Roadha Mihaaru

ދެ މިނިސްޓްރީގެ މެންޑޭޓު ރަނގަޅަށް ބެލޭނެ ކަމުގެ ޔަގީންކަން އެބައޮތް: ތޯރިގް

އެއްކޮށްލި ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓު ފުރިހަމައަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު އިބްރާހިމް ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.

ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 ފެބުރުއަރީ 2025

އެއްކޮށްލި ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓު ފުރިހަމައަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު އިބްރާހިމް ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެ، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މެންޑޭޓު ތަންފީޒު ކުރުމުގައި ހަރަކާތްތެރިވާނީ، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ އެހީގައި މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ތިމާވެށީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، ވަކި އުސޫލުތަކެއްގެ ތެރެއިން ބޭނުންވާ ގޮތަށެވެ. ޓޫރިޒަމްގެ މެންޑޭޓުތައް ދަސްކުރެއްވުމަށް ފަހު، އެ މިނިސްޓްރީގެ ކަންކަން ވެސް ވަކި އުސޫލެއްގެ ތެރެއިން ރާވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެ މިވީ ގާތްގަނޑަކަށް 48 ގަޑިއިރު. މިހާރު މިދަނީ ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ ސްޓަޑީ ކުރަމުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ކުރެވޭނެ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ރީތިކަން ބެލުމަށް ކަމަށް ވާއިރު، ޓޫރިޒަމާއި ތިމާވެށި އޮތީ ގުޅިލާމެހިފައި ކަމަށެވެ. އެހެންވެ، ދެ މެންޑޭޓު އެންމެ ފުރިހަމައަށް އަދާ ކުރުމަށް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކުން ސަސްޓެއިނަބިލިޓީ އަށް ކުރާ ކަންތައް ކުރަން އަޅުގަނޑުމެންނަށް ފަސޭހަވާނެ،" ތޯރިގު ވިދާޅުވި އެވެ.