Roadha Mihaaru
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ

އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުގެ ސަފީރު ކަންބޮޑުވެއްޖެ

12 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކުރާ ތުހުމަތުތަކަކާ އެކު، އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށުމުން، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކުރާ ތުހުމަތުތަކަކާ އެކު، އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށުމުން، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖޯން ރޯޑް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެ ފަހުން އޭނާ ކުރެއްވި ޓުވީޓުގައި ވެސް ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަން ފާހަގަކުރެއްވި ކަމަށެވެ. އެ އުއްމީދުގައި ހުންނަވަނިކޮށް، ކުއްލި ގޮތަކަށް، އިބޫގެ މައްސަލައެއް އިދާރާތަކުން ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން އެނގިވަޑައިގަތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޖަރުމަން ސަފީރުގެ ޓުވީޓް.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ފުރުސަތު ލިބެން ޖެހެ އެވެ. އެކަން ކަށަވަރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކެމްޕޭންގައި އިބޫ: ނ. އަތޮޅަށް ވަޑައިގެން އިބޫ ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން.-- ފޮޓޯ: އެމްޑީޕީ

ކެމްޕޭންގައި އިބޫ: ނ. އަތޮޅަށް ވަޑައިގެން އިބޫ ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން.-- ފޮޓޯ: އެމްޑީޕީ

ފުލުހުން ބުނެފައި ވަނީ، ނ. އަތޮޅަށް ކުރެއްވި ދަތުރުގައި، އެ އަތޮޅު މާޅެންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ހަގީގަތާ ޚިލާފު ވާހަކަތަކެއް އިބޫ ދައްކަވާފައިވާ ކަމަށެވެ. އެއީ ކުށަކަށް ވުމުން، ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އިތުރަށް ބެލުމަށް، ކަމާ ބެހޭ އެހެން އިދާރާތަކަށް ވެސް އެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވި އެވެ.

އިބޫ އެ ވާހަކަ ދެއްކެވީ މަސްވެރިއަކާ ހަވާލާދީ އެވެ. އޭނާ ވިދާޅުވީ ހއ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގައްލަންދޫ ކަނޑުގައި ދޯންޏެއް އަޑި އަށް ދާތީ އެކަން ދޯނީގެ ވެރި ފަރާތުން ފުލުހުންނަށް އެންގި ކަމަށާއި އެކަމަކު ފުލުހުން އެންމެ ފުރަތަމަ ސުވާލު ކުރީ އެއީ ކާކަށް ތާއީދު ކުރާ ބައެއްތޯ ކަމަށް، މަސްވެރިޔާ ބުނި ކަމަށެވެ. އަދި ވޯޓުލާނީ އިންސާފަށް ކަމަށް ބުނުމުން، ލޯންޗެއް ނެތް ކަމަށް ފުލުހުން ބުނި ކަމަށާއި އެންމެ ފަހުން ދޯނި އަޑި އަށް ދިޔައީ ކަމަށް، އެ މަސްވެރިޔާ ބުނެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމުން، އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދޭން ޖެހުނު ނަމަވެސް ފުލުހުންގެ އަމަލުތައް ހުރީ އިބޫގެ ކެމްޕޭނާ ގުޅުވައި ތަފާތު މައްސަލަތައް އުފައްދައި ހުރަސްއަޅާ ފަދަ ގޮތަކަށް ކަމަށް އިދިކޮޅުން ބުންޏެވެ.

އިބޫގެ މައްސަލައެއް ބަލަން ފެށުމުން ޖަރުމަނުގެ ސަފީރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ސަރުކާރަށް އަންނަނީ ގޮވާލަމުންނެވެ. ރައްދުގައި ސަރުކާރުން ބުނަމުން އަންނަނީ، އިންތިޚާބު މިނިވަންވާނެ ކަމަށާއި ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށެވެ.