Roadha Mihaaru

ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ: ގާޑިއޯލާ

އިދިކޮޅު ޓީމުތަކުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން މިހާރު ޖެހިލުން ނުވާ ކަމަށާއި، އެކަން ބަދަލުނުވެއްޖެ ނަމަ އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"

އިދިކޮޅު ޓީމުތަކުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން މިހާރު ޖެހިލުން ނުވާ ކަމަށާއި، އެކަން ބަދަލުނުވެއްޖެ ނަމަ އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ހަތަރު ސީޒަނުގައި ވެސް ޕްރިމިއާ ލީގު ކާމިޔާބުކުރި ސިޓީގެ ފޯމު މި ސީޒަނުގެ ވަކި ހިސާބަކުން ދަށްވެ އެ ޓީމު މިހާރު އޮތީ ފަސް ވަނައިގަ އެވެ. ލީގު ދިފާއުކުރުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވެފައިވާއިރު އެ ޓީމުގެ މިހާރު އެންމެ ބޮޑު އަމާޒަކީ ގަދަ ހަތަރެއްގެ ތެރޭ ހިމެނި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ މީގެ ކުރިން ޓީމުތަކުން ސިޓީއާ ދެކޮޅަށް ކުޅެން އައިސް ތިބެނީ ފަހަތަށް ފައިބައިގެން ކަމަށެވެ. އެކަމަކު މިހާރު އެކަން ބަދަލުވެ ޓީމުތަކުން ސިޓީއާ ދެކޮޅަށް ކުޅެނީ މޭން މާކުކޮށްގެން ކަމަށް އޭނާ ބުންޏެވެ.

"އެ ކުޅުމަށް އަހަރެމެން އެބަޖެހޭ ހޭނެން. އަހަރެމެންނަށް ބޯޅަ ލިބޭ ވަގުތު އެބަޖެހޭ ފައިދާ ނަގަން. އެ ނޫނީ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ދުވެއްވާއި، ހަލުވިކަން އެއީ ޓީމުން މޮޅަށް ކުޅޭކަން ދައްކުވައިދޭ މިންގަނޑެއް ކަމަށް ބުނާ މީހުންނަށް ވެސް ފާޑުކިޔައިފަ އެވެ.

"ދުވެއްޔަކީ މުހިއްމު ކަމެއް. އެކަމަކު ބަލާ ޕީއެސްޖީ މެޗު. އެ މެޗުގައި އެ މީހުންނަށް ވުރެ އަހަރެމެންގެ ކުޅުންތެރިންގެ ދުވެލި ބާރުވެފައި ދުވި ވަރު ވެސް އިތުރު. އެކަމަކު ބަލިވީ. އަހަރެމެން ޓީމުގެ މައްސަލައަކީ ބޯޅަ ލިބޭ ވަގުތު އޭގެ ބޭނުން ރަނގަޅަށް ނުކުރެވުން. އެއީ މި ސީޒަނުގައި މައްސަލައަކަށް ވިމާވި ކަމަކީ،" ގާޑިއޯލާ ބުންޏެވެ.

"ބޯޅަ އޮވެމެ، ރަނގަޅު ތަނަށް އެ ފޮނުވާނުލެވެންޏާ، ނުވަތަ ނުދެވެންޏާ ހުރިހާ ކަމެއް އުނދަގޫވާނެ."

ގާޑިއޯލާ ބުނީ އަނިޔާގެ މައްސަލަތަކާ ހެދި މި ސީޒަނުގައި، ގަދަ ހަތަރެއް ލިބުމަކީ ވެސް ތަށްޓެއް ލިބުން ފަދަ ކާމިޔާބަކަށް ވާނެ ކަމަށެވެ. މިދިޔަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް އަނިޔާވުމަކީ މުޅި ޓީމުގެ ކުޅުން ދަށްވި އެއް ސަބަބު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އޭނާ އަކީ މެދުތެރެއިން ސިޓީގެ މައި އިންޖީނެވެ.

އަލަށް ސޮއިކުރި ދެ ޑިފެންޑަރުން ކަމަށްވާ ވިކްޓަ ރީސް އާއި އަބްދުކުދީރް ޚުސަނޯފްގެ އިތުރަށް ޓީމުގައި ހުރީ މިވަގުތު ފިޓް އެންމެ ސެންޓްރަލް ޑިފެންޑަރެއް ކަމަށް ގާޑިއޯލާ ބުންޏެވެ. އެ ޓީމުގެ ތަޖުރިބާކާރު ފުލްބެކް ކައިލް ވޯކާ ވަނީ އިއްޔެ އޭސީ މިލާނަށް ބަދަލުވެފަ އެވެ.

ސިޓީ އާއި ޗެލްސީ މިރޭ އިއްތިހާދު ސްޓޭޑިއަމުގައި ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 10:30 ގަ އެވެ.