Roadha Mihaaru
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ

އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ

01 ނޮވެމްބަރ 2023

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ގަތުލުއާންމުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އަރަބި ގައުމުތަކުގެ ވެރިންގެ މަހާސިންތާއެއް ބޭއްވުމަށް، އަރަބި ލީގުން ނިންމައި، އެކަން މެމްބަރު ގައުމުތަކަށް އިއްޔެ އަންގައިފި އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ގަތުލުއާންމުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އަރަބި ގައުމުތަކުގެ ވެރިންގެ މަހާސިންތާއެއް ބޭއްވުމަށް، އަރަބި ލީގުން ނިންމައި، އެކަން މެމްބަރު ގައުމުތަކަށް އިއްޔެ އަންގައިފި އެވެ.

އަރަބި ލީގުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަރަބި ވެރިންގެ ކުއްލި މަހާސިންތާއެއް ބާއްވަން ނިންމީ، އެފަދަ މަހާސިންތާއެއް ބާއްވައިދިނުމަށް އެދި ފަލަސްތީނުންނާއި ސައޫދީ އަރަބިއްޔާ އިން ހުށަހެޅުމާ ގުޅިގެންނެވެ. އަރަބި ލީގްގެ މިހިނގާ ދައުރުގެ ރިއާސަތު ބަލަހައްޓަނީ ސައޫދީ އަރަބިއްޔާ އިން ކަމަށްވާތީ، މި މަހުގެ 11 ވަނަ ދުވަހަށް ތާވަލު ކުރި މި މަހާސިންތާ އޮންނާނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގަ އެވެ.

އަރަބި ލީގްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހުސާމް ޒަކީ ވިދާޅުވި ގޮތުގައި، ޣައްޒާގެ މައްސަލައިގައި މަޝްވަރާ ކުރުމަށް އަރަބި ވެރިންގެ މަހާސިންތާއެއް ބާއްވައިދިނުމަށް، ފަލަސްތީނު ސަރުކާރުންނާއި ސައޫދީ ސަރުކާރުން އެ ޖަމިއްޔާ އަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އެހެންކަމުން، މި މަހުގެ 11 ވަނަ ދުވަހަށް އެ މަހާސިންތާ ތާވަލުކޮށް، މެމްބަރު ގައުމުތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދާތާ މަސް ދުވަސް ވާން ކައިރިވެފައިވާ އިރު، އިޒްރޭލުގެ އެ އަމަލުތައް "ހަރުކަށި އިބާރާތުން ކުށްވެރިކުރުން" ފިޔަވައި އިތުރު އެއްވެސް ކަމެއް އަރަބި ގައުމުތަކުން މިހާތަނަށް ނުކުރެ އެވެ. އިޒްރޭލު ކުށްވެރިކޮށް އެކި ޒާތުގެ ބަޔާންތައް، އަރަބި ގައުމުތަކުން ނެރެމުން ދާއިރު، އިޒްރޭލާ އެކުގައި ކުރަމުން އަންނަ ވިޔަފާރިތަކާއި އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް މެދުނުކެނޑި ހަމަލާ ދެމުން ދާތާ 26 ދުވަސް ފަހުން، އަރަބި ވެރިންގެ މަހާސިންތާއަކަށް ގޮވައިލި އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 8500 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މިހާރު އިޒްރޭލުން ހަމަލާތައް ދެމުންދާ ނިސްބަތަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހު އަރަބި ވެރިން ބައްދަލުކުރާ އިރު، ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 10000 އަށް ވުރެ ގިނަ ވާނެ ކަމަށް ބެލެވެ އެވެ.

ޣައްޒާގެ މައްސަލައިގައި އަރަބި ވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލުކުރި އިރު، މިދިޔަ އޮކްޓޫބަރު 21 ވަނަ ދުވަހު މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި-ޔޫރަޕް ސަމިޓް ވަނީ، ނަތީޖާއެއް ހާސިލު ނުކުރެވި ބޮއްސުންލައިފަ އެވެ. މިސްރުން ބުނި ގޮތުގައި ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމުކުރުމަށް ގޮވައިލުމުގެ ނިޔަތުގައި ބޭއްވި އެ ބައްދަލުވުން ނިމިގެން ދިޔައީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ.

އެއް ދުވަހުގެ އެ ބައްދަލުވުމުގައި އަރަބި ގައުމުތަކުން އިޒްރޭލު ކުށްވެރި ކުރި ނަމަވެސް، ޔޫރަޕްގެ ގައުމުތައް ވާހަކަ ދެއްކީ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާކަމަށް ބުނެ އިޒްރޭލުގެ ދިފާއުގަ އެވެ. އެހެންކަމުން، އެ ބައްދަލުވުމުގެ ގުޅިފައިވާ ބަޔާނުގެ އިބާރާތްތަކާ މެދު އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކަށް އެއްބަސްނުވެވުމުން، ބައްދަލުވުން ނިމިގެން ދިޔައީ ކޮޅެއްގައި ނުޖެހި އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 26 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3600 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2200 އަށް ވުރެ ގިނަ އަންހެނުންނާއި 600 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އޭގެ އިތުރުން ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2150 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.