މުޒާހަރާ ކުރުމަކީ ބިރެއްގެ ކަމަށް ސިފަ ވާނީ ހުދުމުހުތާރު ލީޑަރުންނަށް ކަމަށާއި ރާއްޖެ މިސްރާބު ޖަހާފައި ހުރީ އުތުރު ކޮރެއާގެ އުސޫލުތަކަށް ކަމަށް އެމްޑީޕީ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
15 އޯގަސްޓް 2016
މުޒާހަރާ ކުރުމަކީ ބިރެއްގެ ކަމަށް ސިފަ ވާނީ ހުދުމުހުތާރު ލީޑަރުންނަށް ކަމަށާއި ރާއްޖެ މިސްރާބު ޖަހާފައި ހުރީ އުތުރު ކޮރެއާގެ އުސޫލުތަކަށް ކަމަށް އެމްޑީޕީ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހަޅައިގެން އުޅެނީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެކެވެ.
ދައުލަތުގެ ހުއްދައެއް ނެތި ކޮންމެ މީހަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު، ގާނޫނުއަސާސީ އަށް ގޮން ޖަހައި ބިލުތަކަށާއި އިސްލާހުތަކަށް ވޯޓު ދޭ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށާއި އެކަމާ މެމްބަރުން ވިސްނެވުމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
ސަރުުކާރުން މަސައްކަތް ކުރަނީ ފުލުހުން ބޭނުންކޮށްގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށާއި ފުލުހުންނަށް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. މެމްބަރުން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއަކީ ބޮޑެތި ޖަރީމާތައް ހިންގާ ތަނެކެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި ގައުމުގެ ހައްގުގައި ވަކާލާތު ކުރާ ކޮންމެ މީހަކު ކުށްވެރިއަކަށް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ހިނގަނީ "ޖާހިލިއްޔަ" ޒަމާނުގައި ވެސް ނުހިނގާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގައުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ކޮންމެ މީހަކީ ކުށްވެރިއެއް. އެ މީހަކު ގައުމުން ފުރައިގެން ދާން ޖެހެނީ. މުދަލަށް ގެއްލުންދީ އެ މީހަކާ ދޭތެރޭ އަނިޔާވެރި ވަނީ. މިއީ ޖަހިލިއްޔާ ޒަމާނުގައި ވެސް ނުހިނގާ ކަންތައްތައް މި ގައުމުގައި ހިނގަނީ. މިއީ ދުނިޔެ ވެސް ގަބޫލުކުރާނެ ކަމެއް ނޫން. މިއީ ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަމާއި ބަދަލު ހިފުމުން ފުރިގެންވާ ސަރުކާރެއް،" އޭނާ ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިބޭ ހައްގުތައް އުނި ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނުލިބޭނެ އެވެ. ފުލުހުންނާއި ސިފައިންނަށް ސިޔާސީ މީހުންނާ ވާހަކަ ދެއްކޭނެ ކަމަށާއި ގާނޫނުއަސާސީން ލިބިދޭ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަތަން ބަލާކަށް ރައްޔިތުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުން ބުނާ ގޮތަކަށް ނޫނީ ސަރުކާރުން ބުނާހާ ތާކު މުޒާހަރާ ކުރެވޭ ގޮތް ހަދަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ ސިއްކަ ޖެހެނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ހައްގުތަކެއް ގެއްލޭގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ފެންނަމުން މިދަނީ ރައްޔިތުން ކުށްވެރި ކުރަން ގާނޫނުތައް ހަދަމުން އަންނަ ތަން ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ދުވަހަކު އެކަހަލަ ބިލެެއް އަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ މާލޭގެ ރައްޔިތުންނާއި އެކިއެކި ބޭނުންތަކަށް މާލެ އަންނަ ރައްޔިތުންނަށް، ކުއްލި ކުއްލިއަށް މީހުން ތަންތަނަށް އެއްވާތީ އެ މީހުންނަށް އުނދަގޫވެ ކަންބޮޑުވާ ކަމަށެވެ. އެއްވެ އުޅެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފިނަމަ، މާލޭގައި އުޅޭ މީހުންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގޭގޭ ކައިރީގައި އަޑުގަދަ ކުރުމުގެ ސަބަބުން އެ މީހުންނަށާއި ވިޔަފާރި ކުރާ މީހުންނަށް އެތައް އުނދަގުލެއް ކުރިމަތިވޭ. ގާނޫނީ ހުދޫދުތަކެއް ކަނޑައަޅަން ޖެހޭ ހިސާބަށް ވަނީ ގޮސްފައި. މާލެއަކީ އަމާންކަމާއެކީގައި އެ މީހަކު ބޭނުންވާ ހިދުމަތެއް ފަސޭހަކަމާއެކު ލިބޭނެ ތަނަކަށްވާން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްވެފަ އެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާހު ދިރާސާކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
އެއްވެ އުޅުން ހަނިކުރަން މަޖިލީހުން ފާސްކޮށްފި
އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައެއް ނުގަނެވޭނެ
އެއްވެ އުޅުން ހަނިކުރާ އިސްލާހު ކޮމެޓީން ފާސްކޮށްފި
މެންބަރުން ނެރުނީ މަޖިލިސް ގަވައިދާ ހިލާފަށް: ނާޒިލް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
ފާރިސް މި ފަހަރު ވެސް ވިޕާ ހިލާފުވެއްޖެ
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު އެޖެންޑާކޮށްފި
ތަޅުން ހޫނުވެ އެމްޑީޕީގެ ތިން މެންބަރަކު ނެރެފި
"ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނީ މާޔޫސްކަން"
ރިޔާސީ ބަޔާނަށް ހުރަސްއެޅި މެމްބަރުން ނެރެފި