Roadha Mihaaru

ރާއްޖޭގެ ޖަމްއިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ހަދިޔާ ކުރަނީ

ރާއްޖޭގެ ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަނުން (އައިއެމްއޭއީ) އިން ފަލަސްތީނުގެ ޣައްޒާގެ އަންހެނުންނަށް ސެނިޓަރީ ޕެޑް ހަދިޔާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

11 ފެބުރުއަރީ 2025

ރާއްޖޭގެ ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަނުން (އައިއެމްއޭއީ) އިން ފަލަސްތީނުގެ ޣައްޒާގެ އަންހެނުންނަށް ސެނިޓަރީ ޕެޑް ހަދިޔާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ މާލޭގެ މަގުމަތީގައި ފަލަސްތީނުގެ ދިފާއުގައި ފެށި ހަރަކާތްތައް ރާއްޖެއަށް ފުޅާވެ، އަދި ބައިނަލްއަގްވާމީ މައިދާނުގައި ޣައްޒާގެ ރައްޔިތުންނަށް ސީދާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޖަމިއްޔާއިން ފަށާ މަސައްކަތެކެވެ.

އެ ޖަމިއްޔާގެ ތިން ފައުންޑަރުންނަކީ ގައުމީ ޔުނިވާސިޓީގެ ދެ ލެކްޗަރާއިން ކަމުގައިވާ ޑރ.ޝަޒްރާ އިބްރާހިމް އާއި ޑރ. ރަނާ އަހުމަދު ހަމީދުގެ އިތުރުން މި ހަރަކާތުގެ ތެރެއިން އެ ދެ މީހުންނާ ބައްދަލުވި އާއިޝަތު ޝާދިޔާ އެވެ.

މެދުނުކެނޑި 16 މަސް ވަންދެން ޣައްޒާގައި އިޒްރޭލުން ހިންގި ގަތުލުއާއްމު ވަގުތީ ގޮތުން ހުއްޓުމަކަށް އައިސް، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެނބުރި ޣައްޒާއަށް ވަންނަމުންނެވެ. އަދި މީހުން ދިރިއުޅުމަށްޓަކައި ކުންޏާއި ނަޖިހާއި ސުންނާފަތިވެފައިވާ އިމާރާތްތައް ސާފުކުރަމުން ދާއިރު މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ގޮތެއް ނެތުމެވެ.

ޝަޒްރާ ވިދާޅުވީ ފޮތި ޕެޑް ހަދިޔާ ކުރުމުގެ ހިޔާލު އައީ އެ ހިސާބުން ކަމަށެވެ. މިލިއަނެއްހާ އަންހެނުން ޣައްޒާގައި ދިރިއުޅެމުން ދާއިރު، ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެެތީގެ ތެރޭގައި ހިމެނޭ އެކައްޗަކީ ސެނިޓަރީ ޕެޑެވެ. ނަމަވެސް ޑިސްޕޯސަބަލް ޕެޑް ބޭނުން ކުރުމުން އަނެއްކާވެސް ކުނި އިތުރުވާނެތީ އެ ޖަމިއްޔާއިން ނިންމީ ފޮތި ޕެޑް ފަހައިގެން ހަދިޔާ ކުރުމަށެވެ. އަދި ވީހާވެސް ގިނަ ޕެޑް ފެހުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފޮނުވާ ފޮތި ޕެޑްގެ ނަމޫނާއެއް --

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފޮނުވާ ފޮތި ޕެޑްގެ ނަމޫނާއެއް --

ޕެޑް ފެހުމަށްޓަކައި ބޭނުންވާ ނަމޫނާއެއް އެ ޖަމިއްޔާގެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓް ކޮށްފައެވެ. ޝަޒްރާ ވިދާޅުވީ އެ މަސައްކަތް ރަނގަޅަށް ފެށޭތާ މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޝިޕްމަންޓް ފޮނުވާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެކަމަކު އެކަމަށްޓަކައި ރާއްޖޭގެ ގިނަ ފެހުންތެރިންގެ އެހީތެރިކަން އެ ޖަމިއްޔާއިން ބޭނުންވެ އެވެ.

އެ ޖަމިއްޔާއިން މީގެކުރިން ވެސް ވަނީ އެކި ގޮތްގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ސޯލް އޮފް އޯލް ސޯލްސްގެ ނަމުގައި .ޝަޒްރާ އާއި ރަނާ ލިޔެފައިވާ ފޮތެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއީ އުސްމާނީ ޚިލާފަތުން ފެށިގެން މިހާތަނަށް ފަލަސްތީނުގައި ހިނގައިދިޔަ ހުރިހާ ކަމެއް ވަރަށް ތަފްސީލާއެކު ލިޔެފައިވާ ފޮތެކެވެ. މި ފޮތް ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމުތަކުގައި ވެސް ވަރަށް އަވަހަށް ވިއްކަން ފަށާނެ އެވެ.

މި ފޮތުގެ ނަން ހާއްސަކޮށްފައިވަނީ އިޒްރޭލުން ހިންގި ގަތުލު އާންމުގައި މިދިޔަ އަހަރު ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އުމުރުން 5 އަހަރުގެ ކުއްޖެއް ކަމަށްވާ ރީމްއަށެވެ. މިއީ ރީމް ސިފަ ކުރުމަށް އޭނާގެ ކާފަ ބޭނުން ކުރި އިބާރާތްކޮޅު 'ސޯލް އޮފް މައި ސޯލް' އިން ހިޔާލު ހޯދައިގެން ދީފައިވާ ނަމެކެވެ.

ފަލަސްތީނާއި ގުޅޭގޮތުން ލިޔެފައިވާ ފޮތް--

އެ ޖަމިއްޔާ އުފެއްދިތާ މާ ގިނަ ދުވަހެއް ނުވި ނަމަވެސް، އެ ޖަމްއިއްޔާއިން މިހާތަނަށް ގިނަ ހިދުމަތްތަކެއް ވަނީ ކޮށްދީފަ އެވެ. މިގޮތުން ގުދުސް އާއި ފަލަސްތީނަށް އެހީވާ އިންޓަނޭޝަނަލް އޭޝިޔާ ޕެސިފިކް ކޯލިޝަންގައި ރާއްޖެ ތަމްސީލުކުރަނީ ވެސް އެ ޖަމިއްޔާއިންނެވެ. އެހެންކަމުން ޣައްޒާއަށް ސީދާ އެހީތެރިކަން ދެވޭނެ މަގު ތަނަވަސްވެ އެ ކަންކުރެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަން ޝަޒްރާ އާއި އޭނާގެ ޓީމަށް އެބައޮތެވެ.

މީގެ އިތުރުން، އެއިޑް ޕްރޮޖެކްޓްގެ ތެރެއިން ޣައްޒާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިގޮތުން ޓެލެގްރާމް ކޮމިއުނިޓީއެއް ހަދާ، ކޮންމެ މަހަކުވެސް 50ރ. ވުރެ ކުޑަ ނޫން އަދަދެއްގެ އެހީ މެންބަރުންގެ ފަރާތުން އެއް ކުރުމަށްފަހު ޣައްޒާއަށް ފޮނުވަން ވެސް ވަނީ ރާވައިފަ އެވެ. ޝަޒްރާ ވިދާޅުވީ އެހީގެ ގޮތުގައި ލިބޭ އެއްވެސް ފައިސާއެއް ޖަމިއްޔާގެ ބޭނުމަށް ހޭދަ ނުކުރާނެ ކަމަަށާއި އެ ހުރިހާ އެހީއަކީ ވެސް ސީދާ ޣައްޒާގެ ރައްޔިތުންނަށް ފޮނުވާނެ އެއްޗެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޖަމިއްޔާގެ ހުރިހާ ކުދިންނަކީ ވެސް ފުލްޓައިމް ވަޒީފާގައި އުޅެގެން މި ކަންތައް ހިލޭސާބަހަށް ކުރާ ކަމެއްގެ ގޮތަށް ކުރާ މީހުން. އެހެންވީމަ އެއްވެސް މީހެއް މުސާރައެއް ބޭނުމެއް ނުވާނެ. މިހާތަނަށް ވެސް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި، ކޮންފަރެންސެއްގައި ބައިވެރިވިޔަސް، އެންމެ ކުޑަ މިނުން ޕޯސްޓަރެއް ޕްރިންޓް ކުރިޔަސް، މި ކުރަނީ ތިން ފައުންޑަރުންގެ ޖީބުން އެކަނި. އެހެންވީމަ އެއިޑް ކަލެކްޓް ކުރިޔަސް، 100 ޕަސެންޓް ހަދިޔާ ކުރާނީ ފަލަސްތީނަށް." ޝަޒްރާ ވިދާޅުވި އެވެ.

ފާޑުކިޔުމާއި ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކުރުމަށްފަހު ވެސް އެ ޖަމިއްޔާއިން ތިބީ ސާބިތު ކަމާއެކު ޣައްޒާގެ ރައްޔިތުންގެ ދިފާއުގަ އެވެ. މިހާރުވެސް ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ވިޔަފާރަވެރިންނާ ބައްދަލުކޮށް، އިޒްރޭލުން ދޭ ހަމަލާތަކަށް ވާގިވެރިވާ ގައުމުތަކާއި އެ ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލާ ބެހޭ މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާއިން މެދުކެނޑުމެއް ނެތި ދަނީ ކުރަމުންނެވެ.