Roadha Mihaaru

އިދާރާތަކުން ވަންގަވްގައި ބައިވެރިނުވާތީ ޓްރޭޑްނެޓް މަޖިލީހަށް ހާޒިރުކުރަނީ

ސަރުކާރުގެ އެކި މުއައްސަސާތަކުގެ ހިދުމަތްތައް އޮންލައިންކޮށް ދޭ ޕްލެޓްފޯމް "ވަންގަވް" ވިއުގައި ސަރުކާރުގެ ގިނަ އިދާރާތައް ބައިވެރިނުވާތީ، ބެލެނިވެރި ކުންފުނި ޓްރޭޑްނެޓްގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

ވަންގަވް ފުޅާ ނުވާތީ ޓްރޭޑްނެޓް މަޖިލީހަށް ހާޒިރުކުރަނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

21 ޖެނުއަރީ 2025

ސަރުކާރުގެ އެކި މުއައްސަސާތަކުގެ ހިދުމަތްތައް އޮންލައިންކޮށް ދޭ ޕްލެޓްފޯމް "ވަންގަވް" ވިއުގައި ސަރުކާރުގެ ގިނަ އިދާރާތައް ބައިވެރިނުވާތީ، ބެލެނިވެރި ކުންފުނި ޓްރޭޑްނެޓްގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް، ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މިދިޔަ ސަރުކާރުން އުފައްދަވައި، "ވަން ގަވް" ވިއުގަ ތައާރަފްކުރީ ނެޝަނަލް ސިންގަލް ވިންޑޯ އޮޕަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަމަށެވެ.

ސަރުކާރުން ހޯދަން ޖެހޭ ހިދުމަތްތައް ގުޅިފައިވާ އެއް ވިއުގައެއްގެ ދަށުން ފޯރުކޮށްދިން މި ހިދުމަތުގައި މިހާތަނަށް ބައިވެރިވެ ހިދުމަތް ދޭން ފަށާފައިވަނީ ދައުލަތުގެ 14 އިދާރާއަކުން ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ވަން ގަވް ވިއުގަ ތެރޭގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ނުހިމެނޭއިރު އޭގެ ތެރޭގައި ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ގިނަ ހިދުމަތްތައް ބައިވެރިނުވެ ހުރި ކަމަށް ސިޓީގައިވެ އެވެ.

ކުޑޫގެ ސިޓީގައި ވިދާޅުވީ، އޭގެ ބަދަލުގައި ވަން ގަވް އާ ނުގުޅި އިދާރާތަކުން އަމިއްލަ ވިއުގަތައް ގާއިމްކޮށް، މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ކޮރަޕްޝަނަށް މަގުފަހިވެ، މަސައްކަތުގެ ސްޕީޑާއި އެފިޝިއެންސީއަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

އެއް ވިއުގަ އަކުން މިކަން ކުރުމަށް ބަޖެޓާއި ވަސީލަތްތައް ކަނޑައަޅާފައިވާއިރު، ވަކިވަކިން އިތުރު ވިއުގަތައް ހެދުމަކީ ދައުލަތުގެ ބަޖެޓުން ވެސް ބޮޑެތި އިސްރާފުތަކެއް ވެގެން ދާނެ ކަމެއް ކަމަށާއި ބައެއް ވިއުގަތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ބޮޑެތި ހަރަދުކޮށްގެން އަޕްގްރޭޑްކުރަން ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"... އެ ކުންފުނީގައި، ކަމަށް ބޭނުންވާ ފަންނީ ވަސީލަތްތަކާއި ފައިސާ ހުރިއިރު، ވަކިވަކިން ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް ކުރުމަކީ ދައުލަތަށް ލިބެން އޮތް ފައިދާތަކެއް ގެއްލިގެންދާ ގޮތަށް ތަރުތީބުގެން ކުރިއަށްދާ ކަމެކެވެ." ސިޓީގައި ކުޑޫ ވިދާޅުވި އެވެ.

ވަން ގަވް އުފެއްދި މަގުސަދު ހާސިލްނުވެ، މި ގޮތަށް މި ކަން ހިނގައިދިއުމަކީ ވަން ގަވްގައި ބައިވެރިވުމަށް ހުރަސްތަކެއް ހުރި ނަމަ، އެ ހުރަސްތައް ދެނެގަނެ ހައްލެއް ހޯދެން ޖެހިފައިވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ޓްރޭޑް ނެޓްގެ އިސްވެރިން ހާޒިރުކުރަން ނިންމާފައިވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާ މިންވަރު ބަލާ ކޮމިޓީ އަށެވެ.