Roadha Mihaaru

ރެއާލުގެ ލީޑު އެއް ޕޮއިންޓަށް ހަނިވެއްޖެ

އެސްޕަންޔޯލް އަތުން 1-0 އިން ބަލިވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުގެ ލީޑު އެންމެ ޕޮއިންޓަކަށް ހަނިވެއްޖެ އެވެ.

ރެއާލުގެ ލީޑު އެއް ޕޮއިންޓަށް ހަނިވެއްޖެ

އެސްޕަންޔޯލް އަތުން 1-0 އިން ބަލިވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުގެ ލީޑު އެންމެ ޕޮއިންޓަކަށް ހަނިވެއްޖެ އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. އެ އަދަދަށް މެޗު ކުޅެގެން އެތުލެޓިކޯ މެޑްރިޑް ވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ރޭ މަޔޯކާ އަތުން 2-0 އިން މޮޅުވެފަ އެވެ. މާނައަކީ އަންނަ ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯ އާއި ރެއާލް ކުޅޭ މެޗުން މޮޅުވެގެން އެތުލެޓިކޯ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތުމެވެ.

އަނެއްކޮޅުން 21 މެޗުން 42 ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތް ބާސެލޯނާ މިއަދު ކުޅޭ މެޗުން އަލަވެސް އަތުން މޮޅުވެއްޖެ ނަމަ ރެއާލްއާ ހަތަރު ޕޮއިންޓަށް ކައިރިކުރެވޭނެ އެވެ.

މި މެޗުގެ ކުރިން ރެލިގޭޒަން ޒޯނުގައި އޮތް އެސްޕަންޔޯލް އަތުން ރެއާލް ފަސޭހަކަމާ އެކު މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމަށް ރޭ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

"އަހަރެންގެ ނަޒަރުގައި އެސްޕަންޔޯލުން ވަރަށް ރަނގަޅަށް ކުޅުނު. އަހަރެމެންނަށް އެކަމަކު މިއަށް ވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެ،" ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.

މި މެޗުގައި އެސްޕަންޔޯލުން ލަނޑު ޖެހީ 85 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖެހި ރޮމޭރޯ އޭގެ ކުރިން ރެއާލުގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ކުރި ފައުލަކަށް ރަތްކާޑު ނުދެއްކުމުން ރެއާލުން ތިބީ ހިތްހަމަނުޖެހިފަ އެވެ.

"އެއީ ވަރަށް ނުރައްކާތެރި ޓެކުލެއް. ސީރިއަސް ހާނިއްކައެއް ނުވިކަން ނަސީބު،" އަންޗެލޮޓީ ބުންޏެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް އަނިޔާވެގެން ވަނީ ބާލައިފަ އެވެ. އޭނާގެ އަނިޔާ ސީރިއަސް ނަމަ އެއީ ރެއާލަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. އަމުދުން، މި މަހު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މުހިއްމު ދެ މެޗު އޮތުމުންނެވެ.