Roadha Mihaaru

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އިޒްރޭލާ އެކު އާންމު އުސޫލުން ގުޅުމެއް ނުބާއްވާނަން: ސައޫދީ

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އިޒްރޭލާ އެކު އާންމު އުސޫލުން ގުޅުމެއް ނުބާއްވާނެ ކަމަށް ސައޫދީ އަރަބިއްޔާއިން އަނެއްކާވެސް ބުނެފި އެވެ.

"ފަލަސްތީނުގެ ދައުލަތެއް ނެތި އިޒްރޭލާ ގުޅުމެއް ނެތް"

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އިޒްރޭލާ އެކު އާންމު އުސޫލުން ގުޅުމެއް ނުބާއްވާނެ ކަމަށް ސައޫދީ އަރަބިއްޔާއިން އަނެއްކާވެސް ބުނެފި އެވެ.

"އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދާނަން. އެކަން އެހެން ނުވަނީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމެއް ނުކުރާނެ،" ސައޫދީ ފޮރިން މިނިސްޓްރީން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސައޫދީގެ މި ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށާއި މިކަމުގައި "އިތުރަށް މަޝްވަރާކުރުމެއް އަދި ދޫ ދިނުމެއް ނޯންނާނެ" ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެސް ފޮރިން ޕޮލިސީގައި އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ސައޫދީ އާއި އިޒްރޭލު ސިޔާސީ ގުޅުން ގާއިމުކޮށް އާންމު ހާލަތަށް ގުޅުން ބަދަލުކުރުން ހިމެނެ އެވެ.

މިކަމުގައި ސައޫދީއާ އެކު އެމެރިކާއިން މަޝްވަރާތައް ކުރިއަށް ގެންދަނިކޮށް އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމާ އެކު އެ ވާހަކަތައް ހުއްޓާލައި، ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ކުރިން އިޒްރޭލާ ގުޅުން ނުބޭއްވޭނެ ކަމަށް ބުނާ ބުނުން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

ސައޫދީން މިފަހަރު މި ވާހަކަ ދެއްކީ ސައޫދީ އާއި އިޒްރޭލުން ރަސްމީކޮށް ގުޅުން ބާއްވަން ފެށުމަކީ "ހަމައެކަނި ވެދާނެ ކަމެއް" ނޫން ކަމަށާއި "އެކަން ވާނެ" ކަމަށް ބުނުމާ އެކުގަ އެވެ. އޭނާ މިހެން ބުނެފައިވަނީ އެމެރިކާއަށް ކުރި ދަތުރުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވައިޓް ހައުސްގައި ބައްދަލުކުރުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސައުދީ އަރަބިއްޔާއިން އިޒްރޭލު ބަލައިނުގަތް ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ގެންދަނީ އެމެރިކާގެ ދިފާއީ އެއްބަސްވުމަކާއި މަދަނީ ނިއުކްލިއާ ޕްރޮގްރާމަކަށް އެމެރިކާއިން ދޭ އެހީގެ ބަދަލުގައި އިޒްރޭލާ ގުޅުން ބާއްވަން ފެށުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

އިޒްރޭލާ ގުޅުން ގާއިމު ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު ސައޫދީން ވަނީ ފަލަސްތީނުގެ ޣައްޒާއިން މީހުން ބޭރުކޮށް އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ޓްރަމްޕް ހުށަހެޅުއްވުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ސައޫދީން ބުނީ އެއީ ފަލަސްތީނު ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ފޭރިގަތުން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. -- އޭއެފްޕީ