ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ދީނީ އަދި އިޖުތިމާއީ ޖަމިއްޔާތަކުން ކުރާ ދީނީ ކަންކަމަށް، މާލީ އެހީ ދޭން ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2024
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ދީނީ އަދި އިޖުތިމާއީ ޖަމިއްޔާތަކުން ކުރާ ދީނީ ކަންކަމަށް، މާލީ އެހީ ދޭން ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ދީނީ އަދި އިޖުތިމާއީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ޖަމިއްޔާތަކަށް ފައިސާ ދޫކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، އިސްލާމީ މަރުކަޒުގައި މިއަދު ފެށި ބައްދަލުވުމުގައި އެކަމާ ގުޅޭ އެއްބަސްވުން ގާއިމް ކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޝަހީމް ވިދާޅުވި އެވެ.
ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގެ ބައިވެރިންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ .-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އޭނާ ވިދާޅުވީ ނަމާދު ކުރުމަށް އަހުލުވެރި ކުރުވުމާއި ކުދިކުދި މަޝްރޫއުތަކަށް ވެސް ފައިސާ ދޫކުރާނެ ކަމަށެވެ.
ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ އިސްލާމިކް މިނިސްޓްރީ އާއި ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ރާއްޖޭގައި އިސްލާމީ ދައުވަތު ފެތުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދައުވާގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި އެ ބޭފުޅުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.
ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގެ ބައިވެރިން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި 98 މީހުން ބައިވެރިވާ ކަމަށެވެ. އަދި 70 ޖަމިއްޔާ އަކުން ބައިވެރިވެ އެވެ. އޭގައި އެ ތަނަށް ހާޒިރުވެގެން ބައިވެރިވާ މީހުންނާއި އޮންލައިންކޮށް ވެސް ބައިވެރިވާ މީހުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އިސްލާމްދީނަށް ގޮވާލުމުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާ ކުރުމާއި ޖަމިއްޔާތަކުން ދައުވަތުގެ ކަންކަމުގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ބައްދަލުވުމުގައި ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ ހަތަރު ޒުވާނުން
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތް ހަދަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 14
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 13
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 12
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 11