ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއެއްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުވާ ބޭރުކުރަން ހުށަހަޅައިފި އެވެ.
11 ފެބުރުއަރީ 2025
ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއެއްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުވާ ބޭރުކުރަން ހުށަހަޅައިފި އެވެ.
ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އުފުލާފައިވާ ޓެކުމުގެ 13 ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެވެ. އެ އަޑުއެހުމުގައި އޮތީ ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.
އަހްލާންގެ ވަކީލް އަލީ ސައީދު ހުށަހެޅުއްވީ ދައުވާގައި ބުނާ އަމަލަކީ ކުންފުނީގެ ފަރާތުން ކޮށްފައިވާ ކަމެއް ކަމަށް ވާއިރު، އޭގެ ޒިންމާ ފަރުދީ ގޮތުން އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައި، ދައުވާ ބޭރުކޮށްދިނުމަށެވެ. ވަކީލް ވިދާޅުވި ގޮތުގައި ކުންފުންޏަކީ ވަކި ޝަހުސެއް ކަމަށާއި ކުންފުނީގެ އަމަލުތަކުގެ ޒިންމާ ވެސް ނަގަން ޖެހޭނީ ކުންފުނިން ކަން ކުންފުންޏާ ބެހޭ ގާނޫނުން ސާފުކޮށް އެނގެން އޮވޭ ކަމަށެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާ އޮތް ގޮތުން ޖިނާއީ ކުށެއް ވިޔަސް، ދައުވާ އުފުލަން ޖެހޭނީ ކުންފުނީގެ މައްޗަށް ކަން އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ސަން ކުންފުނީގެ މައްޗަށް އަދި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ އުފުލީ އެ އުސޫލުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން މި މައްސަލާގައި ވެސް ދައުވާގައި ބުނާ ކަންކަމަކީ ކުންފުނި ކުރި ކަމަށް ބުނާ އަމަލުތަކަކަށްވާތީ، ދައުވާ އުފުލަން ޖެހޭނީ ކުންފުނީގެ މައްޗަށް ކަމަށް ވަކީލު ގަބޫލުކުރައްވަ އެވެ. އޭގެ ޒިންމާ ހިއްސާދާރުން ވެސް އަދި ޑިރެކްޓަރުން ވެސް ފަރުދީ ގޮތުން އުފުލަން ނުޖެހޭނެ ކަމަށާއި ޖަވާބުދާރީވާން ވެސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްހާންގެ ދެ ކޮއްކޮ ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ ވަކީލް އާޒިމާ ޝަކޫރު ވެސް ވިދާޅުވީ "ކޯޕަރޭޓް ވެއިލް" އަކީ ގާނޫނުތަކުން ކަނޑައަޅާފައިވާ ކަމެއް ކަމަށާއި ކުންފުންޏެއްގެ އަމަލަކަށް ފަރުދީ ގޮތުން ޒިންމާ ނުކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ "ކޯޕަރޭޓް ވެއިލް" ނަގާ ހާލަތުގައި ކަމަށާއި އެ ހާލަތަކީ ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދާ ކަމަށް ސާބިތުކުރެވޭ ހާލަތް ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުގެ ވަކީލް ހައްވާ ނަހީ ވިދާޅުވީ މި ދައުވާތައް ކުރަނީ ކުންފުންޏަކުން ކުރި ކުށަކާ ގުޅިގެން ނޫން ކަމަށާއި ދައުވާތައް ކުރީ ކުންފުނި ބޭނުންކޮށްގެން ކުންފުނީގެ ނަމުގައި އެ ތިން މީހުން ކުރި ކުށާ ގުޅިގެން ކަމަށެވެ. އެހެންކަމުން، ފަރުދީ ގޮތުން އެ ކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި "ކޯޕަރޭޓް ވެއިލް" ނެގުމަށް ކަމަށް ބުނެ، ވަކި އަޑުއެހުމެއް ބާއްވައިގެން އެ ކަންކަން ސާބިތުކޮށްދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ފަރުދީ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަން ސާބިތުވާ މިންވަރަށް މައްސަލާގައި ހެކި ހުށަހަޅާފައިވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެހެންކަމުން މައްސަލާގައި ގާޒީ ގޮތެއް ކަނޑައަޅުއްވާއިރު، ކުށަށް ޒިންމާ އުފުލަން ޖެހޭ މިންވަރު ކަނޑައެޅޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. މީގެ ކުރިން ވެސް ކުންފުނީގެ ނަމުގައި ފަރުދީ ގޮތުން މީހުން ހިނގާފައިވާ އަމަލުތަކާ ގުޅިގެން ދައުވާ އުފުލާފައިވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އެއް މައްސަލައަކީ ސީލައިފް މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) އަށް ކުރި ދައުވާތަކެވެ.
ކިންގްސް ކެޕިޓަލްގެ ހުށަހެޅުމާ މެދު މިއަދު ގާޒީ ގޮތެއް ނުނިންމަވަ އެވެ.
މިއަދުގެ އަޑުއެހުމަށް އަލްހާން އަދި އޭނާގެ ވަކީލު ގަޑި ޖެހިގެން ހާޒިިރުވެފައިވާތީ 250ރ. އިން ޖޫރިމަނާކުރި އެވެ. އަލްހާންގެ ކޮއްކޮ ޝަހުބާން ވަނީ އަޑުއެހުމުގައި ނޫސްވެރިން އޮންލައިންކޮށް ބައިވެރިވާތީ އެކަމާ އިއުތިރާޒު ކޮށްފަ އެވެ. އޭނާ ބުނީ ނޫސްވެރިން ވެސް ޖެހޭނީ ކޯޓަށް ހާޒިރުވެ، އަޑުއެހުމަށް ވަންނަން ކަމަށެވެ.
ނަމަވެސް، ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ މި މައްސަލައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މައްސަލައަކަށްވާތީ ނޫސްވެރިންނަށް ވީހާ ވެސް ބޮޑަށް ފުރުސަތު ދެއްވަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، އަޑުއެހުމަށް ނޫސްވެރިންނަށް އޮންލައިންކޮށް ވަނުމަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ގާޒީ އެ ނިންމުމާ މެދު ޝަހުބާން އިތުރަށް ވާހަކަ ދައްކަން ބޭނުންވިޔަސް، ގާޒީ އެ ފުރުސަތެއް ނުދެއްވަ އެވެ.
ސްކީމް ހިންގި އަލްހާނާއި ދެ ކޮއްކޮއަށް ދައުވާކޮށްފި
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު އުމުރަށް ޖަލަށް
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ޝަރީއަތްތައް ލަސްވާތީ އިހުސާންގެ ރައްދެއް!
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ޑްރަގް ޓްރެފިކްކުރި މީހަކު ޖަލަށްލައި،ބޮޑު ޖޫރިމަނާއެއް