Roadha Mihaaru

މިފަހަރު އޭ ލެވެލްގައި ރަށްރަށުގެ ސްކޫލްތަކުން މޮޅު ނަތީޖާތަކެއް

މޮޅު ދަރިވަރަކަށް ވެވޭނީ ކިޔަވަން މާލެ އައިސްގެން ނޫނެވެ؛ ރަށުގައި ތިބެގެން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދޭނެ އެވެ. މިދިޔަ އަހަރު އޭ ލެވެލް ހެދި ވަރަށް ގިނަ ދަރިވަރުން މިކަން ސާބިތުކޮށްދީފި އެވެ. ރަށްރަށުގެ ސްކޫލްތަކުގައި ލިބެން ހުރި މަދު ވަސީލަތްތަކާ އެކު ވެސް ގިނަ ދަރިވަރުންތަކެއް ވަނީ އޭ ލެވެލްގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

އޭ ލެވެލްގައި ރަށްރަށުގެ ސްކޫލްތަކުން މޮޅު ނަތީޖާތަކެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 ޖެނުއަރީ 2025

މޮޅު ދަރިވަރަކަށް ވެވޭނީ ކިޔަވަން މާލެ އައިސްގެން ނޫނެވެ؛ ރަށުގައި ތިބެގެން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދޭނެ އެވެ. މިދިޔަ އަހަރު އޭ ލެވެލް ހެދި ވަރަށް ގިނަ ދަރިވަރުން މިކަން ސާބިތުކޮށްދީފި އެވެ. ރަށްރަށުގެ ސްކޫލްތަކުގައި ލިބެން ހުރި މަދު ވަސީލަތްތަކާ އެކު ވެސް ގިނަ ދަރިވަރުންތަކެއް ވަނީ އޭ ލެވެލްގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލް އަށް ދަރިވަރުން މާލެ ބަދަލުވާން ޖެހޭ ސަބަބުތަކެއް އަދިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އެ ސްކޫލެއްގައި ކިޔަވަން ތިބޭ ކުދިންގެ އަދަދު ނިސްބަތުން މަދުވުމާއި ސައިންސް ސްޓްރީމް ކިޔަވާ ކުދިންނަށް ލެބޯޓްރީ ފަދަ ވަސީލަތްތަކެއް ކޮންމެ ރަށެއްގައި ނެތުން ފަދަ އުނދަގޫތައް ހިމެނެ އެވެ.

މާލެ ބަދަލުވާ ކުދިންގެ ނަތީޖާ ވެސް ރަނގަޅެވެ. ނަމަވެސް ސުވާލަކީ ރަށުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާ ދަށީ ހެއްޔެވެ؟

ރަށްރަށުގައި ތިބެ އޭ ލެވެލް ހެދި ކުދިންގެ ނަތީޖާ އިން މި ސުވާލުގެ ޖަވާބު މިފަހަރު ވަރަށް ސާފެވެ.

މިދިޔަ ބުރާސްފަތިދުވަހު ދޫކުރި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު، ރަށްރަށުގެ ސްކޫލްތަކުގެ ވިދުން ގަދަ އެވެ.

އެ ދަރިވަރުން ސާބިތުކޮށްދިނީ، ކޮންމެ ތަނެއްގައި ތިބެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމެވެ. އޭ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ސްކޫލްތަކުގެ ތެރޭގައި، ވަރަށް މަސައްކަތް ކުރި، ފާހަގަކޮށްލެވޭ ސްކޫލްތަކެއް އެބަހުއްޓެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒު (ދިއްދޫ)

އޯ ލެވެލް ނިންމައި އޭ ލެވެލް ކިޔަވަން މާލެ ބަދަލުވާ ކުދިންގެ އަދަދު އެ ސްކޫލުގައި ވެސް ގިނަ އެވެ. ގިނަ ކުދިން މާލެ ބަދަލުވަނީ ރަށުގައި ތިބެ ގްރޭޑް 11 އަދި 12 ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުހޯދިދާނެ ކަމުގެ ބިރު އޮންނާތީ އެވެ. އެ ވިސްނުން އެ ރަށު ސްކޫލުން މިފަހަރު ބަދަލުކޮށް، ދަރިވަރުންނަށް އިތުބާރު ހޯދައިދީފި އެވެ.

އެ ސްކޫލުގެ ތިން ދަރިވަރަކު ވަނީ ގަދަ ދިހައަކުން ޖާގަ ހޯދައިފަ އެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު އަސްލަމް ވިދާޅުވީ އޭ ލެެވެލްގައި އެ ސްކޫލުން ހޯދީ ޓީޗަރުން ވެސް އުއްމީދުކުރި ނަތީޖާއެއް ކަމަށެވެ. ރަށުގައި ތިބެ އޭ ލެވެލްގައި މޮޅު ނަތީޖާއެއް ހޯދުމަކީ އެހެން ދަރިވަރުންނަށް ވެސް ލިބުނު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނަތީޖާ އިން މި އެނގުނީ ރަށުގައި ތިބެގެން ކިޔަވައިގެން ވެސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަން. ވަކި ތަނެއްގައި ކިޔެވުމެއް ނޫންކަން މުހިންމީ،" އަސްލަމް ވިދާޅުވި އެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުން.

ހއ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުން.

އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ އޯ ލެވެލް ނިންމާ ގިނަ ދަރިވަރުން އޭ ލެވެލް އަށް ކިޔަވަން ރަށުގައި މަޑު ނުކުރުމެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކިޔަވައިދޭ ވަސީލަތްތައް މަދު ވުމެވެ.

"ގިނައިން މާލެ މި ބަދަލުވަނީ ސައިންސް ސްޓްރީމް ނަގާ ދަރިވަރުން. ރަށު ސްކޫލުގައި ލެބެއް ނުހުރޭ. މާލޭގައި އެ ހުރިހާ ރިސޯސަސް އެއް ލިބޭ. އޭ ލެވެލްގައި މި ބޭނުން ކުރާ ކެމިކަލްތައް ވެސް މާލޭގައި އެ ކުދިންނަށް ލިބޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ އޭ ލެވެލް އަށް ކިޔަވަން ވީހާވެސް ގިނަ ދަރިވަރުން ރަށުގައި މަޑުކުރުމެވެ.

ޖަލާލުއްދީން ސްކޫލު (ހދ. ކުޅުދުއްފުށި)

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އޭ ލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ އެވެ.

ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެ ސްކޫލުން މިދިޔަ އަހަރު އޭ ލެވެލްގައި ބައިވެރިވި 47 ދަރިވަރުންގެ ތެރެއިން 17 ކުދިން ނޭޝަނަލް ޓޮޕްޓެންގައި ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން 6 ދަރިވަރުން ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ މިންވަރަށް ފާސް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލުން އޭ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުން.

ޖަލާލުއްދީން ސްކޫލުން އޭ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުން.

ށ. ފޯކައިދޫ ސްކޫލު

ރަށު ސްކޫލުން ކިޔަވައިގެން ރަށަށް ހިދުމަތް ކުރުމުގެ ދިގު ތާރީހެއް އޮތް ފޯކައިދޫ ސްކޫލުގެ ވެސް މި އަހަރު އޭލެވެލް ނަތީޖާ ވަރަށް ރަނގަޅެވެ. އެހެން އަހަރުތަކުގައި ނުލިބޭ ވަރުގެ ކާމިޔާބީއެއް މި އަހަރު އެ ސްކޫލަށް ލިބުނެވެ. ޖުމްލަ ހަ ކުދިން އޭ ލެވެލް ގަދަ 10 ގައި ހިމެނުނެވެ.

ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނާއި އެ ދަރިވަރުން ހިމެނުނު ރޭންކްތައް:

- އައިމިނަތު އިނާން ހުސެއިން (7 ވަނަ)

- ޝިފުރާ އިލިޔާސް (8 ވަނަ)

- ސުދުނާ ޝަމީމް (9 ވަނަ)

- އަބްދުލް ނޫރު މުހައްމަދު (9 ވަނަ)

- އަހުމަދު ސާހިލް (10 ވަނަ)

- ހަދީޖާ އަޒިމާ (10 ވަނަ)

ށ. ފޯކައިދޫ ސްކޫލު.--

ށ. ފޯކައިދޫ ސްކޫލު.--

ފުރަތަމަ ފަހަރަށް ކެޔޮދޫ ކުދިން އޭލެވެލް ޓޮޕް 10 އަށް

ކެޔޮދޫ ސްކޫލުގައި އޭ ލެވެލް އަށް ކިޔަވައިދޭން ފެށީ 2021 ގަ އެވެ. ފުރަތަމަ ބެޗުގެ ދަރިވަރުން 2023 ވަނަ އަހަރު އޭ ލެވެލް ނިންމި ނަމަވެސް އެއްވެސް ދަރިވަރަކު ގަދަ 10 ގައި ނުހިމެނެ އެވެ.

މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާނަކީ އެ ސްކޫލުގެ ދެވަނަ ބެޗެވެ. ޖުމްލަ 11 ދަރިވަރުން ކިޔެވި އެ ބެޗުގެ ތިން ދަރިވަރަކު އޭ ލެވެލް ގައުމީ ގަދަ 10ގައި ހިމެނުނެވެ.

ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ ދަރިވަރުންނަށް އެ ކާމިޔާބީ ލިބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މިކޮޅުގައި [ކެޔޮދޫ ސްކޫލުގައި] އެންމެ ޓީޗަރެއް، އިކޮނޮމިކްސް ޓީޗަރު އެކަނި ހުންނަނީ އޭ ލެވެލް ކިޔަވައިދޭ ޓީޗަރަކަށް. ދެން އެއްކޮށް ވެސް އަޅުގަނޑުމެންގެ ތިބެނީ އޯ ލެވެލްއަށް ކިޔަވައިދޭ ޓީޗަރުން. އޯ ލެވެލަށް ކުދިން ތައްޔާރު ކުރަމުން އޭލެވެލަށް ވެސް ޓީޗަރުން ކުދިން ތައްޔާރު ކުރީ،" އޭނާ ވިދާޅުވި އެވެ.

ވ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ކިޔަވައިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުން.

ވ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ކިޔަވައިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުން.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އާއި މާލެއަށް ދަތުރުކޮށް އެހެން ބައެއް ސްކޫލުތަކާ ގުޅިގެން ސްޓަޑީ ކޭޕްތައް ވެސް އެ ސްކޫލުން ބޭއްވި އެވެ. އަދި ރަނގަޅު ޓީޗަރުން ރަށަށް ގެނެސް ސެޝަންތައް ނެގި ކަމަށް ވެސް ޒައީމާ ވިދާޅުވި އެވެ.

"ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތް މިއީ. ބެލެނިވެރިން ވެސް އެތައް ހަރަދެއްކޮށް، އަޅުގަނޑުމެން ބުނި ކޮންމެ ކަމެއްގައި އެހީތެރިވި. އެހާ ބޮޑު ހަރަދެއްކޮށް، ބޮޑު ޒިންމާއެއް އުފުލި، ދަތުރު ކުރުމާއި ސްޓަޑީ ކޭމްޕް ތަކަށް،" އޭނާ ވިދާޅުވި އެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުން އޯވެލްގައި ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް އޭލެވެލް ކިޔަވަން ކުދިން ރަށުގައި މަޑެއް ނުކުރެ އެވެ. އޭގެއިން ސާބިތުވީ ރަށުގައި ތިބެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަން ކަމަށް ޒައީމާ ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

އޯ ލެވެލް އާއި އޭ ލެވެލްގައި ފާހަގަކޮށްލެވޭ ބ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ނަތީޖާ އަށް ބޮޑު ކުރިއެރުމެއް މިފަހަރު ވެސް ވަނީ ލިބިފަ އެވެ.

ގައުމީ ގަދަ ދިހައެއްގައި ޖުމްލަ 9 ކުދިން ހިމެނުނު އިރު އެއް ވަނަ ވެސް އެއް ދަރިވަރަކަށް ލިބިފައިވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭ ލެވެލް ކިޔަވައިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުން.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭ ލެވެލް ކިޔަވައިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުން.

ގއ. އަތޮޅު ތައުލީމީ މަރުކަޒު، (ވިލިނގިލި)

މިދިޔަ އަހަރަކީ ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ތާރީހީ އަހަރެކެވެ. ޖުމްލަ 18 ކުދިން ބައިވެރިވެ ހަތް ކުދިން ވަނީ ޓޮޕް 10 އިން ޖާގަ ހޯދައިފަ އެވެ. އެއީ އެ ސްކޫލުގައި މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު އަހަރެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ދަރިވަރަކު އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ގަދަ 5 ގައި އަދި ތިން ދަރިވަރުން ހިމެނިފައި ވަނީ ގަދަ 10 ގަ އެވެ.

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ސްކޫލު، މަދަރުސަތުލް އިފްތިތާހުގެ ތިން ކުދިން ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. ދެ ކުދިން ގަދަ 10ގެ ނުވަ ވަނަ އަދި 10 ވަނަ ހޯދާފައިވާއިރު އަނެއް ދަރިވަރު ވަނީ ތިން މާއްދާއިން އޭ ސްޓާ ހޯދައިފަ އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ވެސް ހަތަރު ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނި ރަނގަޅު ނަތީޖާއެއް ހާސިލް ކޮށްފަ އެވެ.

މި ނަތީޖާ އަކީ ރަށުގައި ތިބެ އޭ އެލެވެލް އަށް ކިޔަވަން އުފެދުނު އިތުބާރެކެވެ. ދަރިވަރުން ހޯދި ކާމިޔާބީން އަނެއްކާވެސް ފަނޑުކޮށްލީ ރަށުގައި ތިބެ ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުލިބޭނެ ކަމަށް އޮތް ވިސްނުމެވެ.