Roadha Mihaaru

އީސީ އަކީ އާއްމުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ހަދަންޖެހޭ: އިބޫ

އިލެކްޝަންސް ކޮމިޝަނަކީ އާއްމުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 ޖެނުއަރީ 2025

އިލެކްޝަންސް ކޮމިޝަނަކީ އާއްމުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ވައިކަރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި، އޭނާ ޕީއެންސީއަށް ބަދަލުކުރި މައްސަލައާ ގުޅިގެން އިބޫ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާއްމު އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، އޮޅުވާލައިގެން، ވެރިކަންކުރާ މައި ޕާޓީއަށް މީހުން ވައްދަމުންދާ ކަމަށެވެ.

އެ ހިސާބުން، އީސީގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރޭތޯ ސުވާލު އުފެދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެ އެވެ،" އިބޫ ވިދާޅުވި އެވެ.

ވަގަށް ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ ހައްލުކުރަން އެ ކޮމިޝަނުން މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އެޅި އެވެ. އޭގެ ތެރެއިން، ޕާޓީއަށް ވަންނަން ފޯމު ހުށަހަޅާ ހިސާބުން އެ މީހަކަށް އެސްއެމްއެސް ފޮނުވަން ވެސް އީސީން ވަނީ ނިންމައިފަ އެވެ. އަދި ވެބްސައިޓުގައި ވެސް ހަތް ދުވަސް ވަންދެން މައުލޫމާތު އާއްމުކުރެ އެވެ. އެކަމަކު، އެކަމަކު، އެ ލިސްޓު "އެއްވެސް މީހަކު ނުބަލާ" ކަމަށް ބުނެ އެކަން ކުރުން މި ފަހުން ވަނީ ހުއްޓާލައިފަ އެވެ.

އީސީން ބުނީ ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރަން ދެން އޮތީ، އެކަން އީ-ފާސް މެދުވެރިކޮށް ކުރެވޭ ގޮތަށް ބަދަލުކުރުން ކަމަށެވެ. މި އަހަރު ފަހުކޮޅު އެ ބަދަލުތައް ގެނެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.