Roadha Mihaaru

މީޑިއާ ރެގިއުލޭޓްކުރުމަކީ ބްލޮކްކޮށް، މިނިވަންކަމަށް ހުރަސްއެޅުމެއް ނޫން: ނާޒިމް

މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މިނިވަންކަމަށް ހުރަސްއެޅުން ނޫން ކަމަށް ވިދާޅުވެ، މީޑިއާ ރެގިއުލޭޝަނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ރައްދު ދެއްވައިފި އެވެ.

"ރެގިއުލޭޓްކުރުމަކީ ބްލޮކްކޮށް، ހުރަސްއެޅުމެއް ނޫން"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 ޖެނުއަރީ 2025

މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މިނިވަންކަމަށް ހުރަސްއެޅުން ނޫން ކަމަށް ވިދާޅުވެ، މީޑިއާ ރެގިއުލޭޝަނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ރައްދު ދެއްވައިފި އެވެ.

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ނާޒިމް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވާއިރު ނާޒިމް ވިދާޅުވީ އެކަމާ ގުޅިގެން މީޑިއާގައި ރިޕޯޓްކޮށްފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ.

ނާޒިމް އެކްސްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން ދެ މުއައްސަސާއެއް އޮތް ނަމަވެސް އެ ދެ މުއައްސަސާ ވެސް ރަނގަޅަށް މަސައްކަތްނުކުރާކަން މީޑިއާތަކުން ވެސް ގަބޫލުކުރާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫނެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާނެ މީހެއް ނޫނެވެ. އެ ފަަދަ ކަމަކަށް ދުވަހަކު ވެސް ތާއީދުކުރާނެ މީހެއްނޫނެވެ." ނާޒިމް ލިޔުއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް

މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ޒުވާނުން ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެފަދަ އެޕްތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއްކަން އެންމެން ވެސް ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަގްސަދަކީ މިފަދަ ދޯހަޅި ގޮތްގޮތަކަށް ހުރި މުއައްސަސާތައް ރިފޯމްކުރުމެވެ.... އެއީ އެއްވެސް މިންވަރަކަށް އެ ފަދަ މަންސަތައް [ޕްލެޓްފޯމްތައް] ބްލޮކްކޮށް ނުވަަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމެއް ނޫނެވެ،" ނާޒިމް ވިދާޅުވި އެވެ.

"މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާގެ އަބުރާއި، އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއްކަން ދެެނެގަންނަން އެބަޖެހެ އެެވެ. އަނިޔާ ލިބޭ ފަރާތުން، އިންސާފު ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު، އިންސާފު ހޯދަައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއިހުދުން ލިޔެފައި އޮންނަ ގާނުނުކަމާއި، އަދި މިވަގުުތު އެފަދަ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ."

ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅުވައި މީޑިއާގައި ރިޕޯޓްކުރުމާ އެކު ސަރުކާރުން މިއަދު ބުނީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާ ކަމަށް ވެސް ބުންޏެވެ.