Roadha Mihaaru

ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ދައުލަތަށް ނަގައި، ޖޫރިމަނާގެ އަދަބެއް

ވައިގެމަގުން ރާއްޖެއިން ވަގަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކޮށް، އޭނާގެ އަތުން ފެނުނު 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބޭރުކުރަން އުޅުނު ފައިސާ ދައުލަތަށް ނަގައި ޖޫރިމަނާއެއް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

19 ޖެނުއަރީ 2025

ވައިގެމަގުން ރާއްޖެއިން ވަގަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކޮށް، އޭނާގެ އަތުން ފެނުނު 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖެ އިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާ ސާބިތުވެ ހުކުމް އިއްވާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުއްރަގޫބް ނިސްތާރު ހަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ވައިގެ މަގުން ސްރީ ލަންކާއަށް ފުރަން އުޅުނުއިރު، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުމާ ގުޅިގެންނެވެ.

އޭނާ ގެންގުޅުނު ޑަފަލް ބޭގެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ޗެކްޕޮއިންޓުން ބަލައި ފާސްކުރިއިރު، ސިޓީ އުރަތަކަކުން 104,977 ޑޮލަރާއި 31,585 ޔޫރޯ އާއި 180 ސުވިސް ފްރޭންކުގެ އިތުރުން 100 ދިރުހަމް ފެނިފައިވެ އެވެ. އަދި ބެކްޕެކް ތެރެއިން 32,395 ޑޮލަރާއި 18,790 ޔޫރޯ ފެނުނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2.9 މިލިއަނެއްހާ ރުފިޔާ އެވެ.

އަބްދުއްރަގޫބް ނިސްތާރު ހަލީމަށް ކުރި ތުހުމަތުތަކަށް އެއްބަސްވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.

ދައުލަތާ އެކު ހެދި އެއްބަސްވުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށާއި ކަސްޓަމްސް އިން އޭނާގެ މައްޗަށް ކޮށްފައިވާ ހަތް ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އަބްދުއްރަގޫބް ނިސްތާރު ހަލީމްގެ އަތުން ފެނުނު ބޭރު ފައިސާތައް ދައުލަތަށް ނަގައި އަދި 12،000ރ. ޖޫރިމަނާ ދެ މަސް ތެރޭގައި ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފަ އެވެ.