Roadha Mihaaru

ކޯޓުއާ އަށް ފުރުސަތު ދޭން އުޅޭތީ ބެލްޖިއަމްގެ ދެވަނަ ކީޕަރު ޓީމުން ވަކިވެއްޖެ

ބެލްޖިއަމްގެ ގައުމީ ޓީމުން ޓިބޯ ކޯޓުއާ އަށް ފުރުސަތު ދޭން އުޅޭތީ ދެ ވަނަ ކީޕަރު ކޯން ކަސްޓޭލްސް ގައުމީ ޓީމުން ވަކި ވެއްޖެ އެވެ.

ކޯޓުއާއަށް ޖާގަ ދޭތީ ދެ ވަނަ ކީޕަރު ޓީމުން ވަކިވެއްޖެ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 މާޗް 2025

ބެލްޖިއަމްގެ ގައުމީ ޓީމުން ޓިބޯ ކޯޓުއާ އަށް ފުރުސަތު ދޭން އުޅޭތީ ދެ ވަނަ ކީޕަރު ކޯން ކަސްޓޭލްސް ގައުމީ ޓީމުން ވަކި ވެއްޖެ އެވެ.

ދޮޅު އަހަރަށް ފަހު ބެލްޖިއަމްގެ ގައުމީ ޓީމަށް ކޯޓުއާ މި މަހު ކުޅޭނެ ކަމަށް މިހާރު އޮތީ ބެލެވިފަ އެވެ. ރެއާލް މެޑްރިޑްގެ ކީޕަރަށް މިދިޔަ ސީޒަނުގައި އަނިޔާވުމުން، މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގެންދިޔަ ސްކޮޑަށް ވެސް އޭނާ ނުނަގަ އެވެ.

އަނިޔާއިން އެއްކޮށް ރަނގަޅުވެ، ކުރީގެ ފެންވަރަށް ދެވުމުން މިދިޔަ އޯގަސްޓް މަހު ކޯޓުއާ ބުނެފައި ވަނީ ބެލްޖިއަމްގެ ކޯޗުކަމުގައި ޑޮމެނިކޯ ޓެޑެސްކޯ ދެމިހުރިހާ ހިނދަކު ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

ޓެޑެސްކޯއާ ކޯޓުއާ މެދު ޖެހުނީ ކެޕްޓަން ބޭންޑް މައްސަލަ އެވެ. ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޮއިނާ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނު މެޗުގައި ކެޕްޓަން ބޭންޑް ކޯޓުއާ އަށް ދިނުމުގެ ބަދަލުގައި ޓެޑެސްކޯ ކެޕްޓަނަކަށް އިހުތިޔާރު ކުރީ ރޮމެލޫ ލުކާކޫ އެވެ. ބެލްޖިއަމްގެ ކެޕްޓަން ބޭންޑް ތަރުތީބުގައި ޑިބްރޮއިނާ އަށް ފަހު ލިސްޓްގެ ދެ ވަނައަކީ ކޯޓުއާ އެވެ.

މިދިޔަ މަހު ޓެޑެސްކޯ މަގާމުން ވަކި ކުރި އެވެ. މިހާރު ބެލްޖިއަމްގެ ކޯޗަކީ ރޯމާ އާއި އޮލިމްޕިކް މާސޭގެ ކުރީގެ ކޯޗު ރޫޑީ ގާސިއާ އެވެ.

ކުރިން ކުޅުނު މެޗެއްގައި ޓެޑެސްކޯ އާއި ކޯޓުއާ

ކުރިން ކުޅުނު މެޗެއްގައި ޓެޑެސްކޯ އާއި ކޯޓުއާ

އޭނާގެ ފުރަތަމަ ރަސްމީ ސްކޮޑް މި މަހު އިއުލާން ކުރާނެ އެވެ. ރެއާލްގެ އެއްވަނަ ކީޕަރަށް ފުރުސަތު ދޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ އަލް ގާދިސިއްޔާ އަށް ކުޅެމުން އަންނަ ކަސްޓޭލްސް ވަނީ ކޯޓުއާ ފުރުސަތު ބޭނުން ނުކުރި މަރުހަލާގައި ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ. ހަތަރު މެޗުގައި އޭނާ ފުރަތަމަ 11 ގައި ކުޅުނެވެ.

އޭނާ ބުނީ ގައުމީ ޓީމުގެ ފުރުސަތު ދޫކޮށްލަނީ ކޯޓުއާ އާ މެދު ހިތްހަމަނުޖެހިގެން ނޫން ކަމަށެވެ. އޭނާ ހިތްހަމަނުޖެހުނީ ބެލްޖިއަމްގެ އެފްއޭއިން އެގޮތަށް ކަންކުރުމުން ކަމަށެވެ.

"ފުޓްބޯޅަ އެސޯސިއޭޝަނުން 180 ޑިގްރީ އެނބުރި ރަތް ދޫލަ އަޅައި އޭނާ އަށް މަރުހަބާ ކިޔަން، އަތް ހުޅުވާލައިގެން އަނބުރާ އޭނާއަށް މަރުހަބާ ކިޔުމަކީ އާދަޔާހިލާފް ކަމެއް،" ކަސްޓޭލްސް ބުންޏެވެ.

"އަހަންނަށް ހީވަނީ ކޯޓުއާ ބޭނުންވީމަ އެނބުރިއައިސް ބޭނުންވީމަ ނުކުޅެ ދޫކޮށްލުމަކީ އޭނާ އަމިއްލަ އަށް ކުރެވޭ ކަމެއްކަމަށްވާނަ އެއީ ވަރަށް އާދަޔާ ހިލާފު ކަމެއް."

އޭނާ ބުނީ ބެލްޖިއަމްގެ އެފްއޭއަކީ ހަރުދަނާ އުސޫލުތަކެއް ނެތް އިދާރާއެއްކަން، އެގޮތަށް އޮތުމުން އަންގައިދޭ ކަމަށެވެ.