Roadha Mihaaru

ރާއްޖެއަށް އިންޑިއާއިން ދޭ އެހީ 69 މިލިއަން ޑޮލަރަށް އިތުރުކުރަން ކަނޑައަޅައިފި

އިންޑިއާގެ 2025-2026 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު މިދިޔަ އަހަރަށް ކަނޑައެޅި ވަރަށް ވުރެ އިތުރުކުރަން ނިންމައިފި އެވެ.

ރާއްޖެއަށް އިންޑިއާއިން ދޭ އެހީ އިތުރު ކުރަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

01 ފެބުރުއަރީ 2025

އިންޑިއާގެ 2025-2026 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު މިދިޔަ އަހަރަށް ކަނޑައެޅި ވަރަށް ވުރެ އިތުރުކުރަން ނިންމައިފި އެވެ.

މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ކަނޑައަޅާފަ އެވެ. މިދިޔަ އަހަރު ފާސްކުރި 2024-2025 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) ގެ ބަޖެޓެކެވެ. އެއީ އެ އަހަރަށް ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. އެ އަހަރު އެންމެ ފުރަތަމަ ރާއްޖެއަށް ދޭ އެހީގެ ގޮތުގައި ލަފާކުރީ 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ.

އިންޑިއާއިން ގައުމުތަކަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދޭން ނިންމާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދެނީ ނޭޕާލަށެވެ. އެގައުމަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ އެހީ ދޭން ނިންމާފައިވެ އެވެ.

ދެވަނައަށް އެންމެ ބޮޑު އެހީއެއް ދެނީ ރާއްޖެއަށެވެ. އެއީ އެގައުމުން އެހެން ގައުމުތަކަށް ދޭން ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 25 ޕަސެންޓެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައި އޮތަސް، އެގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ. މިދިޔަ މަހު އެގައުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލު ވެސް ވަޑައިގެންނެވި އެވެ.

އިންޑިއާއިން ތިން ވަނައަށް އެންމެ ބޮޑު އެހީއެއް ދެނީ މޮރިޝަސްއަށެވެ. އެގައުމަށް 58 މިލިއަން ޑޮލަރު (894 މިލިއަން ރުފިޔާ) ދޭން ކަނޑައަޅާފައިވެ އެވެ.

އެ ތިން ގައުމުގެ އިތުރުން އިންޑިއާއިން އަންނަނީ އަފްޣާނިސްތާން، ބޫޓާން، ބަންގްލަދޭޝް، މިޔަންމާ، ލަންކާ، މޮންގޯލިއާ، ސީޝެލްސް އަށް ވެސް އެހީވަމުންނެވެ.

އެގައުމުން މި ނިމުނު އަހަރުގެ ބަޖެޓުން ގައުމުތަކަށް އެހީވުމަށް 293 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) ގެ ބަޖެޓެއް ފާސްކުރި އެވެ.