Roadha Mihaaru

ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި

މާލޭގެ މަސްމާރުކޭޓު ހުންނަ ސަރަހައްދު ފަޅުގައި އަޅާފައި ގިނަ ދުވަސްވެ، ބޭނުން ނުކުރާ އުޅަނދުތައް އެ ތަނުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ބޭނުންނުކޮށް ފަޅުގައި އަޅާފައިވާ ދޯނިތައް ނަގަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ފެބުރުއަރީ 2025

މާލޭގެ މަސްމާރުކޭޓު ހުންނަ ސަރަހައްދު ފަޅުގައި އަޅާފައި ގިނަ ދުވަސްވެ، ބޭނުން ނުކުރާ އުޅަނދުތައް އެ ތަނުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއީ މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދާއި ހިލާފަށް، ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި އަޅާފައިވާ އުޅަނދުތަކެއް ކަމަށެވެ.

އެއްގޮތަކަށް ވެސް ދަތުރުނުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަހައްދުތަކުގައި އަޅާފައިވާ، ރަޖިސްޓަރީ ނަމްބަރު ވެސް ނުޖަހާ ހުރި އެ އުޅަނދުފަހަރުގެ ސަބަބުން، ފަޅުގެ ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ މަސްވެރިންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ނަގަން އިއުލާން ކުރި އުޅަނދުތައް:

1. މުނިޔާ.

2. އުންމީދު.

3. ނަން ނުޖަހައި ރަޖިސްޓަރީ ނަމްބަރު ވެސް ނެތް ދެ އުޅަނދު.

އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި މީހުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހާޒިރުވެ، އެކަން އެންގުމަށް ފަހު، އެ ސަރަހައްދުން އުޅަނދު ނެގުމަށް ވަނީ އެދިފަ އެވެ.

ކައުންސިލަށް ހާޒިރުވާއިރު އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ އަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަކާއި އުޅަނދު ބެލެހެއްޓުމަށް ހަވާލުވެ ހުރި މީހާ ނަމަ އެ މީހާގެ އައިޑީ ކާޑު ގެންދަން ޖެހެ އެވެ.

އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ އެއީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ކަމަށް ބަލައި މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދާ އެއްގޮތަށް، އެ އުޅަނދުފަހަރު ނަގައި އެފަދަ އުޅަނދުފަހަރު ބޭއްވުމަށް ވިލިމާލޭ ބަނދަރަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ..

އުޅަނދުފަހަރު ނެގުމާއި ވިލިމާލެ އަށް ގެންދިއުމުގެ ތެރޭގަ އާއި ގެންގޮސް ބޭއްވުމަށް ފަހު އުޅަނދާއި އޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާއެއް ނުވާނެ ކަމަށް ވެސް ބުންޏެވެ.