Roadha Mihaaru
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް

ވެލަޔާއި މަޑި ހިމެނޭ ގޮތަށް ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ހަދައިފި

06 ނޮވެމްބަރ 2023

ވެލަަޔާއި މަޑި ހިމެނޭ ގޮތަށް ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ދައުލަތުގެ ގެޒެޓުގައި އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލަަޔާއި މަޑި ހިމެނޭ ގޮތަށް ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ދައުލަތުގެ ގެޒެޓުގައި އާންމުކޮށްފި އެވެ.

އެ މިނިސްޓްރީން މި އުސޫލު ހިމަނާފައި ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދަށް އިއްޔެ ގެނައި އިސްލާހެއްގަ އެވެ. އެ ގަވާއިދަށް އިތުރު ކުރި ޖަދުވަލު ހައެއްގައި މި އުސޫލު ވަނީ ހިމަނައިފަ އެވެ.

ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ބައެއް ބާވަތްތަކާ މެދުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް މީގެ ކުރިން ވެސް ހަދާފައިވެ އެވެ. މީގެ ކުރިން ހެދި މި ކަހަލަ ބައެއް އުސޫލުތަކުގެ ތެރޭގައި ފެހުރިހީގެ މާހައުލުތަކުގައި އުޅޭއިރު، އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލު ހިމެނެ އެވެ.

ކަހަނބެއް: ވެލަޔާއި މަޑި ހިމެނޭ ގޮތަށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން ވަނީ ހަދައިފައި.-- ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ކަހަނބެއް: ވެލަޔާއި މަޑި ހިމެނޭ ގޮތަށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން ވަނީ ހަދައިފައި.-- ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

އަލަށް އެކުލަވާލި އުސޫލުގައި ވަނީ ހިމާޔަތް ކޮށްފައިވާ، ތަފާތު ހަތަރު ބާވަތެއްގެ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އެއީ؛

• ވެ ކަހަނބު

• ކަންޒުކަހަނބު

• މަޑީގެ އާއިލާގެ ހުރިހާ ދިރުންތައް

• ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް

ވެލަޔާއި ކަހަނބާއި ކަންޒުކަހަނބާ އަދި މަޑީގެ އާއިލާގެ ދިރުންތަކާ އެކު ފީނާއިރު ނުވަތަ ފަތާއިރު އަމަލުކުރަން ޖެހޭ ގޮތް ވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. މި އުސޫލުގައި ބުނާ ގޮތުގައި، ވެލަޔާއި ކަހަނބާ އެންމެ ކައިރީގައި އުޅެވޭނީ ހަ ފޫޓު ދުރުންނެވެ. ކަންޒުކަހަނބެއް ނަމަ އެއް މީޓަރުގެ ދުރުންމިން ބަހައްޓަން ވާނެ އެވެ. މަޑީގެ އާއިލާގެ ދިރުމެއް ކަމަށްވާ ނަމަ، ތިން މީޓަރުގެ ދުރުމިނެއް ބަހައްޓަން ވާނެ އެވެ.

މި ކަހަލަ ދިރުންތައް ކައިރީގައި ފީނާއި ފެތުމަކީ ޓޫރިޒަމްގެ ބޭނުމަށް ރާއްޖޭގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތަކާ އެންމެ ކައިރިވެވޭނީ ދެ މީޓަރުގެ ދުރުމިނެއް ބަހައްޓައިގެން ކަމަށް ވެސް މި އުސޫލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެއް ކަމަށްވާ ކިރު ދޫނި.-- ފޮޓޯ: ޝިމަލް (ފްލިކާ)

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެއް ކަމަށްވާ ކިރު ދޫނި.-- ފޮޓޯ: ޝިމަލް (ފްލިކާ)

އެ އުސޫލުގައި ވަނީ އެކި ކަހަލަ އުޅަނދުފަހަރުގައި އެ ތަކެއްޗާ ކައިރިއަށް ދާ ނަމަ އަމަލުކުރަން ޖެހޭނެ ގޮތް ވެސް ބަޔާންކޮށްފަ އެވެ. އެ ތަކެތީގެ މާހައުލުގައި މީހުންގެ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތާއި އެ ތަކެއްޗަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބޭ ހާލަތުގައި އަމަލުކުރަން ޖެހޭނެ ގޮތް ވެސް ވަރަށް ތަފުސީލުކޮށް މި އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.