Roadha Mihaaru

ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަށަން ތައްޔާރުވަނީ

ސްކޫލު ނިންމުމަށް ފަހު އިތުރަށް ކިޔެވުމުގެ ވިސްނުން ނެތް ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ނެޝަނަލް ސާވިސް ޕްރޮގްރާމުގެ އިދާރީ ކަންކަން ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ފެބުރުއަރީ 2025

ސްކޫލު ނިންމުމަށް ފަހު އިތުރަށް ކިޔެވުމުގެ ވިސްނުން ނެތް ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ނެޝަނަލް ސާވިސް ޕްރޮގްރާމުގެ އިދާރީ ކަންކަން ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ކިޔެވުމުގައި އިތުރަށް ކުރިއަށް ނުދާ ދަރިވަރުން ސިފައިންގެ އާއި ޕޮލިހަށް ވެއްދުމުގެ ޕްރޮގްރާމެއް ފަށާނެ ކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް މި ދައުރުގައި 1،000 މީހުން ނެރެން ބޭނުންވެ އެވެ.

އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުން މިއަދު ވަނީ، އެ އޮފީހުގެ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފަ އެވެ. މިއީ އެ އޮފީހުގައި ގާއިމުކުރި މުޅިން އާ ސެކްޝަނެކެވެ.

އެ ދެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސެކްރެޓޭރިއޭޓް ހިންގަވާ އިސް ބޭފުޅެއްގެ މަޝްވަރާގެ މަތިން ހިންގުމާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމެވެ. ޕްރޮގުރާމް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ޓައިމްލައިން ތައްޔާރުކޮށް، މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުމަކީ ވެސް އެ މަގާމުގައި ކުރަންޖެހޭ ކަމެކެވެ.

އިއުލާނުގައިވާ ގޮތުން ޑެޕިއުޓީ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި ލިބެނީ 15،918ރ. އެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުގެ މުސާރައަކީ 14،700ރ. އެވެ.

ޑެޕިއުޓީ ޑިރެކްޓަރަށް ކުރިމަތިލާ ފަރާތަކީ ހުނަރާއި ގާބިލުކަން ސާބިތުކޮށްދިނުމާ އެކު މަގާމަށް ބޭނުންވާ ދާއިރާ އިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާ އެކު މަގާމާ ގުޅޭ ދާއިރާއަކުން 9 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ އެންމެ ދަށްވެގެން ޑިޕްލޮމާއަކާ އެކު 6 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން އޮތް އެންމެ ފަހު ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 1:00 އެވެ. އަދި އިންޓަވިއު ކުރާނީ މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުން އެކަނި ކަމަށް އިއުލާނުގައިވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލްއަށް ވަދެވޭ ވަރަށް ކޮންމެ އަހަރަކު ވެސް 2،000-3،000 ދަރިވަރުން ފާސްނުވާ ކަމަށެވެ. އޭ ލެވެލް ނިންމާފައި ޑިގްރީއަށް ނުފެށޭ 500-1000 ކުދިން އެބަތިބޭ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ކިޔަވާ ނިންމުމަށް ފަހު ދިރިއުޅުމުގައި އެއްވެސް ކަމެއް ނުކުރާ ކުދިންނަށް ވެސް އިތުރު ތައުލީމާއި ތަމްރީނު ފުރުސަތު ފަހިކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި އެ ކުދިން ސިފައިންގެ އާއި ޕޮލިހުން ފުރުސަތު ދިނުމާ އެކު އިތުރު އެހެން ދާއިރާތަކަށް ވެސް ނެރުން ހިމެނެ އެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ހަމައެކަނި ޕޮލިހާއި ސިފައިންގެއަށް ވެއްދުން ނޫން ކަމަށާއި އެންމެ މުހިއްމީ ތައުލީމާއި ތަމްރީނުދީގެން އެ ކަންކަމަށް ނެރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވެގެން ތަމްރީނު ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށެވެ.

ރަނގަޅު ނަތީޖާ ނުލިބޭތީ ވަޒީފާއެއް ނުލިބުނަސް، ގާނޫނު އޮތްގޮތުން ސިފައިންގެ ހިދުމަތަށް އެ ކުދިން ނުނެގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެކަށީގެންވާ ތައުލީމު ނެތުމާއި ޑްރަގްގެ ވަބާގައި ޖެހުމުންދާތީ މުޖުތަމައު އަދި ސަރުކާރުން އުފުލާ ބުރަ ބޮޑުވެ، އިގުތިސޯދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރަނގަޅު ތަރުބިއްޔަތު ދެވި، މިލިޓަރީ ތަމްރީނު ދެވިއްޖެނަމަ އެ މީހުންނާއި އެ އާއިލާއަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ.

އެ ޕްރޮގްރާމަށް މި އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއަށް ފަހު، ކޮންމެ އަހަރަކު ވެސް އެކަމަށް އެކަނި 400 މިލިއަން ރުފިޔާ އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.