Roadha Mihaaru

ހީލަތުން ފައިސާ ހޯދުމުގައި ބައިވެރިވި މީހަކު ހައްޔަރުކޮށްފި، ކޯޓުގައި ބުނީ ބިރު ދައްކައިގެން މީހަކު ކުރުވި ކަމެކޭ

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ހައްޔަރުކޮށްފި އެވެ.

ސްކޭމެއްގައި ބައިވެރިކުރުވީ ބިރުދައްކައިގެން ކަމަށްބުނެފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

14 ޖެނުއަރީ 2025

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ވަނީ ދީފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ހައްޔަރުކުރި މީހާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ކުރި ކަމެއް ކަމަށް ބެލެވެ އެވެ. އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ފުލުހުން ވަނީ ބީއެމްއެލްގެ އެފްއައިއާރާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެއް ވެސް ހުށަހަޅައިފަ އެވެ.

ކޯޓުގައި އޭނާ ބުނި ގޮތުގައި އެއީ ބަޔަކު ބިރުދައްކައިގެން އޭނާ ލައްވައި ކުރުވި ކަމެކެވެ. އެ މައްސަލަ އޭނާ ފުލުހުންނަށް ރިޕޯޓު ނުކުރީ އޭނާ މަރާލާނެ ކަމަށް ބިރު ދައްކައި އިންޒާރު ދީފައިވާތީ ކަމަށް ވެސް ބުންޏެވެ.

ދިފާއުން ވަނީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ދިވެހި ބަސް ވެސް ރަނގަޅަށް ފަހުމް ނުވާ މީހަކަށް ކަމަށް ވާތީ، އެކަމުން އޭނާ މި ކަމުގައި ބައިވެރިނުވާކަން ހާމަވާ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގެ މުއާމަލާތް ކުރިއަށް ދިޔަ ގޮތް ތަހުގީގަށް ހޯދޭނެ ކަމަށް ވެސް އޭނާގެ ދިފާއުން ފާހަގަކޮށްފައިވެ އެވެ.