Roadha Mihaaru

ސްކޭމަށް ޒިންމާ ނުވާނަން، އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު

ހައުސިން މަޝްރޫއުތަކާ ގުޅިގެން ހިންގާ ސްކޭމްތަކުން ލިބޭ ގެއްލުންތަކުގެ ޒިންމާ ސަރުކާރުން ނުއުފުލާނެ ކަމަށާއި ހައްގު ނޫން ގޮތުގައި ގޯއްޗާއި ފްލެޓް ހޯދާފައިވާ ނަމަ އެ ތަނެއް ސަރުކާރުން އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ނާޒިމް ހަސަން
ނާޒިމް ހަސަން

14 ޖެނުއަރީ 2025

ހައުސިން މަޝްރޫއުތަކާ ގުޅިގެން ހިންގާ ސްކޭމްތަކުން ލިބޭ ގެއްލުންތަކުގެ ޒިންމާ ސަރުކާރުން ނުއުފުލާނެ ކަމަށާއި ހައްގު ނޫން ގޮތުގައި ގޯއްޗާއި ފްލެޓް ހޯދާފައިވާ ނަމަ އެ ތަނެއް ސަރުކާރުން އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް މެދުވެރިކޮށް ވެސް އެކި ސްކޭމްތައް ހިންގާ ކަމަށާއި އުސޫލާ ހިލާފަށް ގޯއްޗާއި ފްލެޓް ދިނުމުގެ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ.

އެފަދަ މައްސަލަތައް ބަލައި، އުސޫލާ ހިލާފަށް ދީފައިވާ ހުރިހާ ގޯއްޗަކާއި ފްލެޓެއް ސަރުކާރުން އަތުލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އުސޫލާ ހިލާފަށް ގޯތި ދީފައިވޭތޯ ބަލަން ފަށާނީ ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކުންނެވެ.

"ގޯތި ރަޖިސްޓްރީކޮށް ދީފައި އޮތް ނަމަވެސް، ވަށައިފާރު ރާނާފައި އޮތަސް ޝަރުތު ހަމަ ނުވާ މީހަކަށް ބިމެއް ދީފައި އޮތް ކަމަށް ވާ ނަމަ އަތުލާނަން. އެ ފިޔަވަޅު އަޅާނަން. އުސޫލާ ހިލާފަށް އޭގެ ތެރެއަށް ކޮރަޕްޝަން ވައްދައިގެން މީހަކު ގޯއްޗެއް ހޯދާފައި އޮތް ކަމަށް ވާ ނަމަ އެ ސްކޭމެއްގެ ތެރެއިން ވިޔަސް ސްކޭމެއްގެ ތެރެއިން ނޫން ކަމަށް ވިޔަސް މިނިސްޓްރީން ތެރެއިން އެޗްޑީސީން ވިޔަސް އެ އަތުލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރައްޔިތުން އެފަދަ ކަންކަން ނުކުރައްވާށޭ. ދެތިން ލައްކަ ރުފިޔާ ދީފައި ގޯތީގެ ރަޖިސްޓްރީ ގަންނަން ނޫޅޭށޭ. އެ އެއް ނުލިބޭނެއޭ، އެ ކަމެއް ނުވާނެއޭ."

އުސޫލަށް ހިލާފަށް ވަގަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމު އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ކުރަނީ ފްލެޓްތައް ދޫކޮށްފައި ވަނީ ހައްގުވެރިންނަށް ކަން ކަށަވަރު ކުރުމަށެވެ.

ވެރިފައި މަރުހަލާ ނިންމާ 4،000 މީހުންގެ ތެރެއިން ފްލެޓް ހައްގުވާ މީހުންނާއި ހައްގު ނުވާ މީހުން އެނގޭ ގޮތަށް ލިސްޓް އާންމުކުރާނެ ކަމަށާއި އުއްމީދު ކުރަނީ ލިސްޓުގައި ތިބި ގިނަ މީހުންނަށް ފްލެޓް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، ހައްގު ނުވާ ނުވަތަ އުސޫލާ ހިލާފަށް ފްލެޓް ދީފައިވާ ނަމަ އެ މީހަކަށް ފްލެޓް ނުލިބޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ބައެއް މީހުންނާ އެކު، އެއްބަސްވުންތައް ވެސް ހަދައިފަ އެވެ. އޭގެ ތެރޭގައި ވެސް ފްލެޓް ހައްގު ނުވާ ބަޔަކު ތިބި ނަމަ އެ ބަޔަކާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަރުހަލާގެ ތެރެއިން ބާކީވާ ފްލެޓްތަކަށް ހަދާނެ ގޮތެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.