Roadha Mihaaru

މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެ އެކަން ނުކުރަން އީޕީއޭ އިން އަންގައިފި

މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވެފައި ވާތީ، އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.

މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޖެނުއަރީ 2025

މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވެފައި ވާތީ، އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އެއީ، އެ ތަކެއްޗަށް ގެއްލުން ލިބޭނެ ކަމެއް ކަމަށާއި، އަދި އެ ތަކެއްޗަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ކުރުން މަނާ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާން އެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ދިރާސާތަކުން ވެސް އެނގޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ މަޑީގެ ބާވަތްތައް ބަލާލުމަށް އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ވިޔަސް، އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ކަމަށެވެ.

"މިގޮތަށް ކަންތައްތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމެވެ. މީގެ އިތުރުން މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވެގެންދެ އެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

މި ކަހަލަ ހާދިސާތައް ރާއްޖޭގައި ގިނަވުމަކީ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންވެ، މަޑީގެ ބާވަތްތައް ބެލުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީޕީއޭ އިން ވަނީ ދީފަ އެވެ.