Roadha Mihaaru

ލީގު ހޯދުމުގައި ރެއާލް މެޑްރިޑަށް ގޮންޖެހުމެއް

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވުމަކީ ލީގު ކާމިޔާބުކުރުމުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ލީގު ހޯދުމުގައި ރެއާލް މެޑްރިޑަށް ގޮންޖެހުމެއް

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވުމަކީ ލީގު ކާމިޔާބުކުރުމުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މި މެޗުން ރެއާލް ބަލިވުމުގެ ފައިދާ ނަގައި، އެތުލެޓިކޯ މެޑްރިޑް ވަނީ ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ރޭ އެތުލެޓިކް ކްލަބް އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ އެއް ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ. ރެއާލް އޮތީ 54 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެ ޓީމު މިރޭ ރެއާލް ސޮސިއެޑާޑް އަތުނ މޮޅުވެއްޖެ ނަމަ އެއް ވަނަ އަށް އެރޭނެ އެވެ.

ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ވަނީ ރެއާލަށް ކުރި ހޯދައިދީފަ އެވެ. ބެޓިސް އެއްވަރުކުރީ 34 ވަނަ މިނެޓުގައި ޖޮނީ ކަރްޑޯސޯ ޖެހި ގޯލުންނެވެ. އަދި އެ ޓީމު މޮޅުވީ 54 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިސްކޯ ޖެހި ގޯލުންނެވެ. ރެއާލަށް ކުރިން ކުޅުނު އިސްކޯ، އޭނާގެ ކުރީގެ ޓީމު ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުން ފާޑުކިއުން އަމާޒުވި އެވެ. އޭނާ ވަނީ ފަހުން އެކަމަށް މައާފަށް އެދިފަ އެވެ.

ރެއާލުގެ ކޯޗު އަންޗެލޮޓީ ބުނީ މި މެޗުން ބަލިވުމުން، ލީގު ހޯދުމުގެ މަސައްކަތުގައި އިތުރަށް އުނދަގުލާ ކުރިމަތިވީ ކަމަށާއި، މިއީ ނަތީޖާތައް އަލުން ރަނގަޅުކުރަންވީ ވަގުތު ކަމަށެވެ.

"ވަރަށް ރަނގަޅަށް މެޗު ފެށީ. އެކަމަކު ފަހުން އެ ފެންވަރެއް ނުދެއްކުނު،" އަންޗެލޮޓީ ބުންޏެވެ.

މި ސީޒަނުގައި ރެއާލުގެ އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ ވަނީ ރޭގެ މެޗުގެ ފަހު 15 މިނެޓަށް ބާލައިފަ އެވެ. އޭނާގެ ބަދަލުގައި އެރުވީ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް އެވެ.

އަންޗެލޮޓީ ބުނީ އެމްބާޕޭގެ ތަދެއް ނެގުމުން ވަރަށް ބޮޑަށް ތަދުވެ އޭނާ ހުރީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.

ސީޒަން ފެށިއިރު އެއް ވަނައިގައި ތަފާތު ބޮޑުކޮށް އޮތީ ބާސެލޯނާ އެވެ. އެކަމަކު ފަހުން ރެއާލުން އެ މަގާމް އަތުލި އެވެ. ނަމަވެސް ސީޒަނުގެ ފަހުކޮޅަށް ދާއިރު އެއް ވަނަ ގެއްލުމަކީ ރެއާލަށް ލީގު ދިފާއުކުރަން ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ.

"އެބަޖެހޭ ވަގުތުން ވަގުތަށް އަހަރެމެންގެ ފޯމު ރަނގަޅުކުރަން،" އަންޗެލޮޓީ ބުންޏެވެ.