Roadha Mihaaru

އިންތިހާބެއް ނެތި ރެއާލުގެ ރައީސްކަން ޕެރޭޒަށް

މެޑްރިޑް (ޖެނުއަރީ 20) – ރެއާލް މެޑްރިޑްގެ ރައީސްކަމަށް އިންތިހާބަކާ ނުލައި ފްލޮރެންޓީނޯ ޕެރޭޒް އަނެއްކާ ވެސް ހޮވިވަޑައިގެންފި އެވެ.

އިންތިހާބެއް ނެތި ރެއާލުގެ ރައީސްކަން ޕެރޭޒަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

20 ޖެނުއަރީ 2025

މެޑްރިޑް (ޖެނުއަރީ 20) – ރެއާލް މެޑްރިޑްގެ ރައީސްކަމަށް އިންތިހާބަކާ ނުލައި ފްލޮރެންޓީނޯ ޕެރޭޒް އަނެއްކާ ވެސް ހޮވިވަޑައިގެންފި އެވެ.

އެ މަގާމަށް ޕެރޭޒް ހޮވުނީ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތުމުންނެވެ. އެހެންވެ އިންތިހާބަކަށް ނުގޮސް އޭނާ އަށް ރެއާލްގެ ރައީސްކަން އިތުރު ފަސް އަހަރަށް ކަށަވަރުވީ އެވެ.

ސިވިލް އިންޖިނިއަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޕެރޭޒް ރެއާލްގެ ރައީސްކަމުގައި އެ ފައްޓަވަނީ އޭނާގެ ހަތް ވަނަ ދައުރެވެ. މެދުކެނޑުމަކަށް ފަހު 2009 ގައި ރެއާލްގެ ރައީސް ކަމަށް އަލުން އިންތިހާބުވި ޕެރޭޒް ވަނީ ވިދިވިގެން ފަސް ދައުރު ފުރިހަމަ ކުރައްވަފައިފަ އެވެ. އެ ފަސް ދައުރުގައި ވެސް އޭނާ ހޮވިވަޑައިގަތީ ވާދަކުރާނެ އެހެން ކެނޑިޑޭޓެއް ނެތި އެވެ.

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2000 ގަ އެވެ. އެއީ އޭރުގެ ރައީސް ރޯމަން މެންޑޭޒާ ބަލި ކުރުމަށް ފަހު އެވެ. ދެ ވަނަ ދައުރަކަށް 2004 ގައި އޭނާ އިންތިހާބު ކުރި އެވެ. އެކަމަކު އެ ދައުރުގެ ވަކި ހިސާބަކުން އަމިއްލަ އަށް އިސްތިއުފާ ދެއްވި އެވެ.

އޭނާގެ ރައީސްކަމުގައި ރެއާލުން ވަނީ ފުޓްބޯޅަ އާއި ބާސްކެޓްބޯޅައިން 65 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތް ފަހަރު ހޯދި ޔޫއެފާ ޗެމްޕިއަންސް ލީގު ތައްޓާއި އެ ކްލަބްގެ ބާސްކެޓްބޯޅަ ޓީމުން ހޯދި ޔޫރޯ ލީގު ޗެމްޕިއަންޝިޕްގެ ތިން ތަށި ވެސް ހިމެނެ އެވެ.

އާ ދައުރަށް ބޯޑް މެންބަރުންގެ ގޮތުގައި އަލަށް އެގްޒެކެޓިވް ތިން މެންބަރަކު އިންތިހާބު ކުރި އެވެ.