Roadha Mihaaru

ސީއައިއޭއިން މިހާރު ބުނަނީ ކޮވިޑަކީ ލެބަކުން ލީކުވި ވައިރަހެއް ކަމަށް މާބޮޑަށް ބެލެވޭ ކަމަށް

ކޮވިޑް-19 ފެތުރުނު ކަމަށް ބެލެވެނީ ޖަނަވާރެއްގެ ފަރާތުން އިންސާނަކަށް ވައިރަސް ޖެހިގެން ކަމަށް އެމެރިކާގެ މައި ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ކުރިން ގަބޫލުކުރި ނަމަވެސް އެއީ ޗައިނާގެ ލެބަކުން ލީކުވި ވައިރަހެއް ކަމަށް މާބޮޑަށް ބެލެވޭ ކަމަށް ބުނެ ކުރީގެ ވިސްނުން ދޫކޮށްލައިފި އެވެ.

ކޮވިޑުގެ އަސްލާ މެދު ސީއައިއޭ ދެކޭ ގޮތް ބަދަލުވެއްޖެ

ކޮވިޑް-19 ފެތުރުނު ކަމަށް ބެލެވެނީ ޖަނަވާރެއްގެ ފަރާތުން އިންސާނަކަށް ވައިރަސް ޖެހިގެން ކަމަށް އެމެރިކާގެ މައި ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ކުރިން ގަބޫލުކުރި ނަމަވެސް އެއީ ޗައިނާގެ ލެބަކުން ލީކުވި ވައިރަހެއް ކަމަށް މާބޮޑަށް ބެލެވޭ ކަމަށް ބުނެ ކުރީގެ ވިސްނުން ދޫކޮށްލައިފި އެވެ.

އާ އެސެސްމަންޓުގެ ނިންމުން ސީއައިއޭގެ ޑިރެކްޓަރުގެ މަގާމަށް އާ ރައީސް ޑޮނަލްޑް ޓްރަމްޕު، ޖޯން ރެޓްކްލިފް ހަމަޖެއްސެވިކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައި ވަނިކޮށެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2020-2021 އަށް ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމު ފުރުއްވި ރެޓްކްލިފްގެ އިންޓަވިއުއެއް ހުކުރު ދުވަހު ޝާއިއުކޮށްފައި ވާއިރު އޭގައި އޭނާ ވިދާޅުވެފައި ވަނީ "ފުރަތަމަ ދުވަހު" ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ކޮވިޑްގެ އަސްލު ދެނެގަތުމުގެ އެސެސްމަންޓެއް ހަދަން ކަމަށެވެ.

ރެޓްކްލިފް އަކީ، ކޮވިޑަކީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ލީކެއް ކަމަށް ގަބޫލުކުރައްވާ ބޭފުޅެކެވެ.

"ސީއައިއޭގެ އެސެސްމަންޓުން، ޔަގީންކަން ކުޑަ ގޮތެއްގައި ބުރަވެވެނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނީ ގުދުރުތީ ސަބަބަކަށްވުރެ، ރިސާޗެއް ހެދުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ކަމަށް،" ސީއައިއޭގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައިވެ އެވެ.

ކޮވިޑް ފެތުރުނީ ލެބޯޓްރީއެއްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމެއް ނުވަތަ ޖަނަވާރުންގެ ކިބައިން ކަމެއް އެ އެޖެންސީން މީގެ ކުރިން ނިންމާފައެއް ނުވެ އެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސްލަކީ ދިރާއަކާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ވެސް އަދި ގުދުރަތީ ސަބަބެއް ކަމަށް ވެސް ގަބޫލުކުރެވޭ ސަބަބުތައް އެގޮތުގައި ހުރުމުން މި ދެ ހާލަތަށް ބިނާކޮށް ސީއައިއޭ އިން އަދިވެސް އިތުރަށް ހޯދަމުން ގެންދާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ސީއައިއޭގެ ވިސްނުން ބަދަލުކުރީ ކުރީގެ ޑިރެކްޓަރު ވިލިއަމް ބާންސްގެ އެންގެވުމަށް ހެދި އިންޓެލިޖެންސްގެ އާ އެނަލިސިސްގެ މައްޗަށް ބިނާކޮށް ކަމަށާއި، މި ހަފުތާގައި ރެޓްކްލިފް ޑިރެކްޓަރުކަމާ ވަޑައިގަތުމުގެ ކުރިން އެ އެސެސްމަންޓް ނިމިފައިވާ ކަމަށެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނާއި ޑިޕާޓްމަންޓް އޮފް އެނާޖީ ފަދަ ބައެއް އިދާރާތަކުން ބޮޑަށް ބުރަވަނީ ކޮވިޑްގެ އަސްލަކީ "ލެބް-ލީކް" އެއް ކަމަށެވެ. އެކަމަކު އިންޓެލިޖެންސް ކޮމިއުނިޓީގެ ގިނަ ބަޔަކު ބުރަވަނީ ގުދުރަތީ އަސްލެއް ކަމަށެވެ.

ލެބް-ލީކް ހައިޕޮތެސިސްއަށް ބުރަވާ މީހުން ފާހަގަކުރާ ގޮތުގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވަނީ ކޮރޯނާވައިރަހުގެ ރިސާޗް ހަބެއް ކަމަށްވާ ޗައިނާގެ ވޫހާން ސިޓީން ކަމަށް ވާއިރު އެއީ އެފަދަ ވައިރަސްތައް އާންމުކޮށް ހުންނަ ވާލުގެ އާބާދީތަކާ 1،000 މޭލު (1،600 ކިލޯމީޓަރު) ދުރު ހިސާބެކެވެ. -- އޭއެފްޕީ