Roadha Mihaaru

އިމަޖެންސީ ހާލަތުގައި އަންޗެލޮޓީއަށް އެހީވީ ޒުވާން ކުޅުންތެރިން

މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވެ، "އިމަޖެންސީ ހާލަތުގައި" އޮތް ރެއާލް މެޑްރިޑުން ޒުވާން ކުޅުންތެރިންގެ އެހީއާ އެކު ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިމަޖެންސީގައި ރެއާލަށް އެހީވީ ޒުވާން ކުޅުންތެރިން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

06 ފެބުރުއަރީ 2025

މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވެ، "އިމަޖެންސީ ހާލަތުގައި" އޮތް ރެއާލް މެޑްރިޑުން ޒުވާން ކުޅުންތެރިންގެ އެހީއާ އެކު ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުއާޓާ ފައިނަލުގައި ރޭ ލެގަނޭޒާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 3-2 ންނެވެ.

ލެގަނޭޒްގެ ދަނޑުގައި ކުޅުނު މެޗުގެ ފަހު މިނެޓްގައި ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ އުމުރުން 20 އަހަރުގެ ގޮންޒާލޯ ގާސިއާ އެވެ.

މެޗުގެ ކުރީކޮޅު ރެއާލުން ލީޑް ނެގި އެވެ. މެޗުގެ 18 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ ތަޖުރިބާކާރު މިޑްފީލްޑަރު ކެޕްޓަން ލުކަ މޮޑްރިޗެވެ.

އޭގެ ހަތް މިނެޓް ފަހުން ޒުވާން ކުޅުންތެރިޔާ ފިލިޕޭ އެންޑްރިކް، އެ ޓީމަށް ލީޑްފުޅާކޮށްދިނެވެ. ލެގަނޭޒަށް ނަތީޖާ ހަމަހަމަކޮށްދިން ދެ ލަނޑު ޖެހީ ވެސް ހުއާން ކްރޫޒެވެ.

މެޗު އެއްވަރުވާން ދަނިކޮށް ގާސިއާ ރެއާލް މޮޅުކޮށްދިނީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރެއިން ތިން ވަނަ މިނެޓްގަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ފާހަގަ ކުރެވިފައި ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާ ދުރު ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ވެސް އެކި ފަހަރުމަތިން ބުނެފައި ވަނީ އޭނާ ރެއާލް އަށް އައީ ޒުވާން ކުޅުންތެރިންނަށް ތަރައްގީ ކުރުމަށް ނޫން ކަމަށެވެ.

އެކަމަކު ރޭގެ މެޗުގައި ރެއާލްގެ ޓީމުން އަންޗެލޮޓީ އަށް ފުރުސަތު ދޭން ޖެހުނީ ޒުވާން ކުޅުންތެރިންނަށެވެ. އަންޗެލޮޓީ މެޗުން ފުރުސަތު ދިން ޒުވާން ކުޅުންތެރިންނަކީ ރައުލް އެސެންސިއޯ، 21، ޖޭކޮބް ރެމޯން، 20، އަރްދާ ގުލާ، 19 އަދި އެންޑްރިޑް، 18 އެވެ.

މެޗަށް ފަހު އޭނާ ވަނީ ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ. މިހާލަތުގައި ޒުވާން ކުޅުންތެރިން ބޭނުންތެރިކަން މުހިންމު ކަމަށް އަންޗެލޮޓީ ބުންޏެވެ.

"ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް އަހަރެމެން ޖެހޭނެ އުފާކުރަން،" އަންޗެލޮޓީ ބުނެފި އެވެ.

"އެ ކުޅުންތެރިންނަށް ގޯސް ވެސް ހެދޭނެ. އަހަރެމެން ބޭނުންވޭ އެ ކުޅުންތެރިން. މި ވަގުތަކީ އުނދަގޫ ވަގުތެއް."