Roadha Mihaaru

ޓޫރިޒަމްގެ ގާނޫނާއި ގަވާއިދުތައް ވިޔަފާރިވެރިންނަށް އުނދަގުލަކަށް ވެގެން ނުވާނެ: ނަޒީރު

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ގާނޫނާއި ގަވާއިދުތަކުން ފަހިކޮށްދޭން ޖެހޭނީ އެ ދާއިރާ ތަރައްގީވުން ކަމަށާއި އެއްވެސް ހާލެއްގައި އެކަން އުނދަގުލަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކުންފުނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.

"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 ފެބުރުއަރީ 2025

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ގާނޫނާއި ގަވާއިދުތަކުން ފަހިކޮށްދޭން ޖެހޭނީ އެ ދާއިރާ ތަރައްގީވުން ކަމަށާއި އެއްވެސް ހާލެއްގައި އެކަން އުނދަގުލަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކުންފުނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ އެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އަމަންއަމާންކަން ބޭއްވުމަށް ސަރުކާރަށް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޓޫރިޒަަމަށް އެންމެ މުހިންމީ ޔަގީން ކަމާއި އަމާން މާހައުލެއް އޮތުން ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް ދާއިރާގެ 111 ފަރާތަކުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކުވެސް ބައިވެރިވެވަޑައިގަތެވެ. މަޓީގެ އަހަރީ އާންމު ޖަލްސާގައި ގަވަރުނަރު އަހުމަދު މުނައްވަރާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ބީއެމްއެލްގެ ސީއީއޯ އަހުމަދު ޝަރީފާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު ޓޫރިޒަމަށް ދަތިތައް ކުރިމަތިވި ނަމަވެސް، ކާމިޔާބީތަކެއް ވެސް ހާސިލުވި ކަމަށެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވެފައިވޭ -- ފޮޓޯ: މާޓީ

މަޓީގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވެފައިވޭ -- ފޮޓޯ: މާޓީ

"މިދިޔަ އަހަރުގެ ޓްރެވެލް ރިސިޓް 5.6 ބިލިއަން ޑޮލަރަށް އަރާ. ޓްރެވެލް ރިސިޓުގެ 83.6 ޕަސެންޓު ކޮންޓްރިބިއުޓަރަކީ ރިސޯޓުތައް. ރިސޯޓުތަކުން 4.5 ބިލިއަން ޑޮލަރު ލިބުނު. ޑޮމެސްޓިކް ދަތުރުތަކުން 347.9 މިލިނަން ޑޮލަރު ލިބުނު. އެއީ ޖުމްލަ ޓްރެވަލް ރިސިޓުގެ 6.5 ޕަސެންޓު،" އޭނާ ވިދާޅުވި އެވެ.

ޓްރެވަލް ރިސިޓުގެ ގޮތުގައި އެމްއޭސީއެލް އަށް ވެސް ޑިއުޓީ ފްރީ އިން 222 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ޖުމްލަ ޓްރެވަލް ރިސިޓުގެ ހަތަރު ޕަސެންޓެވެ. ޓްރެވަލް އެޖެންސީތަކަށް 141 މިލިއަން ޑޮލަރު ލިބުނުއިރު، ގެސްޓް ހައުސްތަކަށް ވެސް 95 މިލިއަން ޑޮލަރު ލިބުނެވެ.

ނަޒީރު ވިދާޅުވިގޮތުގައި، ދައުލަތަށް ވަންނަ އާމްދަނީގެ 95 ޕަސެންޓު މިދިޔަ އަހަރު ހޯދައިދިނީ ޓޫރިޒަމް ސެކްޓަރުންނެވެ. އެއީ އެއް ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަދަދެއް ދައުލަތަށް ލިބުނީ ޓީޖީއެސްޓީ އާއި ރިސޯޓު ކުލިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 620 މިލިއަން ޑޮލަރު ލިބުނުއިރު ރިސޯޓު ކުލީގެ ގޮތުގައި 124 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ރާއްޖޭގެ ފިސްކަލް ހާލަތު ގޯސްވެ، ދަރަނި ބޮޑުވެފައިވާ އިރު ތެލަށް ކުރާ ހަރަދު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވުން ފާހަގަކުރައްވަމުން ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު ވެސް ތެލަށް އެއް ބިލިއަން ޑޮލަރު ހޭދަކުރި އިރު ދެމެހެއްޓިނިވި ގޮތެއްގައި އެ ކަން ކުރަން ވަރަށް އުނދަގޫ ކަމަށެވެ. އެ ހާލަތު ބަދަލު ކުރުމަށްޓަކާއި ޓޫރިޒަމް ދާއިރާ އިން ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދަނީ. އެ ޖަލްސާގައި 111 ފަރާތުން ބައިވެރިވި -- ފޮޓޯ: މަޓީ

މަޓީގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދަނީ. އެ ޖަލްސާގައި 111 ފަރާތުން ބައިވެރިވި -- ފޮޓޯ: މަޓީ

އޭނާ ވިދާޅުވީ، ސީޑީއީ ކޮންސަލްޓިންގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ 172 ރިސޯޓުގެ ތެރެއިން 70 ރިސޯޓުގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށެވެ. ރިސޯޓުތަކުން އުފައްދާ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 58 މެގަވޮޓަށް އަރާ އިރު އެއީ ރާއްޖޭގެ ޖުމްލަ އިޔާދަކުރަނިވި ހަކަތައިގެ 61 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް މުޅި އިގްތިސާދު ބިނާވެފައިވާ އިރު ރިސޯޓުތަކުގެ ވެރިންގެ ރީ އިންވެސްޓްމެންޓްތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އެއީ ޓޫރިޒަމް ދާއިރާ ފުޅާކޮށް، ކުރިއަށް ގެންދިއުމަށް މުހިއްމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަޒީރު ވިދާޅުވީ، ރިސޯޓުތައް ތަރައްގީ ކުރާ އިރު އިޔާދަކުރަނިވި ހަކަތަ އާއި ފްލޯޓިން ސޯލާ ޕެނަލާއި ހަކަތަ ސަލާމަތްވާނެ އާ އީޖާދީ ގޮތްތަކަށް އިންވެސްޓްކުރުން ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ.

އެކަމުގައި މަޓީން އިސްނަގައިގެން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަޒީރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ ލޯ-ކޮސްޓް ފައިނޭންސިން ހޯދައިދިނުމުގައި މަޓީން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.