Roadha Mihaaru

"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟

ކުރިއަށް އޮތް ރޯދަމަހަށް މަރުހަބާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ 'މައިންޑްފުލް ރަމަޟާން' އާ އެކު، ސޯޝަލް މީޑިއާގައި ކުރި ހޫނު ބަހުސަށް އެތައް ބައެއްގެ ސަމާލުކަން ރޭ ވަނީ ލިބިފަ އެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަން އެ ހަރަކާތްތަކަށް ތައްޔާރުކޮށް، ސްޓޭޖުގައި ތާނައިން 'މައިންޑްފުލް ރަމަޟާން' ލިޔުމުން، އެ ލިޔުން ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ އުދާސްތައް އެއާ އެއްކޮޅަށާއި ދެކޮޅަށް ވެސް ބޭރުކޮށްލި އެވެ. އެކަމަކު ފޭސްބުކްގައި ހިނގި ބަހުސް ނިމުނުއިރު ވެސް ސުވާލަކީ ދިވެހި ބަހުން މި ހަރަކާތަށް ދޭނެ ނަމަކީ ކޮބައިތޯ އެވެ؟

"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

10 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް މަރުހަބާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ 'މައިންޑްފުލް ރަމަޟާން' އާ އެކު، ސޯޝަލް މީޑިއާގައި ކުރި ހޫނު ބަހުސަށް އެތައް ބައެއްގެ ސަމާލުކަން ރޭ ވަނީ ލިބިފަ އެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަން އެ ހަރަކާތްތަކަށް ތައްޔާރުކޮށް، ސްޓޭޖުގައި ތާނައިން 'މައިންޑްފުލް ރަމަޟާން' ލިޔުމުން، އެ ލިޔުން ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ އުދާސްތައް އެއާ އެއްކޮޅަށާއި ދެކޮޅަށް ވެސް ބޭރުކޮށްލި އެވެ. އެކަމަކު ފޭސްބުކްގައި ހިނގި ބަހުސް ނިމުނުއިރު ވެސް ސުވާލަކީ ދިވެހި ބަހުން މި ހަރަކާތަށް ދޭނެ ނަމަކީ ކޮބައިތޯ އެވެ؟

މިކަން ފެށުނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ހަސަން ޝާކިރު މުހައްމަދު އޭނާގެ ފޭސްބުކްގައި ސްޓޭޖުގެ ފޮޓޯއަކާ އެކު "ތަސްވީރު ބަލައިލާނީ ތަސްވީރު ބުނާހެންނޭ.....!" ވިދާޅުވެ ކުރެއްވި ޕޯސްޓަކުންނެވެ.

ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށް، ދީފައިވާ އެ ނަން އެއްބަޔަކަށް ވީ ބޮޑު 'ޖޯކަކަށެވެ'. މަޖާޒީ ރާގުތަކަށް، މިއީ ދިވެހި ބަހާއި ގައުމިއްޔަތަށް ދޭ ސަމާލުކަން ކަމަށް ބުނެ ކޮމެންޓްތައް ދިޔައީ ފުލުފުލުގައި ކުރަމުންނެވެ. އެއާ އެކު، އިތުރަށް މިކަން ހޫނުވީ ފާޑުކިޔާ މީހުންނަށް ރައްދު ދެއްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ފޭސްބުކްގައި ޕޯސްޓެއް ކުރެއްވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ފާޑުކިޔާ ހުރިހާ އެންމެންގެ ނަން ވެސް ފޭސްބުކްގައި ލިޔެފައި ވަނީ އިނގިރޭސި ބަހުން ކަމަށެވެ. ނަމަވެސް ޝަހީމްގެ އެ ޕޯސްޓުގެ އިބާރާތް ފަހުން އެޑިޓް ކުރައްވައި، އޭނާ ވަނީ ކަންބޮޑުވުން ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޒުވާނުންނަށް ކުރެވޭ މިފަދަ ކަންކަަމަށް ރައްދު ދިނުމުގެ ބަދަލުގައި ކަންކަން އިސްލާހު ކުރަން ހެޔޮ ނަސޭހަތް ދިނުން މުހިންމު ކަމަށް ވެސް ލިޔުއްވި އެވެ.

"ކަންބޮޑުވުން ހުރި ކަންކަން ހައްލު ކުރާނަން. މާތްކަލާނގެ އިރާދަކުރެއްވިއްޔާ. ޒުވާން ކުދިންތަކަކަށް ކުރެވޭ ކަމަކަށް އިސްތިއުމާރު ވެފައި ތިބި ބައެއްގެ ގޮތުގައި ސިފަކޮށް، ރައްދު ދީ، ހެދުން އެހާ ބަލައި ނުގަނެވޭ. ކަންކަން އިސްލާހު ކުރަން ހެޔޮ ނަސޭހަތް ދެއްވުން މުހިންމު. އަޅުގަނޑު އޮންނާނެ ދަންނަވާފައި މިކަން ރަނގަޅު ކުރަން" މިނިސްޓަރ ޝަހީމް ފޭސްބުކްގައި ވިދާޅުވި އެވެ.

އެކަމަކު އަދިވެސް ސުވާލަކީ 'މައިންޑްފުލް' ގެ ބަދަލުގައި މިތަނުގައި ބޭނުންކުރާނެ ދިވެހި ލަފުޒަކީ ކޮބައި ހެއްޔެވެ؟

އިނގިރޭސި ބަހުން އާންމު ގޮތެއްގައި "މައިންޑްފުލް" ބޭނުންކުރަނީ ވަކި ކަމަކަށް އަހުލުވެރި، ހޭލުންތެރިކަން އަންގައިދިނުުގެ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީއިން ރޯދަމަހަށް މަރުހަބާ ކިޔުމަށް ބާއްވާ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ވެސް މިއީ އެވެ. އާންމުންގެ މެދުގަައި އިސްލާމްދީނުގެ ޝިއާރު ފާޅުކޮށް، ރޯދައާ އެކު އަޅުކަންތައް އިތުރަށް ހީވާގިކޮށް، ހޭލުންތެރިކުރުމެވެ. އެހެންކަމުން ރޯދަ އަށް ތައްޔާރުވުން ނުވަތަ ހޭލުންތެރިކުރުން ފަދަ މާނައެއް ދޭހަވާ ކޮންމެވެސް ލަފުޒެއް ބޭނުންކުރެވިދާނެ އެވެ.

އާންމުންގެ ތެރެއިން އެއް ބަޔަކަށް ކަމުދަނީ އަރަބިން މި ނަން ކިޔުމެވެ. ބައެއް މީހުން އެގޮތަށް ކޮމެންޓުތައް ވެސް ކުރިއެވެ. އަނެއް ބަޔަކު ބުނީ، ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނި ނުކޮށް، ކޮންމެވެސް އެއް ބަހަކުން ލިޔެފައި އޮތް ނަމަވެސް މި މައްސަލަ މިހާ ގޯސް ނުވީސް ކަމަށެވެ.

ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދި ދިވެހި ބަހާއި ތާރީހާ ގުޅޭ ކަންކަން ދިރާސާ ކުރައްވާ އިމާދު ލަތީފު ވިދާޅުވީ، މައްސަލައަކީ ތާނައިން ލިޔުނަސް ދިވެހި ބަހުން ނުލިޔާތީ ކަމަށެވެ. ބައެއް މިސާލުތަކާ އެކު، އޭނާ ވިދާޅުވީ ޒުވާނުންނަށް އެނގޭނެ ހެން އިނގިރޭސި ބަސް ލިޔަން ވާނީ އިނގިރޭސި އަކުރުން ކަަމަށެވެ.

"އެކަމަކު، ތާނަ އަކުރުން ލިޔާ ބައި ދިވެހި ބަހުން ލިޔާށެވެ. މި ދައްކާ ވާހަކައަކީ އެއީ އެވެ. ތާނަ އަކުރުން ފަރަންޖީ ބަސް ނުލިޔާށެވެ. ދިވެހި ބަހާ ނުލައި ހަމައެކަނި ތާނަ އަކުރުން ގައުމިއްޔަތެއް ނުދިރުވޭނެ އެވެ،" އިމާދު ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް އެ ލިޔެފައި އޮތަސް އެހެން ބަޔަކަށް މިއީ މާ ބޮޑު މައްސަލައެއް ނޫނެވެ. އާންމުންނަށް ހުޅުވާލައިގެން، ރޯދަމަހަށް މަރުހަބާ ކިޔުމަށް ބާއްވާ މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމަކަށް އިނގިރޭސި ލަފުޒެއް ދިނުމަކީ ޒުވާން ޖީލުގެ ވިސްނުމާއި ފިކުރަށް ޖާގަ ދިނުން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަންނަ އުކުޅަކަށް ވެސް "މައިންޑްފުލް" ބޭނުން ކުރުމުން ފުދެ އެވެ.

އެކަމަކު މިދިމާވި މައްސަލައަށް ހައްލެއް ލިބެން އޮތީ ރަނގަޅު ދިވެހި ލަފުޒެއް ހޯދިގެންނެވެ.

ކޮންމެ ބަހަކީ ވެސް ދިރުން ހުރި އެއްޗެކެވެ. އެ ބަސް ބޭނުންކުރާ ބައެއްގެ ތެރެއަށް ތަފާތު އާ ކަންކަމާއި އީޖާދުތައް އަންނަމުންދާހެން އެ ބަހެއްގެ ބަސްކޮށާރު ވެސް މުއްސަނދިވެ އިތުރު ވާނެ އެވެ. މި ފަހުން އާ އެތައް ލަފުޒެއް އުފަން ވެއްޖެ އެވެ. އެހެންކަމުން 'މައިންޑްފުލް' އަށް ކިޔާނެ ދިވެހި ލަފުޒެއް ނެތް ނަމަ އެއް ބައެއްގެ ނަޒަރުގައި މިއީ އާ ލަފުޒެއް އުފަންކުރަންވީ ވަގުތެވެ.