Roadha Mihaaru
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް

އޭލެވެލް ސިލަބަސް ކެމްބްރިޖަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލްކޮށްފި

06 އޮކްޓޯބަރ 2023

އޭ-ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރަން ނިންމި ނިންމުން، އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ-ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރަން ނިންމި ނިންމުން، އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން އޮގަސްޓް 24، 2022 ގައި ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ފަށާ އޭ-ލެވެލްގައި ކިޔަވައިދޭނީ ކެމްބްރިޖް އިންޓަނޭޝަނަލްގެ ސިލަބަސް ކަމަށެވެ. އަދި އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް އޭރު ބުންޏެވެ.

އެކަމަކު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޭ ލެވެލް ކިޔަވައިދޭ އެޑެކްސެލްގެ ސިލަބަސް، ކެމްބްރިޖަށް މި ވަގުތު ބަދަލުކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ މިނިސްޓްރީގެ ކުރީގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެންވެ، މިދިޔަ މަހު ފެށި އޭ ލެވެލްގައި ދަރިވަރުންނަށް ކިޔަވައިދޭން ފެށީ ކުރީގައި ވެސް އޮންނަ އެޑެކްސެލް ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ސިލަބަސް ބަދަލުކުރުމާ ގުޅޭ އެންގުން ބާތިލްކަމަށް ސްކޫލުތަކަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު، ބައެއް ސްކޫލުތަކުން "މިހާރު" އާ ވާހަކަދެއްކެވި ބޭފުޅުން ވަނީ މިދިޔަ އަހަރު މިނިސްޓްރީން ފޮނުވި އާއްމު އެންގުމަށްފަހު އެކަމާ ގުޅޭ އެއްވެސް ކަމެއް ނާންގާ ކަމަށެވެ.

އިހުސާން އޭރު ވިދާޅުވީ އޭ ލެވެލްގެ ސިލަބަސް ބަދަލުކުރަން ނިންމީ ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދޭން ކަމަށެވެ.

އޯ ލެވެލްގައި ކެމްބްރިޖު ސިލަބަސް ކިޔެވުމަށް ފަހު އޭ ލެވެލްގައި އާ މަންހަޖަކަށް ބަދަލުވުމުގައި ދަރިވަރުންނަށް އުނދަގޫތައް ދިމާވާ ކަމަށެވެ.

އޭގެ ސަބަބުން އޭ ލެވެލްގެ މެދު ތެރެއިން ކިޔެވުން ހުއްޓާލާ ދަރިވަރުން ގިނަ ކަމަށް ވެސް މިނިސްޓްރީން އޭރު ބުނެ އެވެ.