Roadha Mihaaru

އެމެރިކާގައި މިއަދުން ފެށިގެން ޓިކްޓޮކް މަނާކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް މިއަދުން ފެށިގެން އެ ގައުމުގައި ޓިކްޓޮކް މަނާކޮށްފި އެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް މިއަދުން ފެށިގެން އެ ގައުމުގައި ޓިކްޓޮކް މަނާކޮށްފި އެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރީ ޗައިނާ އިން އެ ޕްލެޓްފޯމް ބޭނުންކޮށްގެން އެމެރިކާގެ ރައްޔިތުންނަށް ޖާސޫސް ކުރާ ކަމަށް ތުހުމަތު ކޮށްގެންނެވެ.

އެމެރިކާގައި މި ޕްލެޓްފޯމް ބޭނުންކުރާ މީހުން އެޕް ހުޅުވުމުން ޓިކްޓޮކް މަނާވެއްޖެ ކަން އަންގައިދޭ ހާއްސަ މެސެޖެއް ވެސް މިއަދު ފެނެ އެވެ.

"ޓިކްޓޮކް މަނާކުރާ ގާނޫނެއް އެމެރިކާގައި ތަންފީޒު ކުރެވިއްޖެ. އެހެންވީމާ ޓިކްޓޮކް ދެން ބޭނުން ނުކުރެވޭނެ ވާހަކަ ހިތާމައާ އެކު ދަންނަވަން. އެކަމަކު، އަޅުގަނޑުމެންނަށް ލިބުނު އުފާވެރި ޚަބަރަކީ ރައީސް ޓްރަމްޕް، ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ޓިކްޓޮކް އަލުން ތައާރަފުކޮށް، މި މައްސަލަ އަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވުން،" އެ މެސެޖުގައި ބުނެފައިވެ އެވެ.

ޓިކްޓޮކް ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާގައި މިދިޔަ އަހަރު ފާސްކޮށްފައިވާ ގާނޫނުގައިވާ ގޮތުން ޓިކްޓޮކް ބޭނުންކޮށްގެން އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު ފޮނުވައި ޗައިނާ އިން ދަނީ ޖާސޫސްކުރަމުންނެވެ. މި މަހުގެ 19 އާ ހިސާބަށް މުއްދަތު ކަނޑައަޅައި ފާސްކުރި މި ގާނޫނާ އެކު، ޓިކްޓޮކްގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސަށް ވަނީ އެ ޕްލެޓްފޯމް ވިއްކާލަން ނުވަތަ ހުއްޓާލަން މަޖުބޫރުވެފަ އެވެ.

ނަމަވެސް، ފާޑުކިޔުންތެރިން ބުނާ ގޮތުން މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކަމެކެވެ. ޗައިނާ އާއި ބައިޓްޑާންސް ވަނީ ޖާސޫސް ކުރުމުގެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ.

ޓިކްޓޮކް މަނާކުރި އިރު އެމެރިކާގައި 170 މިލިއަނަށް ވުރެ ގިނަ މީހުން މި ޕްލެޓްފޯމް ބޭނުންކުރެ އެވެ.