Roadha Mihaaru

މިދިޔަ އަހަރު 15 އިދާރާއެއްގެ ހަރަދު ބަޖެޓަށް ވުރެ އިތުރު

ރައީސް އޮފީސް ހިމެނޭހެން ދައުލަތުގެ 15 އިދާރާއަކުން މިދިޔަ އަހަރު ކުރި ހަރަދު، ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރުވެއްޖެ އެވެ.

މިދިޔަ އަހަރު 15 އިދާރާއެއްގެ ހަރަދު އިތުރު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

22 ޖެނުއަރީ 2025

ރައީސް އޮފީސް ހިމެނޭހެން ދައުލަތުގެ 15 އިދާރާއަކުން މިދިޔަ އަހަރު ކުރި ހަރަދު، ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުން ރައީސް އޮފީހުގެ ހަރަދުތައް ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 34 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރު ރައީސް އޮފީހުގެ ހަރަދުތައް ހަމަޖެއްސުމަށް 238 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ 2023 ވަނަ އަހަރަށް ވުރެ 26 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ކަނޑައަޅާފައިވާ ބަޖެޓުން އެންމެ ބޮޑު ފަރަގެއް ފާހަގަވަނީ ހައުސިން މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ބަޖެޓުންނެވެ.

ހައުސިން މިނިސްޓްރީގެ ބަޖެޓް ވަނީ 74 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 862 މިލިއަން ރުފިޔާ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޖެޓް ވަނީ 47 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކޮމިޝަނަށް ހިނގާނެ ހަރަދުގެ ގޮތުގައި 94 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ވިޔަސް، އަހަރު ނިމުނުއިރު އެ ކޮމިޝަންގެ ހަރަދު ވަނީ 138 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓް ވަނީ ކަނޑައެޅި އަދަދަށް ވުރެ 44 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ފިނޭންސުން ވަނީ 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ 2023 ވަނަ އަހަރުގެ ފިނޭންސްގެ ބަޖެޓަށް ވުރެ 248 ޕަސެންޓު އިތުރު އަދަދެކެވެ. އެ އަހަރު ފިނޭންސް މިނިސްޓްރީން ހޭދަކުރީ 757 މިލިއަން ރުފިޔާ އެވެ.

ޑިފެންސް މިނިސްޓްރީގެ ބަޖެޓު 57 ޕަސެންޓަށް އިތުރުވި އިރު އެމްއެންޑީއެފްގެ ބަޖެޓު ވެސް ވަނީ 69 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ޑިފެންސް މިނިސްޓްރީން ހޭދަކުރީ 33 މިލިއަން ރުފިޔާ އެވެ. އަދި އެމްއެންޑީއެފުން ވަނީ 2.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

ބަޖެޓު އިތުރުވި އިދާރާތައް

1. ރައީސް އޮފީސް

2. ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ

3. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ

4. ހައުސިން މިނިސްޓްރީ

5. ޓްރާންސްޕޯޓް މިނިސްޓްރީ

6. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

7. ހޯމް މިނިސްޓްރީ

8. އެމްއެންޑީއެފް

9. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

10. ޑިފެންސް މިނިސްޓްރީ

11. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ

12. މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ

13. ފުލުހުންގެ އިދާރާ

14. އިލެކްޝަން ކޮމިޝަން

15. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މިދިޔަ އަހަރު ސަރުކާރުގެ 69 އިދާރާއަކަށް 53 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރު ވަކި ވަކި ބައެއް އޮފީސްތަކުގެ ހަރަދުތައް އިތުރުވި ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓާ އެކު، މިދިޔަ އަހަރަށް ކަނޑައެޅި ޖުމްލަ ބަޖެޓަށް ވުރެ ހަރަދު އިތުރުވެފައެއް ނުވެ އެވެ.

ސަރުކާރުގެ އޮފީސް އިދާރާތަކަށް 2023 ވަނަ އަހަރު ހޭދަކުރީ 49 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މިދިޔަ އަހަރު ޖުމްލަ ހަރަދު ވަނީ ހަތަރު ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.