Roadha Mihaaru

ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހެރި؛ ސާޖަރީ ކާމިޔާބު!

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ސާޖަރީ ކާމިޔާބު ކަމަށާއި އޭނާގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް ކަމަށް އޭނާގެ ޓީމުން މިއަދު ބުނެފި އެވެ.

ބޮޑެތި ޒަހަމްތަކެއް ލިބުނު ސައިފްގެ ސާޖަރީ ކާމިިޔާބު!

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ސާޖަރީ ކާމިޔާބު ކަމަށާއި އޭނާގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް ކަމަށް އޭނާގެ ޓީމުން މިއަދު ބުނެފި އެވެ.

އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ސައިފްގެ ގެއަށް ރޭ ދަންވަރު ވަން ވަގަކު ވަނީ އޭނާއަށް ހަމަލާދީ، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ސައިފްއަށް ހަމަލާދިނީ އެ ވަގު ހުއްޓުވަން އުޅުމުންނެވެ.

ސައިފްގެ ޓީމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ނުރައްކަލުން މިހާރު ސަލާމަތްވެފައިވާ ކަމަށެވެ.

"ސައިފްގެ ސާޖަރީ މިހާރު ވަނީ ނިމިފައި، ނުރައްކަލުން ސަލާމަތްވެފައި. މި ވަގުތު އޭނާ އޮތީ ރިކަވަރީގައި އަދި ޑޮކްޓަރުން އޭނާގެ ހާލަތު ވަރަށް ގާތުން އަންނަނީ މޮނިޓާކުރަމުން،" އެ ބަޔާނުގައި ބުންޏެވެ.

ސައިފް އެޑްމިޓުކޮށްފައިވާ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ. އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"މައިބަދައަށް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދައިގެ ނާރަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި،" އޭނާގެ ސާޖަރީ ކުރި ޑޮކްޓަރު ބުންޏެވެ. "މައިބަދައަށް ހަރާފައި އޮތް ވަޅި ނެގުމަށާއި ލޭ ފޭބުން މަނާކުރުމަށް އޮޕަރޭޝަން ކުރެވުނީ. އޭނާގެ ވާތު އަތުގައި ވަރަށް ފުން ދެ ޒަހަމެއް ހުރި. އަދި ކަރަށް ލިބިފައި ހުރި ޒަހަމްތަކާ ގުޅިގެން ޕްލާސްޓިކް ސާޖަރީއެއް ވެސް ކުރި."

ސައިފާއި އޭނާގެ އަންހެނުން، އެކްޓްރެސް ކަރީނާ ކަޕޫރް ހާން އާއި އެ ދެމަފިރިންގެ ދެ ކުދިން ދިރިއުޅެނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާ ސަރަހައްދުގައި ހުންނަ އިމާރާތެއްގެ 11 ވަނަ ފްލޯގަ އެވެ. އެ ގެއަށް ވަގު ވަތްއިރު އަންހެނުންނާއި ކުދިން ވެސް ތިއްބެވެ.

ހަމަލާ ދިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ.