Roadha Mihaaru

ގޮތް ނޭނގޭ މަރުތައް ގިނަވެ، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދިއްޖެ

ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް އިތުރުވަމުން ދާއިރު، ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން އެކަން ހަމަޖައްސައިދޭން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެގޮތް ހަދައިދޭން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ޖެނުއަރީ 2025

ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް އިތުރުވަމުން ދާއިރު، ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން އެކަން ހަމަޖައްސައިދޭން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވާކަން ފުލުހުން އާންމުކުރާ މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮތް ނޭނގޭ މަރުތަކަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް، އެ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ރާއްޖޭގައި ގާއިމުކުރުމަކީ ހަށިގަނޑު ބޭރަށް ފޮނުވުމާއި އެކަމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވާނެ ކަމެކެވެ.

އެ ސިޓީގައި ކުޑޫ ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ދީފައިވާ ކަމަށެވެ.

ހެލްތް މިނިސްޓަރު ނާޒިމް: މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކުޑޫ އެދިވަޑައިގެންފައި ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް.

ހެލްތް މިނިސްޓަރު ނާޒިމް: މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކުޑޫ އެދިވަޑައިގެންފައި ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް.

ފުލުހުން އެކުލަވާލާފައިވާ "މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތު" ތަކުގެ ގަވާއިދު، މެއި 24، 2022 ގައި ގެޒެޓްކޮށްފައިވާ ކަމާއި "ނޭޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސް އިން މޯލްޑިވްސް" ވެސް މިނިސްޓްރީން މިދިޔަ އަހަރު އާންމުކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރޭގައި ފޮރެންސިކް ތަހުލީލާއި ޕޯސްޓްމޯޓަމް ފަދަ ތަހުލީލުތައް ކުރާނީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރު ކަމަށް ބަޔާންކުރެ އެވެ.

"ވީމާ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ މި ކަންތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފައްޓަވައިދެއްވުން އެދި ދެންނެވީމެވެ،" ކުޑޫގެ ސިޓީގައިވެ އެވެ.

އެ ސިޓީއާ އެކު، އޭނާ ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ބާރުދޭ ގާނޫނީ ލިޔެކިޔުންތައް ވެސް މިނިސްޓަރަށް ހުށަހަޅުއްވައިފަ އެވެ.