Roadha Mihaaru

ލިވަޕޫލަށް ތިން ޕޮއިންޓް، އާސެނަލަށް މާޔޫސްކަން

ޑާވިން ނޫޒޭޒް ފަހު ވަގުތު ވައްދާލި ދެ ލަނޑާ އެކު ބްރެންފޯޑް އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލިވަޕޫލަށް ތިން ޕޮއިންޓް، އާސެނަލަށް މާޔޫސްކަން

ޑާވިން ނޫޒޭޒް ފަހު ވަގުތު ވައްދާލި ދެ ލަނޑާ އެކު ބްރެންފޯޑް އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ދެ ވަނައިގައި އޮތް އާސެނަލުން ރޭ އެސްޓަން ވިލާ ކޮޅަށް ދެ ލަނޑު ޖެހުމާ އެކު ބެލެވުނީ އެ ޓީމުން ލިވަޕޫލުގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކުރާނެ ކަމަށެވެ. އެކަމަކު ވިލާ އިން ފަހަތުން އަރައި 2-2 އިން އެއްވަރުކުރުމުން އާސެނަލަށް އެ ފުރުސަތު ގެއްލުނީ އެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ 21 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލް ދެ ވަނައިގައި އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލަށް އިތުރު މެޗެއް އޮތުމުން އެ ޓީމަށް އަދިވެސް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ލިވަޕޫލުން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އެއްވަރުވި ގޮތަށް ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ވެސް ދިޔައީ އެއްވަރުވުމާ ގާތަށެވެ. މި ސީޒަނުގައި އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހަށް ވެސް ރޭގެ މެޗުގައި މާބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގެ މަންޒަރު ބަދަލުކޮށްލި ނޫނޭޒް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ އެ ޓީމަށް ލީޑު ނަގައިދިނީ ޓްރެންޓް އެލެކްޒެންޑާ-އާނޯލްޑް ނަގައިދިން ހުރަހަކުން އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. އަދި އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ދެ ވަނަ ގޯލް ޖެހި އެވެ.

މިދިޔަ ހަފުތާގައި ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ލީގު ހޯދުމުގެ ރޭހުގެ ތެރެއަށް އަލުން ވަން އާސެނަލަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއް ނެގުމާ އެކު ބެލެވުނީ ފަސޭހަ މޮޅެއް ހޯދާނެ ކަމަށެވެ. ފުރަތަމަ ގޯލް 35 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް މާޓިނެއްލީ އެވެ. ދެ ވަނަ ގޯލް ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޖެހީ ކައި ހާވާޓްޒް އެވެ.

ވިލާ އިން އުއްމީދެއް ހޯދީ 60 ވަނަ މިނެޓުގައި ޔޫރީ ޓިއެލްސްމަން ޖެހި ގޯލުންނެވެ. އަދި އޭގެ ހަ މިނެޓު ފަހުން އޮލީ ވަޓްކިންސްގެ ގޯލުން އެއްވަރުކުރި އެވެ.

އާސެނަލްގެ ކޯޗު މިކޭޓް އާޓެޓާ ބުނީ އެ ދެއްކި ވަރުގެ ކުޅުމެއް ދެއްކުމަށް ފަހު ދެ ގޯލު ކޮޅަށް ވަނުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

އާސެނަލަށް ވަނީ އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެ ޓީމުގެ އެންމެ މުހިއްމު ޑިފެންޑަރު ވިލިއަމް ސަލީބާ އަށް ރޭގެ މެޗުގައި ނުކުޅެވުނެވެ. އޭނާ ފަހަރުގައި ދެ ތިން ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

"ވަރަށް ބޮޑަށް ކަންބޮޑުވެފައި މިހިރީ،" އާޓެޓާ ބުންޏެވެ.