Roadha Mihaaru

ސައިފްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ސައިފްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ސައިފްގެ ގަޔަށް ވަޅި ހެރީ، އޭނާ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ރޭ ދަންވަރު ވަތް މީހަކު ކަމަށެވެ. ސައިފްގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައި ވަނީ އެ ވަގު ހުއްޓުވަން އުޅުމުން ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.

ސައިފާއި އޭނާގެ އަންހެނުން، އެކްޓްރެސް ކަރީނާ ކަޕޫރް ހާން އާއި އެ ދެމަފިރިންގެ ދެ ކުދިން ދިރިއުޅެނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާ ސަރަހައްދުގައި ހުންނަ އިމާރާތެއްގެ 11 ވަނަ ފްލޯގަ އެވެ. އެ ގެއަށް ވަގު ވަތްއިރު އަންހެނުންނާއި ކުދިން ވެސް ތިއްބެވެ.

ހަމަލާ ދިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ.

ސައިފްގެ ޕަބްލިސިސްޓް ނެރުނު ބަޔާނެއްގައި ބުނީ ގެއިން ވައްކަން ކުރަން މީހަކު ރޭ ވަތް ކަމަށާއި އޭނާ ހުއްޓުވަން އުޅެނިކޮށް ސައިފަށް ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ސައިފަށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގަ އެވެ.

ހިންދުސްތާން ޓައިމްސްގައި އެ ހޮސްޕިޓަލާ ހަވާލާދީ ބުނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ. އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

އިމަޖެންސީގައި ސާޖަރީއެއް ކުރުމަށް ރޭ ފަތިހު ސައިފް ތިއޭޓަރަށް ވެއްދި ގޮތަށް އަދިވެސް ނުނެރޭ ކަމަށް އެ ނޫހުގައި ބުންޏެވެ.

ސައިފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން އާއި އެ ގޭގައި މަސައްކަތްކުރަން އުޅޭ މީހަކު ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މި މައްސަލަ މުމްބާއީގެ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.