Roadha Mihaaru

އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކޮށްގެން، 9.4 ބިލިއަނަށް ޑެފިސިޓު ތިރިކުރަން އަމާޒު ހިފައިފި

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާ އެކު، ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މި އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުމުގެ އަމާޒު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

9.4 ބިލިއަނަށް ޑެފިސިޓު ތިރިކުރަން އަމާޒު ހިފައިފި

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާ އެކު، ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މި އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުމުގެ އަމާޒު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އޭގެ ހެޔޮ އަސަރު މިހާރު ވަނީ ދައުލަތުގެ މާލިއްޔަތަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރަން ފަށައިފަ އެވެ.

ނަތީޖާއެއްގެ ގޮތުން، މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިގުތިސާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަސް، ރައީސް ފާހަގަކުރެއްވި ގޮތުގައި، މާލިއްޔަތަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.

"ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބު ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މި ބޮޑު ގައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެއާ އެކު، ދައުލަތުގެ މާލިއްޔާ އިން ކުރަމުންދާ ހަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ އެކު، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުމެވެ.

"އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުން،" އެ މަނިކުފާނު ހާމަކުރެއްވި އެވެ.

މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓު ވަނީ ޑެފިސިޓްވެފަ އެވެ.

މި އަމާޒު ހާސިލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނުގެނެސް، ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.