިމިއަމް އިކޮނޮމީގެ ނަމުގައި ޓިކެޓު ވިއްކަން ފަށައި، އިންްފްލައިޓް ހިދުމަތްތައް ވެސް ފުޅާކުރާނެ ކަމަށް އިޔާސް ވިދާޅުވި އެވެ.
"ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެންމެ ޒަމާނީ މަތިންދާބޯޓު ބޭނުންކޮށްގެން، ވަގުތަށް ފުރާ އެއާލައިނަކަށް ހެދުމަށް އިސްކަން ދެން. މީހުން ހިތްހަމަޖެހޭ ހިދުމަތެއް ދިނުމަށް ވަރަށް މަސައްކަތް ކުރަން. އެކަން ހާސިލުކުރަން ވަރަށް ބުރަ މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.
އިޔާސް ވިދާޅުވީ، ޕްރިމިއަމް ސާވިސް ތައާރަފް ކުރުމުން، ކިއުގައި ނުޖެހި ޓިކެޓް ލިބުމާއި ލައުންޖު ސާވިސްތައް ލިބޭނެ ކަމަށެވެ. އޮންބޯޑުގައި ލިބޭ ކެއުމުގެ ހިދުމަތް ވެސް ބަދަލުވާނެ އެވެ.
އޭނާ ވިދާޅުވީ، މިހާރު އެވްރެޖުކޮށް 80 ޕަސެންޓު ފްލައިޓު ވަގުތައް ފުރޭ ކަަމަށެވެ. މީގެ ކުރިން ފްލައިޓުތައް ގަޑިއަށް ފުރުމަކީ އައިއޭއެސް އށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަން ހަމައަކަށް އެޅުވިފައި އޮތުމަކީ ވެސް އިޔާސަށް ލިބޭ ބޮޑު ހިންހަމަޖެހުމެކެވެ.
މީގެ ކުރިން، މޯލްޑިވިއަން އިން ޗައިނާއަށް ދަތުރުތައް ކުރީ ބެންކޮކްގައި ޓްރާންސިޓް ކޮށްފަ އެވެ. އެކަމަކު އަލަށް މޯލްޑިވިއަން އަށް ގެނައި އެއާބަސް އޭ330 އާ އެކު އެހެން މަންޒިލަކަށް ނުޖައްސައި. ސީދާ ދަތުރުކުރާ މަންޒިލަށް ދެވޭނެ އެވެ.
މި މަހުގެ ފަހުކޮޅު، ޗައިނާގެ ބެއިޖިން، ޝެންހާއީ އަދި ޗެންގްދޫ އަށް ދަތުރު ކުރާ އިރު މި އަހަރު ފަހުކޮޅު ޔޫރަޕަށް ވެސް ދަތުރުތައް ފަށާނެ އެވެ.
"އެއާ އެއްކޮށް އެފްރިކާ އާއި ޔޫރަޕާއި އެހެން ދުރު މަންޒިލްތައް މިދަނީ ކޮންސިޑާ ކުރަމުން. މިސާލަކަށް އޮސްޓްރޭލިއާ، ޖަޕާން އަދި ސައުތު ކޮރެއާ. މިއީ ހަމަ ރާއްޖެ އަށް ޓޫރިސްޓުން އަންނަ މަންޒިލްތައް،" އިޔާސް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު:.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޔޫރަޕްގެ ވެސް އިޓަލީ އާއި ޖަރުމަނާއި އިނގިރޭސި ވިލާތާއި ރޯމޭނިއާ ފަދަ މަންޒިލްތަކަށް ދަތުރުތައް ފެށޭނެތޯ ބަލަމުން އަންނަ ކަމަށް އިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ބޭރުގެ މަންޒިލްތަކަށް ދަތުރުތައް ފަށާނީ ވަރަށް ބޮޑަށް ދިރާސާކޮށް، ދަތުރު ކުރާ ގޮތް ބަލައިގެންނެވެ. އާ މަންޒިލްތަކަށް ދަތުރުތައް ޝެޑިއުލް ވެސް ކުރަނީ އަންނަ މީހުންނަށް ވެސް ފަސޭހަވާނެ ގޮތްތައް ބަލައިގެންނެވެ. މިސާލަކަށް ޗައިނާ އިން ރާއްޖެ އަށް ދަތުރުތައް ފަށަނީ ރޭގަނޑު އެވެ. އެއީ، އެންމެ ހެނދުނާ ރާއްޖެ އައިސް، ސީޕްލޭން ދަތުރުތައް އިންތިޒާމު ކުރެވޭ ގޮތަށް ބަލައިގެންނެވެ.
ކޮންމެ މަންޒިލަކާ އެކު ކޮންމެ ހަފްތާއަކު 4-6 ފްލައިޓު އެޅުމަށް މޯލްޑިވިއަން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންވެ، އިތުރުވާ ކޮންމެ މަތިންދާބޯޓަކާ އެކު ހަފްތާއަކު ހަ ފްލައިޓު އެޅުމުގެ ކެޕޭސިޓީ އިތުރު ކުރެވޭނެ އެވެ. އެހެންވެ، އާ މަންޒިލްތަކަށް ކަނޑައަޅާނީ ޝެޑިއުލް ކުރާ ފްލައިޓުތަކުގެ އަދަދަށެވެ.
ކޮވިޑާ އެކު އައިއޭއެސް އަށް ކުރިމަތިވި ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް އަލިމަގެއް ފެނިފައިވާ ކަމަށް އެ ކުންފުނީގެ އާ މެނޭޖްމެންޓުން ގަބޫލުކުރެ އެވެ. އޭގެ އަމަލީ މަސައްކަތް ފަށައި، ކުންފުނި އެހެން ލެވެލަކަށް ގެންދިއުމުގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ގިރާކޮށްފަ އެވެ. ދެން އޮތީ އެކަން އަމަލީ ގޮތުން ދައްކައި ނަތީޖާ ނެރުމެވެ. އިޔާސް ހުންނެވީ އެ ޕްލޭންތައް ކުރެއްވުމުގައި އަވަދި ނެތި އެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަނީ
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ