Roadha Mihaaru

މަޖިލިހުގެ ތަޅުމުން މެންބަރުން ނެރުނީ މަޖިލިސް ގަވާއިދާ ހިލާފަށް: މައިނޯރިޓީ ލީޑަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅުމުން ނަން އިއްވައި ތަޅުމުން ނެރުނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މެންބަރުން ނެރުނީ މަޖިލިސް ގަވައިދާ ހިލާފަށް: ނާޒިލް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

06 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅުމުން ނަން އިއްވައި ތަޅުމުން ނެރުނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފަށައި، ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އެމްޑީޕީގެ މެންބަރުން، އެ މަނިކުފާނު ހުއްޓި ވަޑައިގެން ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ.

އެއާ އެކު، ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ 8 މެންބަރުންގެ ނަން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްވެވި އެވެ.

އެ އަށް ފަހު ޖަލްސާ އަލުން ފަށައިގެން ކުރިއަށް ގެންދާނީ މެންބަރުން ތަޅުމުން ނުކުމެވަޑައިގަތުމުން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒާ އެކު ރިޔާސަތު ދޫކުރައްވައި ވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އަޑު އުފުލަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އަޑު އުފުލަނީ.

އޭގެ ފަހުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން އިސްކޮށް ހުންނަވައި، މަޖިލީހުގެ ސެކިއުރިޓީން ވަނީ މެންބަރުން ތަޅުމުން ނެރެފަ އެވެ. ބައެއް މެންބަރުން ރުހުމުގައި ތަޅުމުން ނުކުމެވަަޑައިގެންނެވި އިރު، ދެ މެންބަރަކު ނެރެން ޖެހުނީ ސެކިއުރިޓީން ގަދަކަމުންނެވެ.

ތަޅުމުން ނުކުމެވަޑައިގަތުމަށް ފަހު، މަޖިލިހުގެ އިދާރާގެ ބޭރުން ސޯސަން މަގުގައި ބޭއްވި މުޒާހަރާއާ ގުޅިވަޑައިގެން އެ ތަނުގައި ހުންނަވައި ނާޒިލް މީޑިއާތަކަށް ވިދާޅުވީ، އިދިކޮޅު މެންބަރުންގެ ޝުއޫރުތައް "ރީއްޗަށް މަޑުމައިތިރިކަމާއެކު" އިއްވަމުން ދަނިކޮށް ނަން އިއްވީ ކަމަށެވެ.

އެ އަށް ފަހު، މަޖިލީހުގެ ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނެތި އެމްޑީޕީގެ 8 މެންބަރުން ތަޅުމުން ނެރުނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވި ގޮތުގައި، ރިޔާސަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަނބުރާ ވަޑައިގެންނެވުމުން ރީއްޗަށް ތަޅުމުން ނުކުންނަވާނެ ކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ބުނީމު މަޖިލީހުގެ ރައީސް ރިޔާސަތަށް ވަޑައިގެންނެވީމާ ރީއްޗަށް މަޖިލީހުގެ (ތަޅުމުން) ދާނެ ވާހަކަ. އެހެން ނަމަވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައް ކުރަމުން ދިޔައީ މަޖިލީހުގެ ގަވައިދާ ހިލާފަށް،" ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކައިރީ މިއަދު ބޭއްވި އެއްވުމުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކައިރީ މިއަދު ބޭއްވި އެއްވުމުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

މަޖިލީހުގައި ދެ ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ ނާޒިލް ވިދާޅުވި ގޮތުގައި މިހާތަނަށް މަޖިލީހުގެ ހަޔާތުގައި ވެސް ރިޔާސަތުގައި ބޭފުޅަކު ނެތި، އެގޮތަށް "މެންބަރުންގެ ގަޔަށް ބޮލަށް" މީގެ ކުރިން އަރާފައި ނުވެ އެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާފައިވަނީ އެމްޑީޕީގެ 8 މެންބަރުން ތަޅުމުން ނެރުމަށް ފަހުގަ އެވެ.