ރަށުގައި ދިރިއުޅޭ މީހުންނަށް ގެއްލުމެއް ލިބެން ބޭނުން ނުވާ ކަމަށާއި ފްލެޓު އަޅައިގެން އެހެން ރަށްރަށުގެ މީހުން ބަދަލުކުރަން ވެސް މަރުހަބާ ކިޔާނެ ކަމަށް ހދ. ހަނިމާދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
02 ފެބުރުއަރީ 2025
ރަށުގައި ދިރިއުޅޭ މީހުންނަށް ގެއްލުމެއް ލިބެން ބޭނުން ނުވާ ކަމަށާއި ފްލެޓު އަޅައިގެން އެހެން ރަށްރަށުގެ މީހުން ބަދަލުކުރަން ވެސް މަރުހަބާ ކިޔާނެ ކަމަށް ހދ. ހަނިމާދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދު އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމިކަން އިއުލާން ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން، ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން "މިހާރު" އަށް ވިދާޅުވީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ނިންމުން އަދި އެ ކައުންސިލަށް ވަކިން ނާންގާ ކަމަށެވެ. އެގޮތަށް އެންގުމުން އާއްމުންނާ ބައްދަލުކޮށް އަދި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީގައި 293 މީހުން ދިރިއުޅޭ ހިރިމަރަދޫ މީހުން ބަދަލުވާން ބޭނުންވެގެން އެންމެ ފުރަތަމަ ހުށަހެޅީ ހަނިމާދޫ ކައުންސިލަށެވެ. އެކަމަށް ކައުންސިލުން ވަކި ޖަވާބެއް ނުދިނުމުން ހިރިލަންދޫ މީހުން ބަދަލުވާން ބޭނުންވެގެން ދެން ހުށަހެޅީ ކ. ތުލުސްދޫ ކައުންސިލަށެވެ.
ސައްތާރު ވިދާޅުވީ ހިރިމަރަދޫ ކައުންސިލުން ކުރިން ހުށަހެޅުމުން ވެސް އާއްމުންނާ ބައްދަލުކުރި ކަމަށެވެ. އެކަމަކު، ހަނިމާދޫގައި ގެދޮރު ބޭނުންވާ މީހުންނަށް އެ ފުރުސަތު ގެއްލޭ ގޮތަށް އެހެން ކަމެއް ކުރަން ބޭނުން ނުވާ ކަމަށް ގިނަ ބަޔަކު ބައިވެރިވި އެ ބައްދަލުވުމުގައި އާންމުން ބުނެފައިވާ ކަމަށް ކައުންސިލްގެ ރައީސް "މިހާރު" އަށް ވިދާޅުވި އެވެ.
"އެހެން ނޫނީ ރަށުގައި ދިރިއުޅޭ މީހުންނަށް ވާނީ ނިކަމެތި ގޮތެއް ކަމަށް ރަށު މީހުންގެ ވިސްނުން ހުރީ،" އާބާދީގައި 2،400 ރަޖިސްޓަރީވެ، 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހަނިމާދޫ ކައުންސިލްގެ ރައީސް ސައްތާރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބިން ބޮޑެތި ރަށްތަކުގެ ތެރޭގައި ހަނިމާދޫން އެންމެ ފަހުން ގޯތިދޫކުރީ 2023 ވަނަ އަހަރު އެވެ. އެ އަހަރު 3،000 އަކަފޫޓުގެ ގޯތިތައް ދޫކުރި އެވެ.
ސައްތާރު ވިދާޅުވިގޮތުގައި، މިސްކިތާއި މަގުތައް ހެދުމާއި ރަށުގެ ތަރައްގީ އަށް ކުރަންޖެހޭ އެހެނިހެން ކަންކަން އަދިވެސް އެބަހުއްޓެވެ. އެ ހުރިހާ ކަމެއް ނިންމުމަށް ފަހު، ހަނިމާދޫގައި މީހުން އާބާދުކުރަން ގޯތި ދޭނެ ވަރަށް ރަށުގައި ޖާގައެއް ނެތަސް ތިން ކޮޓަރީގެ ފްލެޓު އަޅައިގެން އެކަން ކުރާ ނަމަ ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިމިރަދޫ މީހުން ބަދަލުކުރަން ނިންމިއަސް، އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސާނެ ގޮތުގެ ތަފްސީލެއް އަދި ނުދެ އެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެ ރަށުގައި ހައުސިން ޔުނިޓު އަޅައިގެން ހިރިމަރަދޫ އަދި އެހެން ރަށްރަށުން ވެސް މީހުން ބަދަލުކޮށް، އާބާދީ އެއްފަސްކުރަން ތަރުހީބުދޭ ކަމަށެވެ.
ރަށްރަށުގައި އިމާރާތްކުރާ 12،000 ފްލެޓުގެ ތެރެއިން ސަރުކާރުން ވަނީ ހަނިމާދޫގައި 500 ހައުސިން ޔުނިޓު އަޅަން ނިންމައިފަ އެވެ. އެކަމަކު، ސައްތާރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހަނިމާދޫގައި އުޅޭ މީހުންނަށް ވެސް 786 ހައުސިން ޔުނިޓު ބޭނުންވާ ކަމަށެވެ. ނަމަވެސް، އެހެން ރަށްރަށުން ހަނިމާދު އަށް މީހުން ބަދަލުކުރާ ނަމަ 3،000 ހައުސިން ޔުނިޓު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރަށަކުން އެހެން ތަނަކަށް ބަޔަކު ބަދަލުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އިޖުތިމާއީ ގޮތުން ވެސް ބައިވަރު ކަންތައްތައް ހުންނާނެ ކަމަށާއި އެ ވިސްނުންތަކާ އެކު ރޯޑް މެޕް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދުއަކީ މީގެ ކުރިން ވެސް އެހެން ރަށްރަށުން މީހުން ބަދަލުކުރި ތަނެވެ. އޭގެ ތެރެއިން، 2000 ވަނަ އަހަރު އެންމެ ފުރަތަމަ ބަދަލުވީ އެ އަތޮޅު ހޮނޑައިދޫ މީހުންނެވެ. ސުނާމީގެ ފަހުން ހަތިފުށި މީހުން ވެސް ހަނިމާދު އަށް ބަދަލުވި އެވެ.
ރަތްމަންދޫން އެހެން ތަނަކަށް ބަދަލުކޮށްދޭން އެދެފި
އެއާޕޯޓު ތަރައްގީގެ ކަންބޮޑުވުމާއެކު ރައީސަށް ޕެޓިޝަނެއް
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
ބަދަލު ހިފަން އެއްވެސް ކަމެއް ނުހިންގާނަން: ރައީސް
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
"ވައުދު ފުއްދޭނެ ބަޖެޓެއް، އަމަލީ ނަތީޖާ ނެރެދޭނަން"