Roadha Mihaaru

ޑްރަގް މައްސަލައެއްގައި ނައިންގޯލާން ހައްޔަރުކޮށްފި

ދެކުނު އެމެރިކާއިން ޔޫރަޕަށް ޑްރަގްސް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ބެލްޖިއަމްގެ ކުރީގެ މިޑްފީލްޑަރު ރަޖާ ނައިގޯލާން ހައްޔަރު ކޮށްފި އެވެ.

ޑްރަގް މައްސަލައެއްގައި ނައިންގޯލާން ހައްޔަރުކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

28 ޖެނުއަރީ 2025

ދެކުނު އެމެރިކާއިން ޔޫރަޕަށް ޑްރަގްސް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ބެލްޖިއަމްގެ ކުރީގެ މިޑްފީލްޑަރު ރަޖާ ނައިގޯލާން ހައްޔަރު ކޮށްފި އެވެ.

ބެލްޖިއަމްގެ ޕްރޮސިކިއުޓަރުން އިއްޔެ ބުނީ ދެކުނު އެމެރިކާއިން ޔޫރަޕަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެތެރެ ކުރަން އުޅުނު ނެޓްވޯކެއް އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި އެ ނެޓްވޯކާ ނައިންގޯލާންއާ ގުޅުން އޮތްކަން ފާހަގަވެފައިވާ ކަމަށް ޕްރޮސިކިއުޓަރުން ބުންޏެވެ.

ކުޅޭނެ ކްލަބެއް ހަމަނުޖެހުމުން ރިޓަޔާ ކުރަން ވިސްނައިގެން ހުރި ނައިންގޯލާން، ވަނީ މި މަހު ބެލްޖިއަމްގެ ދެ ވަނަ ޑިވިޝަނުގެ ލޮކްރެން-ޓެމްސް އަށް ކުޅެން ފަށައިފަ އެވެ. އެ ކްލަބްގައި އޭނާގެ ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުން އޭނާ ވަނީ ކޯނަރަކުން ގޯލެއް ޖަހައިފަ އެވެ.

އެ ކްލަބުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އެކަމާ ބެހޭގޮތުން މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"މި ކްލަބުން ފާހަގަކުރަން ބޭނުންވަނީ އިއްޔެ ހެނދުނު ޓީމުގެ ޕްރެކްޓިހަށް އޭނާ ހާޒިރު ނުވާކަން،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.

އުމުރުން 36 އަހަރުގެ މިޑްފީލްޑަރު ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް 30 މެޗު ކުޅެފަ އެވެ. އެކަމަކު މާޗް 2018 ގެ ފަހުން އޭނާ އަށް ގައުމީ ޓީމުން ފުރުސަތެއް ނުދެ އެވެ.

އޭނާގެ ކެރިއާގެ ގިނަ މުއްދަތެއް ހޭދަ ކުރީ އިޓަލީގެ ލީގުގަ އެވެ. އިންޓަ މިލާނާއި ރޯމާ އަށް ކުރިން ކުޅުނު ނައިންގޯލާން ފާހަގަ ކުރެވިފައި ވަނީ އަހުލާގީ ގޮތުން ދަށް ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.