Roadha Mihaaru

ޝައްކު އުފައްދާނެކަމެއް ނެތް، ރެއާލް ދޫކޮށްލާކަށް ނޫޅެން: އަންޗެލޮޓީ

މެޑްރިޑް (ޖެނުއަރީ 22) – ރެއާލް މެޑްރިޑްގެ ކޯޗުކަން އޭނާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ ޝައްކު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށާއި އެ މަގާމު ދޫކޮށްލަން އޭނާ އަދި ނިންމާފައި ނުވާ ކަމަށް ކާލޯ އަންޗެލޮޓީ ބުންޏެވެ.

ރެއާލުން ވަކިވާކަށް ނުނިންމަން: އަންޗެލޮޓީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

22 ޖެނުއަރީ 2025

މެޑްރިޑް (ޖެނުއަރީ 22) – ރެއާލް މެޑްރިޑްގެ ކޯޗުކަން އޭނާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ ޝައްކު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށާއި އެ މަގާމު ދޫކޮށްލަން އޭނާ އަދި ނިންމާފައި ނުވާ ކަމަށް ކާލޯ އަންޗެލޮޓީ ބުންޏެވެ.

މި ސީޒަނަށް ފަހު ރެއާލްގެ މަގާމު ދޫކޮށްލަން އަންޗެލޮޓީ ނިންމާފައިވާ ކަމަށް، ސްޕެއިންގެ ބައެއް މީޑިއާތަކުން މިދިޔަ ހޯމަ ދުވަހު ރިޕޯޓް ކުރި އެވެ.

އެކަމަކު އެ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ފަހުން ހާމަވި އެވެ. އެކަން އިތުރަށް ކަށަވަރުވީ އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް އަންޗެލޮޓީ އިއްޔެ ވާހަކަ ދެއްކުމުންނެވެ.

ރެއާލްއާ އެކު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ކޯޗު ބުނީ ރެއާލްގެ ކޯޗުކަން އޭނާ އަމިއްލަ އަށް ދޫކޮށްލުމަކީ އަދި މިހާތަނަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

"އަހަރެން ވަރަށް ސާފުކޮށް ބުނެދޭން ބޭނުން މި ކްލަބް ދޫކޮށްލާނެ ތާރީހެއް އަހަރެން ނުނިންމަން،" 2013 އިން 2015 އަށް ވެސް ރެއާލަށް ކޯޗުކޮށް ދިން އަންޗެލޮޓީ ބުންޏެވެ.

ދެވަނަ ފަހަރަށް ރެއލްގެ ކޯޗުކަމާ 2021 ގައި ހަވާލުވި އަންޗެލޮޓީ ބުނީ ކޮންމެވެސް ދުވަހަކުން އޭނާ ކްލަބް ދޫކޮށްލަން ޖެހޭ ދުވަސް ވެސް އަންނާނެ ކަމަށެވެ. އެކަމަކު އެއީ ކިހާ ހިސާބެއްގައިކަން ބުނަން ނޭނގޭ ކަމަށް އިޓަލީގެ ކޯޗު ބުންޏެވެ.

"އެ ވެދާނެ މާދަމާ އަށް ވެސް،" ހިނިގަނޑެއް ޖަހާލުމަށް ފަހު އަންޗެލޮޓީ ބުންޏެވެ.

ސަމާސާ ރާގެއްގައި އަނެއްކާ ވެސް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ އޭނާ ރެއާލްއާ އަލްވަދާއު ކިޔާނީ ފްލޮރެންޓީނޯ ޕެރޭޒާ އެކު އެކީގައި ކަމަށެވެ.

"ފްލޮރެންޓީނޯ އިތުރު ހަތަރު އަހަރަށް މި ކްލަބާ އެކު ހޭދަކުރާނެ. އަހަރެންގެ އަމާޒަކީ ފްލޮރެންޓީނޯގެ ހަތަރު އަހަރުގައި ކޯޗުކޮށް ދިނުން. އަދި އެއަށް ފަހު އަހަރެމެން އަލްވަދާއު ކިޔާނީ އެކު އެކީގައި،" ސަމާސާ ރާގެއްގައި އަނެއްކާ ވެސް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.

މި ސީޒަނުގެ ލަލީގާ ނުވަތަ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް އަށް ނުލިބިއްޖެނަމަ އަންޗެލޮޓީގެ މަގާމު ގެއްލޭނެ ކަމަށް ސްޕެއިންގެ ފުޓްބޯޅަ އެނަލިސްޓުން ލަފާ ކުރެ އެވެ. ލަލީގާގައި ރެއާލުން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާރު ވެސް ލީގުގެ އެއް ވަނައިގައި އޮތީ އެ ޓީމެވެ.